ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 18:17
ރައީސް ޑރ.މުހައްމަދު މުއިއްޒާއި، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު
ރައީސް ޑރ.މުހައްމަދު މުއިއްޒާއި، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު
ރައީސް އޮފީސް
ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު
ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
 
ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ހުރަސްއެޅިކަން ރައީސްއަށް އެނގިވަޑައިނުގަންނަވާ
 
ފްލެޓުގެ މައްސަލަ އޭސީސީން ބަލަމުންދަނިކޮށް ފްލެޓުތައް ދޫކުރާނެ ކަމަށް ވިދާޅުވި
 
އިގްތިސާދުގެ ހާލަތު އެނގިވަޑައިނުގަތް ޑޮލަރުގެ ލިމިޓް އުވާލައްވާނެ ކަމަށް ވިދާޅުވި

ގައުމުގެ ވެރިޔާއެވެ. ވަލިއްޔުލްއަމްރެވެ. ގައުމުގެ ހުރިހާ ކަމެއްގެ އެންމެ އިސް ފަރާތެވެ. ދައުލަތުގެ 3 ބާރުގެ ވެރިޔާއެވެ.

އެހެންނަމަވެސް އެ ޒިންމާގެ ވާހަކަ އެއް ފަރާތްކޮށްފައި ފުރަތަމަ އަމިއްލަފުޅު ޕާޓީގެ އެތެރޭގެ ކަންކަމަށް ބަލާލަމާ ހެއްޔެވެ؟

އޭގެ މިސާލެކެވެ. ޕީއެންސީގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީއަށް ހުރަސް އަޅައި، ޕްރައިމަރީން ވަކި ކުރުމަށް ޕާޓީން ފޮނުވި ސިޓީތަކެއްގެ ވާހަކައެވެ. އެފަދަ އެތައް ސިޓީއެއް ލިބުނު މީހުން އެބައުޅެއެވެ. އޭގެ ތެރެއިން ކެންޑިޑޭޓެއްގެ ސަޕޯޓަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ އޭނާ ޕީއެންސީގެ ޕްރައިމަރީއިން ވަކި ކުރުމަށް ސިޓީފުޅެއް ފޮނުއްވާފައި ނުވާނެ ކަމަށެވެ. އަދި އެކަންކަމަކީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަންކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއީ އަމިއްލަފުޅު ޕާޓީގެ ކަންކަމުގެ ހަލަތެވެ. ދެން ގައުމުގެ ހަލަތަށް ޖެހިލާނަމެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ޑޮލަރު ލިމިޓް އުވާލައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ވެރިކަމުގެ ފުރަތަމަ 3 މަހު ޑޮލަރު ލިމިޓު ޑަބަލް ކުރައްވާނެ ކަމަށާއި، އެއަށްފަހު އުވާލައްވާނެކަމަށް އޭރު ރައީސް ވައުދުވެވަޑައިގެންނެވީ އިގްތިސާދީ ގޮތުން ބަލަންޖެހޭ ކަންކަން ނުބަލާކަން މިއަދު މިއޮތީ ހާމަވެފައެވެ.

25 ޑިސެންބަރު 2023 ވީ ހޯމަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭރުގައި ކިޔަވާ ކުދިންނަށް 1 ފެބްރުއަރީން ފެށިގެން 1200 އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށް ނިންމަވާފައިވާކަން ސަރުކާރުން ހާމަކުރިއެވެ. މިހާރު ބޭރުގައި ކިޔަވާ ކުދިންނަށް ކާޑަކުން ބޭނުން ކުރެވޭ ލިމިޓަކީ 750 އެމެރިކާ ޑޮލަރެވެ. މި ނިންމުމާއެކު ފިނޭންސް މިނިސްޓްރީން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ގޮތުން މިކަން ތަންފީޒު ނުކުރެވޭނެކަން އަންގާ ބަޔާނެއް ނެރިފައެވެ.

އެހެންކަމުން މިކަމުން ވެސް ދޭހަވަނީ ރައީސްއަށް ރާއްޖޭގެ އިގްތިސާދީ ހާލަތު އެނގިވަޑައިނުގަންނާވާކަމެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމާއި ގުޅޭގޮތުން ވެސް ރައީސް ދައްކަވާ ވާހަކަފުޅުތައް ދެކޮޅެއް ނުޖެހެއެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކޮށްފައިވާ ފްލެޓުތަކުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވި ހިސާބުން މިމައްސަލައާ ގުޅޭ ގޮތުން ވެސް ރައީސް ވަނީ ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ދެ ހަފްތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު ފްލެޓުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާތީ އެ މަސައްކަތް އޮތީ ހުއްޓިފައެވެ. މިމައްސަލައާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ސަރުކާރުގެ ފަރާތުން ޖަވާބެއް ދީފައިނުވެއެވެ.

އެހެންކަމުން ގިނަ ރައްޔިތުންނާއި ގުޅިފައިވާ މިފަދަ ބޮޑެތި މައްސަލަތަކުގައި ވެސް ވާނުވާއެއް ރައީސްއަށް އެނގިވަޑައިނުގަންނަވައޭ ބުންޏަަސް ދޮގަކަށް ނުވާނެއެވެ.

ދެން އޮތީ ގައުމުގެ ސިޔާސީ މަސްރަހުގެ ވާހަކައެވެ.

މިފަހުން ހިނގާދިޔަ ކަންކަމަށް ބަލާއިރު، 9 އޭޕްރީލް 2024 ވީ އަންގާރަ ދުވަހުގެ ރޭ ޕީއެންއެފް އުފެއްދުމަށް ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވައި، ޕެޕަރ ސްޕްރޭ ޖަހައި، ޝީލްޑުން ރައްޔިތުންނަށް އަނިޔާކުރިއިރު ރައީސްއަށް އެނގިވަޑައިނުގަންނަވައެވެ. މިމައްސަލާގައި ވެސް އެންމެފަހުން ކުށްވެރިވީ އަމުރަށް ބޯލަބައި އެމަސައްކަތަށް ނުކުތް ފުލުހުންނެވެ.

މިގައުމުގައި ހިނގާ ބޮޑެތި ކަންކަމާއި، ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބޮޑެތި މައްސަލަތައް ރައީސްއަށް އެނގިވަޑައިނުގަންނަވާނަމަ އެކަން އެނގިވަޑައިގަންނަވާނީ ކޮން ބޭފުޅަކަށްތޯ މިއީ ރައްޔިތުން މިއަދު އުފައްދަމުންދާ ސުވާލެކެވެ. އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާނަމަ އެބޭފުޅަކު ގައުމުގެ ވަލިއްޔުލްއަމްރު މަގާމުގައި ހުންނެވުމަށްވުރެ އަމިއްލަފުޅަށް ވެރިކަމުން ފައިބައިވަޑައިގެން ގައުމުގެ ކަންކަން އެނގޭ ބޭފުޅަކާއި ގައުމު ހަވާލުކުރެއްވުމަކީ މާރަނގަޅު ކަމެއް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
100%
0%
0%
0%
0%
ކޮމެންޓް