ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މެއި މަހުގެ 4 ވަނަ ދުވަހު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާންކޮށްފިއެވެ.
އީސީން މިބަދަލު ގެނެސްފައިމިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަސްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރުމާއި ގުޅިގެންނެވެ. ޤާނޫނަށް ގެނައި ބަދަލާއެކު ރަމަޟާން މަހު އެއްވެސް އިންތިޚާބެއް ނުބޭއްވެއެވެ. އީސީން ކުރިން އިއުލާންކޮށްފައިވަނީ މާރިޗު 17 ގައި ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި މާރިޗު 30 ގައި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން، މޭ 4 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށެވެ.
ނަމަވެސް މިހާރު މި އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، މޭ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މޭ 6 ވާ ހޯމަ ދުވަހުއެވެ.