ރާއްޖެ އަށް އަވަށްޓެރިން އެހީވާނެކަން ޔަޤީންކަމަށާއި އެކަން ކުރެވޭނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބޯހަރުކަން ދޫކޮށް އަވަށްޓެރިންނާއި އެކު މަޝްވަރާކޮށްގެން ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަ ތަރާވީހުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ދަރަނި ރީސްޓްރަކްޗަރކުރާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވި ބަސްތީގަތުމެއްގައި އެމަނިކުފާނުގެ އެންމެ ގާތް، އެންމެ އެހީތެރި ޤައުމަކީ އިންޑިއާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ އިންޑިއާ އާއި އެކު ވާހަކަދައްކައިގެން ލޯނުތައް ރީސްޓްރަކްޗަރ ކުރަން ބޭނުންފުޅުވާކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ކުރީގެ ރައީސް ޞާލިހު ވަނީ ރައްދު ދެއްވާފައެވެ.
ޗައިނާ އިން ނަގާފައިވާ ދަރަނީގެ އަގަކީ 18 ބިލިއަން ރުފިޔާ ކަމަށާއި މިއަދު ކުރިމަތިވާ ދައްޗަކީ އިންޑިއާ އިން ނަގާފައިވާ ލޯނުގެ މައްސަލަ އެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިދިޔަ 5 އަހަރުން ޗައިނާ އިން ދަރަންޏެއް ނަގާފައި ނުވާ ކަމަށައި އިންޑިއާ އިން ނެގީ 8 ބިލިއަން ރުފިޔާ ކަމަށް ކުރީގެ ރައީސް ޞާލިހު ވިދާޅުވިއެވެ. އެ ލޯނުތައް ދައްކަން ފަށަން ޖެހޭނީ 25 އަހަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދު ފެންނަނީ ޕީޕީއެމްގެ ވެރިކަމުގައި ނަގާފައި ހުރި ލޯނުތަކުން ސަލާމަތް ނުވެގެން އުޅޭ މަންޒަރުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑަށް ޔަގީން އެހީތެރިވާނެ. ބޯހަރުކަން ދޫކޮށްލާފައި މީހުންނާއި ވާހަކަދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހުން އެބަ ތިބި. އެހެންނަމަވެސް ގޮތް ދޫކުރައްވާކަށް ނޫޅުއްވާ. އަދި ކިރިޔާ އެބަ ވިސްނޭހެން އަޅުގަނޑަށް ހީވަނީ. ގޮތް ދޫކުރަން، ބޯހަރުކަން ދޫކޮށްލަން ވެއްޖެކަން. އަދިވެސް ތިމަންނަމެންނަށް އެހީތެރިވާން ތިބޭނީ އަވަށްޓެރިންނާއި އަޅުގަނޑުމެންގެ އިސްލާމީ އުންމަތުގެ ގާތް ރައްޓެހިންކަން. މެދުއިރުމަތީގެ އެއްވެސް ގައުމަކުން ވެސް 50 ތަނު ކަދުރު ނޫން އެއްޗެއް ނުލިބުނު މިހާތަނަށް އައި އިރުުކުރީގެ ރައީސް ޞާލިހު
ކުރީގެ ރައީސް ޞާލިހު ވަނީ އަދި މި ސަރުކާރު ދަތުރުކުރަމުން ދަނީ ހަމަ މަގަށް ނޫން ކަމަށް ސިފަކުރައްވާފައެވެ. އަދި ސަރުކާރުގެ މިސްރާބު ހަމަމަގަށް އަޅުވަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ މިސްރާބު ހަމަ މަގަށް އަަޅުވަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.