ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 17:42
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު
ރައީސް އޮފީސް
ސަރުކާރު މެމްބަރުން
ސަރުކާރު މެމްބަރުންގެ ޣައިރުޒިންމާދާރު ވާހަކަ ރައީސްގެ ދޫފުޅުން
ސަރުކާރާއި އެއް ވިސްނުމެއްގެ ކެނޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރުމަކީ ނުހަނު މުހިއްމު ކަމެއްކަމަށް ރައީސް ވިދާޅުވި
ސަރުކާރުގެ ބިލުތަކަށް ވޯޓަށް އަހާއިރު ސަރުކާރުގެ އެއްވެސް މެމްބަރެއް ތަޅުމުގައި ނުތިއްބަވާ

ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކުގައި އަޑުހަރުކޮށް ދައްކަވަމުން ގެންދަވާ އެންމެ ބޮޑު އެއް ވާހަކަފުޅަކީ، މަޖިލީހަށް ސަރުކާރަށް އެއްބާރުލުންދޭނެ މީހުން ހޮވަންޖެހޭ ވާހަކައެވެ.

ދިވެހީންގެރާއްޖެ ހޯދުމަށް ދިވެހިން ފެށި ދަތުރު ކާމިޔާބުކަމާއެކު ނިންމާލެވޭނީ ޤައުމިއްޔަތާއި ތަރައްޤީގެ ވިސްނުން އިސްކުރައްވާ ކެނޑިޑޭޓުންތަކެއް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށްގެންކަމަށް ދާދި ފަހުންވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި ސަރުކާރާއި އެއް ވިސްނުމެއްގެ ކެނޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ.

އެހެންނަމަވެސް، ރައީސް އެ ވިދާޅުވާ ވާހަކަފުޅަށް ބަލާއިރު، ސަރުކާރުގެ މެމްބަރުންގެ އަމަލު ހުރީ އެއާ ދިމާ އިދިކޮޅަށެވެ.

އެއްކޮޅުން ރައީސް ވިދާޅުވަމުން ގެންދަވަނީ ސަރުކާރުގެ އެއް ވިސްނުމެއްގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ނުކޮށް ވާކަށް ނެތް ކަމަށެވެ. އަނެއްކޮޅުން ފެންނަ މަންޒަރަކީ އެ ވިދާޅުވާ ސަރުކާރާ އެއް ވިސްނުމުގެ މެމްބަރުން، ސަރުކާރުގެ ސިޔާސަތުތައް ތަމްސީލުކޮށްދޭ މުހިއްމު ބިލުތަކަށް ވޯޓުދެއްވަންވެސް ވަޑައިނުގަންނަވާ މަންޒަރެވެ.

އެހިސާބުން، ރައީސް އެ ވިދާޅުވާ ވާހަކަފުޅު ދެކޮޅު ޖެއްސޭނެ ގޮތެއް ރައްޔިތުންނަކަށް ނުވިސްނެއެވެ. ސަރުކާރުގެ ބިލުތަކަށް ވޯޓަށް އަހާއިރު ސަރުކާރުގެ އެއްވެސް މެމްބަރެއް ތަޅުމުގައި ނުތިއްބަވާނަމަ، އެ ވިދާޅުވާ ސަރުކާރާއި އެއް ވިސްނުމުގެ މެމްބަރުން ނެގުމުގެ ބޭނުމަކީ ކޮބައިބާއެވެ؟

އެކަމުގެ އެއް ހެކި ދާދިފަހުންވެސް މަޖިލީހުން ފެނިގެން ގޮސްފައިވެއެވެ.

އެހެންނަމަވެސް ހިތާމައަކީ އެކަމުގެ ހަގީގަތްވެސް އޮޅުވާލެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމެވެ. އެގޮތުން ސޮވްރިން ފަންޑުގެ ބިލް ބޭރުކޮށްލި ޣައިރު ޒިންމާދާރު އަމަލުގެ ޖަވާބު ދޭންޖެހޭކަމަށް ވިދާޅުވެ، ރައީސް ޑރ މުޙައްމަދު މުއިއްޒު މަޖިލީހަށް ބަހުގެ ހޫނު ޙަމަލާތަކެއް އަމާޒު ކުރައްވާފައިވާއިރު، ހަގީގަތަކީ އެ ބިލު ބޭރުކޮށްލަން ޖެހުނީ އެ ބިލަށް ވޯޓު ދެއްވާނެ މެމްބަރުން ނެތުމުންކަމެވެ.

ރައީސް އެ ވިދާޅުވާ ބީދައިން ބަލާނަމަ، އެކަމުގައި ޣައިރު ޒިންމާދާރުވެފައިވަނީ ރައީސްގެ މެމްބަރުންނެވެ. ސަރުކާރުގެ މެމްބަރުންނެވެ. އެހެންކަމުން ސަރުކާރުގެ މެމްބަރުން މަޖިލީހަށް ހޮވުމުގެ ވަކި ބޭނުމެއް އެބައޮތްތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް