Advertisement
ކ. މާލެ
|
21 މާރޗް 2024 | ބުރާސްފަތި 13:11
މިސްރާބު ހަމަމަގަށް ކެމްޕެއިން ޖަލްސާގެ ތެރެއިން
މިސްރާބު ހަމަމަގަށް ކެމްޕެއިން ޖަލްސާގެ ތެރެއިން
ރައީސް ސާލިހުގެ ފާޑުކިޔުން މި ސަރުކާރަށް
އިގްތިސާދާ މެދު ސަރުކާރުން ދައްކަނީ ދޮގު ވާހަކަ، ބަހާއި އަމަލާއި ދިމާނުވޭ - ރައީސް ސާލިހު
މި ސަރުކާރު މިސްރާބުން ކައްސާލާފައިވާ ކަަމަށް ސިފަކުރައްވާ ރައީސް ޞާލިހު ވަނީ މިސްރާބު ހަމަމަގަށް އަޅުވަން އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަށް އެދިވަޑައިގަންނަވާފައި
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެ ނަމަ ހީ ނުކުރާ ވަރުގެ ދަތި އުނދަނގޫ ނާމާން ހާލަތަކަށް ވެއްޓިގެން ހިގައިދާނެ ކަމަށް ވިދާޅުވި
1500އެއްހާ ސިޔާސީ މަޤާމު އުފައްދާފައިވާ ކަމަށް ބެލެވޭ ކަމަށް ރައީސް ޞާލިހު ވިދާޅުވި

އިގްތިސާދާއި މެދު ސަރުކާރުން ދައްކަނީ ދޮގު ވާހަކަ ކަމަށާއި ސަރުކާރުގެ ބަހާއި އަމަލާއި ދިމާނުވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އިފްހާމް ހުސެއިން ބުދަ ދުވަހުގެރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

ރައީސް ސާލިހުގެ ވާހަކަފުޅުގައި ރާއްޖޭގެ އިގްތިޞާދާ މެދު ސަރުކާރުން ދައްކަމުންދާ ވާހަކަތަކާއި އަމަލާއި ދިމާނުވާކަމަށް ފާހަގަކުރައްވާ އެކަމާއި މެދު އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން މި ސަރުކާރުން ދައުލަތުގައި ފައިސާ އެއް ނެތް ކަަމަށް ބުނަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ޕްރޮޖެކްޓްތައް ނުހިންގޭ ކަމަށާއި ދައުލަތް ބަނގުރޫޓުވެފައިވާ ކަމަށް ސަރުކާރުން ބުނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ފާއިތުވި 4 މަސްދުވަހު ކަންކަން ހިނގާފައި ހުރި ގޮތް ސާފުކޮށް ފެންނަން ހުރި ކަމަށާއި ދައުލަތުގައި ފައިސާ ނެތް ކަަމަށް ބުނެ ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން ފެންނަމުންދާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި މިކަންކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިހާރު ވިދާޅުވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ ކުރީ އަހަރާއި އަޅާބަލާއިރު މި ސަރުކާރުން 300 މިލިއަނެއްހާ ރުފިޔާ އިތުރަށް ޚަރަދު ކުރި. 1700 ޕްރޮޖެކްޓް ހުއްޓާލައިފި. މި ސަރުކާރުން އެ ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލް ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހުގައި އެދުނު ނަމަވެސް އެކަމަށް އަދި އިޖާބައެއް ނުލިބޭ. ނަމަވެސް ސިޔާސީ މަޤާމުތަކަށް މީހުން ގިނަ އަދަދަކަށް ނަގަމުންދާކަން އެނގެން އެބަ އޮތް. ބައެއް މިނިސްޓްރީތަކަށް ފުނިފުންޏަށް މީހުން ލަމުން އެބަދޭ. 1500އެއްހާ ސިޔާސީ މަޤާމު މިހާރުވެސް އުފައްދާފައިވާ ކަމަށް ބެލެވޭ. ރިކަރަންޓް ބަޖެޓުން 100 އާއި 150 މިލިއަނާއި ގާތް ކުރާ އަދަދަކަށް ހޭދަ ކުރަން ޖެހެނީ އެހެން ވެގެން ކަމަށް ބެލެވޭ
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

މި ސަރުކާރުގެ އިސްރާފު ވަރަށް ބޮޑު ކަމަށާއި މިހާރު ހުއްޓާލާފައިވާ ޕްރޮޖެކްޓްތައް ފަށާއިރު ކުރިއަށް ވުރެ ދެ ގުނަ އިތުރަށް ހޭދަވާނެ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރަށް އިތުރު ފުރުސަތެއް ދިނަސް ދެން ވެސް ހަދާނީ ދޮގު ކަމަށެވެ. އަދި މި ސަރުކާރު މިސްރާބުން ކައްސާލާފައިވާ ކަަމަށް ސިފަކުރައްވާ ރައީސް ޞާލިހު ވަނީ މިސްރާބު ހަމަމަގަށް އަޅުވަން އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މީގެއިތުރުން ރައީސް ޞާލިހު އިތުރަށް ވިދާޅުވީ މި ސަރުކާރުން ޑޮލަރުގެ އަގު ދަށްވި ކަމަށް ބުނެ ވެސް ހަދަމުން ދަނީ ދޮގު ކަމަށެވެ. ނިމިދިޔަ އަހަރު ޑޮލަރު ރޭޓު ހުރިގޮތަށް ބަލާނަމަ، 2023 އަހަރުގެ މިދުވަސްވަރު ޑޮލަރު ރޭޓަކީ 16.70 ލާރިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ ރަމަޟާން މަހު ޑޮލަރު ރޭޓަކީ 16.20 ލާރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރުކަމަށްވެފައި، މިއީ ތަބީއީގޮތުން ރާއްޖޭގެ ރެވެނިއު އެންމެ މަތިވާ ދުވަސްވަރުކަމުން، އާންމުކޮށް ވެސް ޑޮލަރުގެ ރޭޓު ދަށްވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި އޭގެ ކުރީ ދެ އަހަރުވެސް އަހަރު ކުރީކޮޅު ޑޮލަރުގެ އަގު ހުރި ހަމައެހެންކަން ވެސް ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އަންނަން ވެސް ހެދީ ދޮގުކަމަށާއި މިހާރުވެސް ބޮޑެތި ދޮގުތަކެއް ހަދަމުންދާ ކަމަށެވެ. އަދި ސަރުކާރަށް އިތުރު ފުރުސަތެއް ދިނަސް އޮޅުވާލާ ދޮގުހަދާނެ ކަަމަށާއި އެކަން ހުއްޓުވުމަށްޓަކައި މަސައްކަތް ކުރެވެން އޮތް އެންމެ މުހިންމު ޕްލެޓްފޯމަކީ ރައްޔިތުންގެ މަޖިލިސްކަމުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެ ނަމަ ހީ ނުކުރާ ވަރުގެ ދަތި އުނދަނގޫ ނާމާން ހާލަތަކަށް ރާއްޖެ ވެއްޓިގެން ހިނގައިދާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް