ދެރަކަމެއް ދިމާވުމުން ދެރަވުމާ ހިތާމަކުރުމާ، އަސަރުކުރުމާ ކަންކަމާ މޮޅިވުމާ ލޮލުން ކަރުނަ ހިލުމާ ރުއިމަކީ އާންމު އިންސާނުންގެ ކިބައިގައި ނެތިނުދާނޭ އިހުސާސްތަކެކެވެ. މީހުންނާމެދު ރަހުމުކުރުމާ އޯގާތެރިވުމާ އަޅާލުމަކީ އިންސާނާގެ ކިބައިގާ ލައްވާފައިވާ ސިފަތަކެކެވެ. މިދެންނެވި އުސޫލާއި ހަމައިން ނެއްޓި މީހުންގެ މައްޗަށް ގަދަވެގަނެ އަނިޔާވެރިވެ އުޅޭ މީހުންނަށް ޖަނަވާރުންނޭ ވެސް ކިޔާ އުޅެއެވެ. އަދި އުރުދޫ ބަހުން އެމީހުންނަށް ޕައްތަރުދިލް ނުވަތަ ޖާންވަރު އޭވެސް ކިޔާއުޅެއެވެ. ދަންނަވަންތޯއެވެ. މިކަމުގައި އަޅުގަނޑުގެ ގަލަން ހިންގާލަން މިޖެހުނީ ހަމަ ހަޤީޤަތުގައި ވެސް ކުރިއަސަރެއްގެ ބޮޑުކަމުންނެވެ. ލޮލުން އޮހޮރުނު ކަރުނަތަކެއްގެ ގިނަކަމުންނެވެ.
އެންމެ ފުރަތަމަ އަނަސްގެ ވާހަކައިން ފަށަމާތޯއެވެ. ހަށިގަނޑުގެ އެތައް މިތަނަށް ވަޅިހަރާ ކޮށާކުދިކޮށް މަރާ ވައްޓާލާފައިއޮތް ތަނުގައި އެ ހަށިގަނޑުން ނުކުތް ލެއިން ހެދުނު ކޯރުގެތެރޭގައި އޮއްވާ ފެނުނު އަނަސްގެ އާއިލާއިން އޭނާއަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި ބޭއްވި ހިނގާލުމެއް އަޅުގަނޑުވެސް ދުށީމެވެ.
އޭނާގެ މައިންބަފައިންނާއި އާއިލާގެ މީހުންނާއި އެކުވެރިން އަނަސްއަށް އިންސާފު މިންވަރު ކޮއްދެއްވާ ރަހުމަތްލެއްވުން އެދި ދުޢާކޮށް ރޮމުން ގިސްލަމުން ދިޔަ އަޑުވެސް އެހީމެވެ. ރަށެއްގެ ރައްޔިތުން ނުކުމެ ރޮއި ހިތާމަކޮށް މުޅި ރަށުތެރޭގައި ހިނގާ، ކަމާބެހޭ ފަރާތްތަކުގެ ކިބައިން ސަލާންޖަހަމުން ދިޔައިރު ސަރުކާރުގެ ބޮޑެތި ބޭފުޅުން އުޅުއްވަމުން ގެންދެވީ ޕެރަޝޫޓްގެ ކުޅިވަރުތަކުގައި އަވަދިނެތިއެވެ. ހީސަމާސާކުރެއްވުމާއި ސަކަރާތް ޖެއްސެވުމުގައި ޣާފިލްވެފައިއެވެ. އަނެކާގެ ލޮލުން ފައިބާ ކަރުނައިން ތިމާގެ ލޯ ފެންކަޅި ވާނީ ހިތެއް އޮތް މީހެއްގެ ނޫންތޯއެވެ؟ ކިތަންމެ ނިކަމެއްޗަކަސް ރާއްޖެތެރޭގެ މީހުންނަކަސް އެއީވެސް ތިމާގެ ރައްޔިތުން ކަމާއި އިންސާނުންކަން ހަނދުމަފުޅު ހުންނަނަމަ އެހެން އިންނަވާކަށް ނުކެރޭނެތާއޭ ހިތައްއެރިއެވެ.
މިއަށްވުރެ އަދި އަސަރު ހުރި ވާހަކައެއް ދަންނަވާލަންތޯއެވެ. އަމިއްލަ އެދުން ބޮޑުވިޔަސް މިއީ ފުކެއް ބޮޑުވަރުނޫންތޯއެވެ.
ޤާސިމް އިބްރާހިމް ދެނެލައްވަންތޯއެވެ. ލިބިލައްވާފައިވާ ތަނަވަސްކަމާއިއެކު ނިކަމެތިންގެ ހާލު ބައްލަވާ މީހުންނަށް އެތިކޮޅު ދެއްވަވާ އެކިވަރުގެ މުހުތާދުތައް ފިލުވައިދެއްވާ، ބޭސްފަރުވާ ކޮށްދީ އުޅޭ މަޝްހޫރު ބުރުމާ ޤާސިމް ހަނދުމަފުޅު އެބަހުރިތޯއެވެ؟. ކުދި ކުދި ބަލިތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ހިތުގެ އޮޕަރޭޝަންތަކާއި ހަމައަށް ބޭސްފަރުވާ ކޮއްދެއްވުމުގައި އުމުރު ހޭދަކުރައްވަމުން ގެންދަވާ ޤާސިމްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރަން ޖެހި އެކަން ނުކުރެވި ފުރައިގެން ދެވޭނެ ގޮތެއް، ހެދޭނެ ގޮތެއް ނެތިފައި ލާޗާރުވެފާ އެހުންނަވަނީ އޮޕަރޭޝަނަށް ފައިސާ ހަމަނުވެގެންތޯއެވެ؟ އެހީ ހޯދަންލީ ސިޓީއެއްގެ ޖަވާބު ނުލިބިގެންތޯއެވެ؟ ނުވަތަ އާސަންދަ ހަމަނުޖެހިގެންތޯއެވެ.
އަމިއްލަ އަތުން މިލިއަނުން މިލިއަނުން ހަރަދުކޮށްގެން ގެނައި ސަރުކާރާ ޖާނާމާލުން ޤުރުބާންވެގެން ހޮވި ވެރިމީހާ އާ އަތްމަތި ހުސްވަންދެން ހޭދަކޮށްގެން ހޮވި ބައެއް މެމްބަރުންނަށް މިއަދު މުހިންމީ ޤާސިމްގެ ޕާސްޕޯޓު ހިފަހައްޓައިގެން ބޭސްފަރުވާ ކުރިއަނުދީ އޭނާގެ މައްޗަށް އަނިޔާވެރިވުމޭ ދެންނެވުން ނޫން ދެން ދަންނަވަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟
އަނަސް މަރުވެ ޤާސިމް މަރާ ހަނގުރާމަ ކުރައްވަމުން ގެންދަވާއިރު ސައުދުގެ ވާހަކަ އަޑުއެހި މީހެއްގެ ލަގޮނޑި ފަޅައިގެން ދާނެ ކަމާއިމެދު ޝައްކެއްނެތެވެ. އާދިއްތަ ދުވަހުގެ އިރުއެރުމާއިއެކު އިވިގެން ދިޔައީ އަނެއްކާވެސް މަރެއްގެ ވާހަކައެވެ. އެކަމަކު މިފަހަރު އެއީ ޤުދުރަތީ މަރެކެވެ. ނިޔާވެގެން އުޅެނީ ވިލިނގިލީ ދާއިރާގެ އިއްޒަތްތެރި މެމްބަރު ސައުދު ހުސެއިންގެ ލޮބުވެތި މަންމައެވެ. ސައުދު ހުންނެވީ ޖަލުގައިއެވެ. ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކުމުން ރައީސްއާމެދު ހިތްހަމަނުޖެހިގެން ވާހަކަ ދައްކަވަން ފެއްޓެވުމުން ދައްކަވަން ޖެހުނު އަގެއްގެ ސަބަބުން އެ އަގު އަދާކުރެއްވުމަށް ގޮނޑި ގެއްލުވާލެވިފައިވާ މީހެއްގެ ގޮތުގައިއެވެ. ހެނދުނު 9 އެއް ޖެހި އިރު ސައުދުގެ މަންމަ ނިޔާވި ހަބަރު އަޅުގަނޑުވެސް އަޑު އެހީ ހިތާމައާއި އެކުގައިއެވެ. އެކަމަކު ސައުދުގެ މަންމަ ނިޔާވެގެން އުޅޭ ތަނުން ސައުދު ފެންނާނެކަމުގެ އުންމީދުގައި ހިތްހަމަ ޖައްސާލީއެވެ. 10 ޖެހި އިރު އިވުނީ މީހަކު ހިތައްވެސް ނާރާނެ ވަރުގެ ހަބަރެކެވެ. ގަޑިން 10 ޖެހުމާއިއެކު ސައުދު ހާޒިރުކުރެވުނީ ކޯޓަށެވެ. ހައިރާންވެ އަންތަރީސް ނުވާނެތޯއެވެ؟ މީހުން މީހުންނަށް އަނިޔާ ކުރާ ވާހަކަ އަޑު އަހަމެވެ. ރަހުމުކުޑަ އިންސާނުންގެ ވާހަކަވެސް އަޑުއަހަމެވެ. އެކަމަކު މިވަރުގެ ކަމެއް ފެނިފައިއެއް ނެތެވެ. އެބަޔަކަށްޓަކައި ސައުދުގެ ސިޔާސީ ހަޔާތް ޤުރުބާންކުރި ސަރުކާރަށާއި އެ ސަރުކާރުގެ ވެރިންނަށް ސައުދުގެ މަންމަގެ ޖަނާޒާއަށް އޭނާ ފޮނުވުމަށްވުރެން މުހިންމުވީ ޝަރީޢަތް އަވަސްކޮށް ޙުކުމް އަވަސްކުރެވޭތޯ ބެލުމެވެ. ބަނޑުއަޅައި ވިހެއި މަންމަގެ މޫނު ދެއްކުމަށް ވުރެ މުހިންމީ އެ ހާލަތުގައި ވެސް، ސައުދަށް އަނިޔާއެއް ދިނުމެވެ. އިތުރަށް ދެރައެއް ދިނުމެވެ. ޖަލުގެ އޮފިސަރުން ތިބީ ޖަނާޒާގެ ކަންތައް ނިމުން ލަސްވެގެންނެވެ. ނިމުމާއެކު ގެންދިޔައީ އެންދިޔައީ ޖަލަށެވެ .
ބުއްދި ދެއްވުމުން އިންސާނާ މާތް ކުރެއްވި އެހެން މަޙްލޫޤުންނާއި ތަފާތު ތަކެއް އޭނާގެ ކިބައިގައި ލައްވާފައި ވުމުންނެވެ. އޯގާތެރިކަމާއެކު ފިރުމާނެ އަތަކާއި، އެހެންމީހުންނާއި މެދު ރަހުމުކުރާނެ ހިތަކާއި ،ދެރަވުމުން ކަރުނަ އަޅާނެ ލޮލަކާއި، އެހެން މީހުންގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް އިންސާނާއަށް ދެއްވީ ހަމަ ހަޤީގަތުގައިވެސް އެއީ އެންމެ ޝަރަފުވެރި މަޙްލޫޤަށް ވުމުން ކަމާއިމެދު ޝައްކެއްނެތެވެ. އެކަމަކު މި ސަރުކާރުން އެކި އެކި މީހުންނާއިމެދު އަނިޔާވެރި ވަނީ އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތިއޭ ދެންނެވުން ނޫން ދަންނަވާނެ އެހެން އެއްޗެއްނެތެވެ.