ކ. މާލެ
|
22 އޭޕްރިލް 2024 | ހޯމަ 18:50
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ޑރ ޝަހާބުއްދީން ޔައުޤޫބް ގުރައިޝީ
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ޑރ ޝަހާބުއްދީން ޔައުޤޫބް ގުރައިޝީ
ރާއްޖެއެމްވީ
މަޖިލިސް އިންތިހާބު
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
 
ހުރިހާކަމެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ ތަހުޒީބުކޮށް
 
މަރުކަޒުގެ ތެރޭގައި ކަންކަން ހަމަޖެހިފައި ހުރިގޮތުން ހިތްހަމަޖެހުނު

އާދީއްތަ ދުވަހު ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބަހައްޓާފައި ހުރި ބޫތު ބަހައްޓާފައި ހުރި ގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވުނު ކަމަށާއި، ވޯޓުލާ މީހުންނަށް ކަރުދާހުގެ ފޮޓޯ ނެގުމާއި ކަރުދާސް ބަދަލުކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ޑރ ޝަހާބުއްދީން ޔައުޤޫބް ގުރައިޝީ ވިދާޅުވެއްޖެއެވެ.

އިންތިހާބު އޮބްޒާވްކުރަން އައި ބޭރުގެ އޮބްޒާވަރުންގެ ޓީމުގެ އިސްވެރިޔާ އަދި އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ޑރ ޝަހާބުއްދީން ޔައުޤޫބް ގުރައިޝީ ވިދާޅުވީ އިންތިހާބުގެ މަސައްކަތްތައް ކުރިއަށްދިޔައީ ސުންގަޑިއަށް ކަމަށާއި، ވޯޓުލާ މަރުކަޒުތައް ގަޑިއަށް ހުޅުވިގެން ދިޔަ ކަމަށެވެ. މީގެ އިތުރުން ހުރިހާކަމެއްވެސް ދިޔައީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި، ހުރިހާކަމެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ ތަހުޒީބުކޮށް ކަމަށެވެ.

ޝަހާބުއްދީން ވިދާޅުވީ މަރުކަޒުގެ ތެރޭގައި ކަންކަން ހަމަޖެހިފައި ހުރިގޮތުން ހިތްހަމަޖެހުނު ކަމަށާއި، އެގޮތުން ގޮނޑިތައް އަތުރާފައި ހުރިގޮތާއި، ފަންކާ ހުރުން ފަދަ ކަންކަން ފާހަގަކުރެވުނު ކަމަށެވެ.

އިންޑިއާގައި ވޯޓުލުން ކުރިއަށްދާއިރު، އެތަނުގައި ނުހުންނާނެ ފަންކާއެއް އަދި އިށީންނާނެ ތަނެއް. ކިއުގައި މީހުން ތިބޭނީ ތޮއްޖެހިފައި. އެއީ އަޅުގަނޑުމެން ބަލައިގަންނާނެ އަދި އެއަށް ރިއާޔަތްކުރާނެ ކަމެއް. މުވައްޒަފުން ފަރާތުން އިހުތިރާމާއި އެއްބާރުލުން ލިބިގެންދިޔަ. ޖަލަށްވެސް ދިޔައިން. ފެނިގެން ދިޔައީ ޖަލުގައި 10 ޖެހުމުގެ ކުރިން ހުރިހާ ގައިދީން ވޯޓުލާ ނިންމިތަން. މިއީ އިންޑިއާއަށް އައުކަމެއް. އިންޑިއާގައި ގައިދީއަކަށް އިންތިހާބުގައި ވާދަކޮށް މިނިސްޓަރަކަށް ވެސް ވެވިދާނެ. އެކަމަކު ވޯޓެއް ނުލެވޭނެ. އެކަމާއި އަހަރުމެން މިދަނީ ވަކާލާތުކުރަމުން، ކޮންމެވެސް ދުވަހަކުން އެކަންވެސް ވާނެ ކަމަށް މި ބަލަނީ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ޑރ ޝަހާބުއްދީން ޔައުޤޫބް ގުރައިޝީ

ޝަހާބުއްދީން ވިދާޅުވީ 90 އިންސައްތަ އޮފިޝަލުންނަކީ އަންހެނުން ކަމަށާއި، އެއީ އޮބްޒާވްކުރުމުގެ ތެރެއިން ފާހަގަކުރެވުނު މުހިންމު އެއްކަންތައް ކަމަށެވެ. މީގެ އިތުރުން ވޯޓު ގުނުމުގެ މަސައްކަތް ގަޑިއަށް ފެށުނު ކަމަށާއި، ހުރިހާކަމެއްވެސް ދިޔައީ އަމާންކަމާއެކު ކަމަށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ތިބި ފަރާތްތަކުން ވެސް ދިނީ ޕޮޒިޓިވް ކޮމެންޓްތަކެއް ކަމަށެވެ.

އޭނާ ވަނީ ބޫތު ބަހައްޓާފައި ގޮތާއި އެކަންކޮށްފައިވާ ސަބަބު އެނގިވަޑައިގަތުމުން އެކަމަށްވެސް ތައުރީފް ކުރައްވާފައެވެ.

ވޯޓުގައި ފާހަގަ ޖަހާ ބޫތުގައި ވޯޓުލާ މީހާ ހުންނަންޖެހެނީ އެތަނުގައި ތިބޭ މީހުންނަށް ފުރަގަސްދީގެން ބޫތު ތެރެއަށް ކުޑަކޮށް ވަދެ ފާހަގަޖަހަން. މިއީ އިންޑިއާގައި ކުރިއަށްދާ ގޮތެއް ނޫން. ނަމަވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ، މިކަން ރާއްޖޭގައި ކުރަނީ މުހިންމު ސަބަބުތަކެއް ހުރެގެންކަން. އެއީ ބޫތު ފަހަތުގައި ހުންނަ ނަމަ ވޯޓުލާ މީހާއަށް ފޯނުން ފޮޓޯ ނެގޭނެ. ނޫނީ ކަރުދާސްކޮޅު ބަދަލުކޮށްލާ ހެދޭނެ. އެހެންވީމަ އެއީ ވަރަށް ރަނގަޅު ކަމެއް. ދެން ވޯޓުގައި ޖަހާ ފާހަގަ ފެނޭތޯވެސް ބެލިން. ނަމަވެސް ބޫތު ހުރިގޮތުން އެކަމެއް ނުފެނޭ އަދި ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވެނު.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ޑރ ޝަހާބުއްދީން ޔައުޤޫބް ގުރައިޝީ

ޝަހާބުއްދީން ވަނީ އިންތިހާބުގެ އިންތިޒާމްތަކުގެ ތެރެއިން ހުރި ކުދި ކުދި ރަނގަޅު ކަންކަން ފާހަގަކޮށް އެކަމުގެ ސަބަބުން އިންތިހާބުގެ ކަންކަމަށް ލިބިފައިވާ ލުއިފަސޭހަތަކަށްވެސް ތައާރަފް ކުރައްވާފައެވެ. އެގޮތުން ވޯޓާސް ލިސްޓުގައި ޖިންސް ވަކިކުރަން ދެ ކުލައަކުން ހައިލައިޓް ކުރުމާއި، އޮންލައިން އަދި މެނުއަލްކޮށް ވޯޓުލާތަން ބެލޭނެ ގޮތް ހެދުން ފަދަ ކަންކަން ހިމެނެއެވެ.

އޭނާ ވިދާޅުވީ އިންތިހާބަށްފަހު ރިއަލްޓައިމްގައި ނަތީޖާތައް އިލެކްޝަނަށް ލިބެމުންދިޔަ ކަމަށާއީ، އެއީ ޝައުގުވެރިކަން ހުއްޓުނު އެއްކަންތައް ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި އިންތިހާބާއި ދޭތެރޭގައި ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ.

ކޮމެންޓް