ކ. މާލެ
|
14 މާރޗް 2024 | ބުރާސްފަތި 13:11
މަގުމައްޗަށް ކުނިއެޅި މީހަކު ޖޫރިމަނާކުރަނީ
މަގުމައްޗަށް ކުނިއެޅި މީހަކު ޖޫރިމަނާކުރަނީ
މާލެ ސިޓީ ކައުންސިލް
މާލޭގެ މަގުމައްޗަށް ކުނި އަޅާ މައްސަލަ
މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ
ގަވާއިދާ ހިލާފަށް މަގުމައްޗަށް ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރާނެ
ރޯދައާ ދިމާކޮށް ގޭބިސީތަކުން ވަނީ ހިފައިގެންގުޅޭ ގިނަ ސާމާނުތަކެއް މަގުމައްޗަށް ކުނީގެ ގޮތުގައި ނެރިފައި

މާލެސިޓީގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީ ކުނި ބެހެއްޓި މީހަކު މާފަންނު ވިލީ ފުލުހާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމެންޓު ޔުނިޓާއި ގުޅިގެން ހޯދައި ބުދަ ދުވަހު ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ޖޫރިމަނާކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ގަވާއިދާ ހިލާފަށް މަގުމައްޗަށް ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

ރޯދައާ ދިމާކޮށް ގޭބިސީތަކުން ވަނީ ހިފައިގެންގުޅޭ ގިނަ ސާމާނުތަކެއް މަގުމައްޗަށް ކުނީގެ ގޮތުގައި ނެރިފައެވެ. މުޅި މާލެ ގޮޑުވެ، މިމައްސަލަ ބޮޑުވުމާއި ގުޅިގެން މާލެ ސާފުކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. އަދި މަގުމައްޗަށް ކުނި ނުނެރުމަށާއި، ސާފުތާހިރުތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އާއްމު ރައްޔިތުން އެއްބާރުލުން ދިނުމަށް ވެސް ކައުންސިލުން އެދިފައެވެ.

މިމައްސަލައާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. އާޒިމް ވިދާޅުވީ 13 މާރޗް 2024ވީ ބުދަދުވަހު އެކަނި ވެސް މާލެއިން 42.15 ޓަނުގެ ކުނި ކައުންސިލްގެ މުވައްޒަފުން ނެގި ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު ކަމަށާއި، މިއީ 25 ފޫޓުގެ 12.22 ކޮނޓޭނަރުގެ ކުނި ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމުން އެންމެނަށް ވެސް އެކަމުގެ ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ. އަދި މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެދިފައެވެ.

- ކޮމެންޓް