މާލެސިޓީގައި ރައްޔިތުން ދިރިއުޅެމުން ގެންދަނީ 8 ފޫޓު 10 ފޫޓުގެ ކުދިކުދި ގޮޅިތަކުގައި ކަމަށާއި، އެހާލަތު ބަދަލުކުރުމަށް ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓުތައް އަވަހަށް ދޫކުރަންޖެހޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަމުންދަނީ ކައުންސިލަރުން ކަމަށާއި، ވަރަށް ރަނގަޅަށް ރައްޔިތުން ހާލަތު އެނގޭ ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ގިނަ އާއިލާތައް ދިރިއުޅެމުންދަނީ 8 ފޫޓު 10 ފޫޓުގެ ކުޑަ ކޮޓަރިތަކުގައި ކަމަށާއި، ބަދިގެ، ސިޓިންރޫމް އަދި ފާހަނާ ވެސް ހުންނަނީ އެ ކޮޓަރިތަކުގައި ކަމަށެވެ. އަދި ދެތިން މީހުން އެއްކޮޓަރިއެއްގައި ދިރިއުޅެމުންދާއިރު، މިފަދަ ހާލަތެއްގައި ރައްޔިތުން ބޭއްތިއްބުމަކީ ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓުތައް ދޫކޮށްލުމަށް އާޒިމް ގޮވާލެއްވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ އެންމެ ބޮޑު މައްސަލަ މާލޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ދަފްތަރުގައި ތިބި ރައްޔިތުންނަށް ވެސް. އޭރުގައި އެމްޑީޕީ ސަރުކާރުގައި ނިންމީ ދަފްތަރުގެ މީހުންނާއި، މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅުނު މީހުންނަށް ގޯތި ލިބޭ ނިޒާމު ހަމަޖެއްސުމަށްޓަކައި އުތުރުތިލަފަޅު އެއޮތީ އެކަމަށް ޚާއްސަކުރެވިފައި. ޚާއްސަކުރެވި 20،000 މީހުން އެބައޮތް އެޕްލައިކޮށްފައި އެބައޮތް ޚަބަރު ލިބޭ ގޮތުގައި އެ ގެޒެޓްވެސް ކުރެވިފައިވަނީ. މިކަންތައްތަކަށް އޯނަރ ކުރަންޖެހޭ. މިއީ ރައީސް ސާލިހު ގެއެއް ހޯދާކަށް ނޫން. ނޫނީ އަކްރަމް ކަމާލުއްދީނަށް ގޯއްޗެއް ހޯދާކަށް ނޫން މިއުޅެނީއެއް. މިއުޅެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައި އޮތް ގެދޮރުގެދަތިކަން ހައްލުކޮށްދިނުމަށް. މިކަހަލަ ކަންތައްތަކަކީ ލަސްކުރެވޭ ކަހަލަ ކަމެއް ނޫން. ރައްޔިތުން އެހާލުގައި ތިބޭތާ ގާތްގަނޑަކަށް 50 އަކަށް އަހަރުމިވީމާލޭގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ސަރަހައްދުތައް އާބާދު ކުރުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. މިއަދު ސަރުކާރު އެކަންކަމަށް އިސްކަންދީގެން މަސައްކަތް ކޮށްދިނުމަށް ވެސް އާޒިމް ގޮވާލެއްވިއެވެ. އަދި ވިދާޅުވީ އަރާމާއި އުފަލުގައި އުޅޭ މީހުންނަށް ރައްޔިތުން އުޅޭ ދަތި ހާލަތެއް އިހުސާސެއް ނުކުރެވޭ ކަމަށެވެ.