ކ. މާލެ
|
11 މާރޗް 2024 | ހޯމަ 19:58
މަގުމައްޗަށް ކުނި އަޅާފައި
މަގުމައްޗަށް ކުނި އަޅާފައި
މާލެ ސިޓީ ކައުންސިލް
މަގުމައްޗަށް ކުނިއެޅުން
ޖެހުނުތާކަށް ކުނި އެޅުން، ދިވެހިންނަށް ނުހުއްޓުނު އާދައެއް
އާދީއްތަ ދުވަހު އެކަނިވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި ވަނީ ނަގާފައި

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔެއް އުޅެމުން އަންނަ މާލެ ސަރަހައްދުގައި، ޖެހުނުތާކަށް ކުނި އެޅުމުގެ މައްސަލައަކީ ފަހަކަށްއައިސް އައު މައްސަލައެއް ނޫނެވެ. އެކަން ހައްލުކުރުމަށް އެއިރެއްގައި އޮންނަ ސަރުކާރަކުން މަސައްކަތްކުރެއެވެ. ނަމަވެސް މަގުތަކަށް އަޅާ ކުނީގެ މައްސަލައަށް މިއަދާ ހަމައަށް އައިއިރުވެސް ހައްލެއް ހޯދިފައެއްނުވެއެވެ. އެންމެފަހުން މިއަހަރުގެ ރަމަޟާން މަސް ފެށިގެން އައިއިރުވެސް ފެނިގެންދިޔައީ މީގެ ކުރީގެ ރަމަޟާން މަސް ފެށުމުގެ ކުރިން ފެންނަ މަންޒަރެވެ.

ރޯދައަށް ގޭތެރެ ސާފުކޮށް، ހުރިހާ އެއްޗެއް އައުކުރުމަކީ ދިވެހިން ޒަމާނުއްސުރެވެސް ކުރާ ކަމެކެވެ. ގޭގައި ގެންގުޅޭ ހުރިހާ ފަރުނީޗަރާއި ހިފާގެންގުޅޭ ގިނަ ތަކެތިވެސް އައު ކުރެއެވެ. އެއާއެކު މަގުތަކަށް ކުނި ނެރުމަކީވެސް ހަމަ އާންމު ކަމެކެވެ. މިފަހަރުގެ ރަމަޟާން މަސް އައުމުގެ ކުރިންވެސް ފެނިގެންދިޔައީ މިފަދަ މަންޒަރެވެ. ގޭގެ ހުރިހާ ފަރުނީޗަރުތަކެއް މަގުތައް މައްޗަށް ނެރެ، ބޮޑެތި ކުނި ބަސްތަތާކުން މަގުތައް ވަނީ ފުރާލާފައެވެ. ހަނި ގޯޅިތަކާއި ޕޭމަންޓްތައް ވަނީ ކުނި ބަސްތާތަކުން ފުރާލާފައެވެ. ރޯދައަށް ސާފުކުރި ތިމާގެ ގެއިން ނެރުނު ހުރިހާ ކުނިން މަގުތައް ފުރާލީއެވެ. ތިމާ ނޫން އެހެން އެއްވެސް މީހަކު ދެން މި މާލޭގައި ނޫޅޭ ފަދައެވެ.

މާލޭގެ މަގުތައްމަތިން ކުނި ނެގުމުގައި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ހަރަކާތްތެރިވާއިރު، ކުނި އުކާލުމުގައި ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރިވެއެވެ. އެހެންނަމަވެސް އަބަދުވެސް މާލޭގެ މަގުތައްމަތީގައި ކުނި ޖަމާކޮށްފައި ހުންނަ މަންޒަރު ފެނެއެވެ. މި ރޯދަ މަސް ފެށުމުގެ ދެތިން ދުވަސްކުރިން ފެނުނީ އެކަން ހައްދުން ނައްޓާފައިވާ ތަނެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 10 މާޗް ވީ އާދީއްތަ ދުވަހު އެކަނިވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި މާލެ ސިޓީގެ މުވައްޒަފުން ނެގިކަމަށެވެ. މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގިކަމަށާއި، މިއީ 25 ފޫޓުގެ 8 ކޮންޓޭނަރުގެ ކުނިކަމަށް އާޒިމް ވިދާޅުވިއެވެ.

ހަގީގަތުގައި މި ކުންޏަކީ ކޮންމެވެސް ބަޔަކު އުކާލަންޖެހޭ ކުންޏެވެ. ނަމަވެސް ކޮންމެސް ސަބަބަކާހުރެ އެބަޔަކު މަގުމައްޗަށް ކުނި ނެރުމުން، މަގުމަތި ސާފުކުރަން ތިބޭ ބަޔަކު އެކުނި ނަގައި ސާފުކުރީއެވެ. ކުނި ބޭނުންތާކަށް އަޅާ ބަޔަކަށް ކިހާ ފަސޭހަ ހެއްޔެވެ! އެމީހުން ކުރަންޖެހޭ ކަމެއް އެހެން ބަޔަކު ކޮށް ނިންމާލީއެވެ. އެބަޔަކު ނަގަންޖެހޭ ޒިންމާއެއް ނެތެވެ. އެމީހުންނަށް އުނދަގޫވެސް ނުވަނީތާއެވެ. އުނދަގޫވާނަމަ މަގުމައްޗަށް ކުނި ނުނެރޭނެތާއެވެ. މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ހުރި ޕޯސްޓްތަކާއި ކޮމެންޓްތަކަށް ބަލާއިރު، އެއް ބަޔަކު ފާޅުކޮށްފައިވާ ޚިޔާލަކީ ކުނި އުކާލުމުގެ އަގުބޮޑީ ކަމަށެވެ. އެކަމަށް ހައްލު ހޯދައިދިނުމަށް ވެމްކޯއިން ކުނި ހިލޭ އުކައިދޭނެކަން ވެސް ހާމަކުރެއެވެ. ނަމަވެސް ސުވާލަކީ މިކަމަށް އޮތް ހައްލަކީ ހަމަ މިއީ ބާވައެވެ؟

އުފެދޭ ކުންޏަށް ޒިންމާވުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމަކަށް ހަދަން ވެއްޖެއެވެ. ރޯދައަށް ގޭތެރެ ސާފުކުރި ގޮތަށް، މަގުތައްވެސް އޮންނަންޖެހޭނީ ސާފުކޮށެވެ. މަގުތައް ސާފުކުރަން ވަކި ބަޔަކު ތިބޭތީ މަގުތަކަށް ކުނި އެޅުމަކީ އެމީހެއްގެ ޒިންމާއިން ރެކެވޭނެ ކަމެއްގެ ގޮތުގައި ދުށުމަކީ ތަހުޒީބު މުޖުތަމައުއްގައި ވިސްނުން ގެންގުޅެގެން ވާނެ ގޮތެއް ނޫނެވެ. އަތުގައި އޮންނަ އެންމެ ޒަމާނީ ފޯނާއި ލައިގެން ހުންނަ އެންމެ ޒަމާނީ ހެދުމާ އެއްވަރަށް ވިސްނުންވެސް ޒަމާނީ ވާންޖެހެއެވެ. ކުނި އުކާލަން ޚަރަދުކުރުމަކީ ބޮޑު ކަމަކަށް ހަދައި، ކުނި މަގުމައްޗަށް އަޅާއިރު އެކަމުގެ އުނދަގޫވަނީ އެންމެންނަށެވެ.

ކޮންމެ މީހަކުވެސް އެމީހަކު ޚަރަދުކުރަން ބޭނުންވާ ކަންކަމަށް ޚަރަދުކުރެވެއެވެ. އެހެންކަމަށް ވާއިރު އެމީހަކު އުފައްދާ ކުންޏެއް އުކާލަންޖެހޭ ތާކަށް އުކާލަން ޚަރަދުކުރުމަކީ ބޮޑު ކަމަކަށް ވާނަމަ އެބުނެދެވެނީ ސާފުތާހިރުކަމަށް އެމީހަކަށް ސަމާލުކަން ނުދެވޭކަމެވެ. ދިވެހިންނަކީ ސާފުތާހިރުކަމަށް ލޯބިކުރާކަމަށް މަޝްހޫރު ބަޔެކެވެ. އެހެންނަމަވެސް މާލޭގެ މަގުތައްމަތިން ބުނެދެނީ ދިމާ އިދިކޮޅު ވާހަކައެކެވެ.

- ކޮމެންޓް