ކ. މާލެ
|
22 އޭޕްރިލް 2024 | ހޯމަ 09:40
މަޖިލިސް އިންތިޚާބު 2024
މަޖިލިސް އިންތިޚާބު 2024
ރާއްޖެ އެމްވީ
ވޯޓާސް ޓާންއައުޓް ދަށްވުން
މި އަހަރުގެ މަޖިލިސް އިންތިޚާބުގެ ވޯޓާސް ޓާންއައުޓް ދަށް
 
19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާފައިވަނީ 81.3 އިންސައްތަ މީހުން
 
މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ އެ ހައްގު ލިބޭ އެންމެ 75 އިންސައްތަ މީހުން

މި އަހަރުގެ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ވޯޓާސް ޓާންއައުޓް ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ އެ ހައްގު ލިބޭ އެންމެ 75 އިންސައްތަ މީހުންނެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 215,860 މީހުންނެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާފައިވަނީ 215،053 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 81.3 އިންސައްތަ މީހުންނެވެ.

20 ވަނަ މަޖިލިސް އިންތިޚާބުގެ ވޯޓާސް ޓާންއައުޓް ދަށްވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވެސް ވޯޓުލާން ނުކުތް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ރިޔާސީ އިންތިޚާބުގައި ވެސް ވޯޓުލާން ނިކުތީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 79 އިންސައްތަ މީހުންނެވެ.

އިންތިޚާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ދަށްވާތީ އެކަމުގެ ކަންބޮޑުވުން އިލެކްޝަން ކޮމިޝަނުން ފާޅުކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން މީގެކުރިން އީސީގެ ނައިބު ރައީސް ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓާސް ޓާންއައުޓް ދަށްވެގެންދަނީ ކަންބޮޑުވާ މިންވަރަށް ކަމަށާއި، މިމައްސަލަ ހައްލުކުރުމަށް ހުރިހާ ރައްޔިތުން އެކުއެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ވޯޓާސް ޓާންއައުޓް ދަށް މައްސަލަ ހައްލުކުރުމަށް ގައުމީ ފެންވަރުގައި ދިރާސާއެއް ހަދަންޖެހޭ ކަމަށާއި، ރައްޔިތުން އިންތިޚާބުތަކުގައި ވޯޓުލާން އެހައި ފޫހިވާ ސަބަބުތައް ދެނެގަނެ މިމައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. މަޖިލިސް އިންތިޚާބުގެ ފަހުން އިންތިޚާބެއް ނެތި ދެއަހަރު ދުވަސް ލިބިގެންދާއިރު، އިލެކްޝަން ކޮމިޝަނުން މިދިރާސާ ހެދުމަށް މަސައްކަތްތައް ފަށާނެ ކަމަށާއި، އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް