ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކެންޑިޑޭޓުން ހޮވުމަށް ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަލަށް އެ ޕާޓީގެ ޕްރައިމަރީއެއް ބޭއްވި އިރު ޕްރައިމަރީން ފެނިގެންދިޔައީ ހިތުހުރި ބަޔަކަށް ޓިކެޓްދޭން މަސައްކަތް ކުރިތަނެވެ. އަދި އެކަން ކުރީވެސް އެގޮތަށެވެ.
ކޮންމެއަކަސް ރައީސް މުއިއްޒު ހޮވަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށް ޕްރައިމަރީ ބޭއްވި ދުވަސް ނޫން ކުރީ ދުވަހު ވޯޓާސް ލިސްޓާއި ކުޅެ ނިކަން ސަކަރާތެއް ޖެހިއެވެ. އާރާއި ބާރުގައި ހުންނަވައިގެން ކުރެވޭނެ ކަންކަމަށް ބަޔަކު ފާޑުނުކިޔާނެކަމަށް ހީފުޅުކުރައްވާ ރައީސް މުއިއްޒު ގެންދެވީ ބާރުތައް ލިބޭނެހާ ގޮތަކަށް ކަން ކުރައްވަމުންނެވެ.
މެދުހެންވޭރު ދާއިރާއަށްވެސް ދިމާވި އެފަދަ ކަމެކެވެ. މެދު ހެންވޭރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އޮތް ދުވަސް ނޫން އޭގެ ކުރީ ދުވަހުގެ ރޭގައި ވޯޓާސް ލިސްޓާއި ކުޅެލިއެވެ. އަދި މިހާރު އެ ދާއިރާގެ ޓިކެޓް ހޯއްދަވައިގެން އުޅޭ ޙުސައިން ނާޞިޙް (ލަވްލީ) އަށް ޓިކެޓް ދިނުމަށް ސީދާ ރައީސްގެ އަމުރުފުޅަށް މުޅި ވޯޓާސް ލިސްޓް ބަދަލުކުރިއެވެ. އެންމެ ފަހުން އެ ދާއިރާއަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރާ ހަސަން ޝިޔާމް (ވީބީ ހަސަން) އަމިއްލަ ގޮތުން ވާދަކުރަން ނިންމިއެވެ.
ނަމަވެސް އެ ދުވަހު ރައީސް މުއިއްޒު ކަންކުރެއްވި ގޮތުގެ ހިތި މިއަދު އެ ދާއިރާގެ ރައްޔިތުން ނުކުމެ އެމަނިކުފާނުގެ ކަރުބުޑުގައި ލައްވައިފިއެވެ. ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއް ދުވަހެވެ. އެދުވަހު އޭސީ ކޮޓަރިކޮޅުގައި އިންނަވައިގެން ކުރެއްވި ކަންކަމުގެ ހިތި މިއަދު އެބަފެނެއެވެ.
ލަވްލީގެ ކެމްޕޭނަށް ރައީސް ނުކުމެ ވަޑައިގަތުމުން ދާއިރާގެ ރައްޔިތުން ނުކުމެ ނުރުހުން ބަންޑުންކޮށްލީ މަގުމަތިންނެވެ. ދާއިރާގެ ރައްޔިތުންގެ ތެރެއިން ހަސަން ޝިޔާމަށް ތާއިދުކުރާ ރައްޔިތުންގެ ތެރެއިން އައިޝަތު އުޝާމާ ބުނީ ރައީސް މުޢިއްޒު ހޮވަން މަސައްކަތް ކުރީ ހަސަން ކަމަށާއި، މިއަދު އަރިހުގައި ގެންގުޅުއްވާ ލަވްލީއެއް ނޫން ކަމަށެވެ. ހަސަން ޝިޔާމް 4 ފޮށި ނަގައިދިން ކަމަށާއި، އެކަމަކު ޑރ. މުއިއްޒު ހަސަން ޝިޔާމާއި ދޭތެރޭގައި ކަންތައް ކުރެއްވި ގޮތާއި މެދު ސުވާލު ކުރިއެވެ.
އެއިރުވެސް ރައީސް މުއިއްޒު ގެންދެވީ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ހައްދަވަމުންނެވެ. ހަމަ އެއިން އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުހެއްދެވިއެވެ. ނަމަވެސް ދާއިރާގެ ރައްޔިތުންނަށް މިއަދު އެކަންކަން ވަރަށް ސާފުކަން ހާމަކޮށްދިނެވެ.
އިއްޔެ މެންދުރު އެމްޑީޕީގައި ހުރި މީހަކު ގޮވައިގެން ތި އުޅުއްވަނީ. ދާއިރާއަކަށް ލޯތްބެއް ނެތް. ކޮބައިތޯ މިތާގައި ދާއިރާގެ މީހުން. ވަރަށް ދެރަކޮށް ޑރ. މުއިއްޒު ކުރެއްވި ކަމެއްތީ. ޕްރައިމަރީން ހަސަން ޝިޔާމް ވަކިކުރަން ސިޓީއެއް ފޮނުއްވެވީ. އަޅުގަނޑުމެން ވޯޓުގެ ދަފްތަރުން ކަނޑާލީ އެރޭ ފަތިހުގައި. އެކަންކުރި ގޮތެއް ބުނެ ނުދެވުނު. އަޅުގަނޑުމެންނޭ މަސައްކަތް ކުރީ ތިބޭފުޅާ ހޮވަން. އަދިވެސް މިއޮތީ ސްކްރީންގެ ފަހަތަށް ލާފައި ފޮޓޯ. ތިބޭފުޅާއެކު ފޮޓޯ ނަގާފައި ލޯބިން ހޮވާފައި ބޭންދި ރައީސެކޭ ތިއީ. ވަރަށް ލޯބިން ހޮވާފައި ބޭންދި ރައީސެއް ތިއީ. އެކަމަކު އަޅުގަނޑުމެންގެ ދާއިރާއަށް، ހަސަން ޝިޔާމަށް ކަންކުރީ ވަރަށް ގޯސްކޮށް.އައިޝަތު އުޝާމާ
ދާއިރާގެ ރައްޔިތުން ވަނީ ލަވްލީ އެމީހުންނަށް ގުޅާފައި ތާއީދު ހޯދަން ނޫޅޭ ކަމަށާއި، މިއަދު ކެމްޕޭންގައި ދާއިރާގެ ރައްޔިތުން ފެންނަން ނެތުމުން، ލަވްލީއަށް އޮތް ތާއީދުގެ ވާހަކައާއި މެދު ސުވާލު އުފައްދަވާފައެވެ.
މިއީ ކާކުތޯ. ކާކުގެ ތާއީދެއްތޯ އޮތީ. މި ލަވްލީ އަދިވެސް އަޅުގަނޑުމެންގެ ފޯނަކަށް ނުގުޅާ. އަޅުގަނޑުމެންނަށް ވެސް ގުޅަންވީ ނޫންތޯ. މެދުހެންވޭރު ދާއިރާގެ ރައްޔިތެއްކަމަށްވާ އައިޝަތު އުޝާމާ އެ ދާއިރާއަށް ސަރުކާރުގެ ޓިކެޓުގައި ވާދަކުރާ ލަވްލީ ނުގުޅާ ވާހަކަ ބުނުމުން، ލަވްލީ ވަނީ ގުޅިކަމަށް ބުނެފައެވެ. ރައްދުގައި އުޝާމާ ވަނީ ފޯނެއް ނާންނަ ކަމަށާއި ދޮގު ނުހެއްދެވުމަށް ބުނެފައެވެ. މިއޮއް ރޯމާ ދުވާލު ރޯދަ މަހު ކަނޑައެޅިގެން ދޮގު ހަދަނީ. ހަސަންއާއި މެދު ކަންކުރި ގޮތް ވަރަށް ބޭއިންސާފުއައިޝަތު އުޝާމާ
އުޝާމާ އެހެން ބުނުމާއެކު ރައީސް މުއިއްޒު ވަނީ އެނގިނުލައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއާއި ގުޅިގެން އުޝާމާ ވަނީ އެފަދަކަމެއް ހިނގައި މިދިޔަ 4 މަސް ދުވަސްތެރޭގައި އެކަންކަން ރައީސަށް ނޭނގި ހުންނާނެކަމަށް ގަބޫނުކުރެވޭ ކަމަށް ބުނެފައެވެ.
ވީބީ ހަސަން އަކީ މެދު ހެންވޭރުގައި ބޮޑު ތާއީދެއް އޮންނަ މީހެކެވެ. މިއަދު ރައީސް މުއިއްޒު ވަކި ބަޔަކަށް މަންފާ ހޯދަން ކުރާ މަސައްކަތުން ފެނިގެންދަނީ ހުދުމުހުތާރުކަމެވެ. އެންމެ ފަހުން ދާއިރާގެ ރައްޔިތުންގެ ތެރެއިން ބޮޑު ބައެއްގެ ތާއީދު ގެއްލި މިއަދު މަގުމަތިން ރައީސާއި ދިމާކޮށް އެވާހަކަތައް ދައްކާ ހިސާބަށް މިއަދު ކަންކަން މިއޮތީ ގޮސްފައެވެ.
މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ސާބިތު ދަރަންޏެއް އޮތުމުން، އޭނާއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ހަސަނަށް ތާއިދުކުރާ އެންމެން މިއަދު އިދިކޮޅު ކެންޑިޑޭޓް އިބޫ ޖަލީލަށް ތައިދުކުރަން މިވަނީ ނިންމާފައެވެ.
ފެންނަނީ އެންމެ ކަމެކެވެ. ހާމަވަނީވެސް އެންމެ ކަމެކެވެ. ރައްޔިތުން މި ސަރުކާރު ދެކެ ފޫހިވާން ނެގީ މަދު ދުވަސްކޮޅެއްކަމެވެ. 4 މަސްވީ އިރު އެކި ކަންކަމުގައި މަކަރާއި އޮޅުވާލުންތައް ހަދާ އެތަކެއް ބަޔަކަށް ބިރުދައްކާ، ވަޒީފާތަކުން ކަނޑާ، ޕާޓީތައް އަތުލާ އެތައް ދޮގެއް ހަދާ އަދި ނާގާބިލު އެތައް ބަޔަކަށް ސިޔާސީ ވަޒީފާދިނުމަކީ މިއަދު ރައްޔިތުން މި ސަރުކާރު ދެކެ ފޫހިވާންފެށި އެންމެ ބޮޑު ސަބަބެވެ.