ގެއްލުމުގެ ބަދަލުގައި އެކި ފަރާތްތަކަށް ދީފައި ހުރި ސެޓްލްމަންޓްގެ އަގު އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށް، އެޓަރނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހު މިނިސްޓްރީ އޮފް ޑިފެންސާއި އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އުޝާމް ވިދާޅުވީ، މިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ސެޓްލްމަންޓް ކޮމިޓީއަކުން ނިންމާފައި ހުރި މައްސަލަތަކެއް ބަލަމުން އަންނަކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ސެޓްލްމަންޓް ކޮމިޓީ ވަނީ އުވާލައްވާފައި ކަމަށެވެ. އަދި މި ކޮމިޓީން މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ރައީސް އޮފީހުން ވަނީ އޭޖީ އޮފީހާ ހިއްސާކޮށްފައި ކަމަށްވެސް އެޓަރނީ ޖެނެރަލް ވިދާޅުވިއެވެ.
އުޝާމް ފާހަގަކުރައްވާފައި ވަނީ އެ ސެޓްލްމަންޓް ކޮމިޓީން ނިންމައިގެން ޖުމްލަ 10 ފަރާތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާއާއި ރަށްތައް ދީފައިވާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ، ހަރުމުދަލާއި ފައިސާގެ ގޮތުގައި ދައުލަތުން އެކި ފަރާތްތަކަށް ދީފައިވާކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެން ބެލިބެލުމުން މިހާތަނަށް އެ ސެޓްލްމަންޓް ކޮމިޓީން ނިންމައިގެން ޖުމްލަ 10 ފަރާތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާއާ، ރަށްރަށާ، ދީފަ ހުރިކަމަށް ފާހަގަކުރެވިފަވޭ. ގެއްލުމުގެ ބަދަލުގެގޮތުގަ އެކި ފަރާތްތަކަށް ދީފަހުރި ސެޓްލްމަންޓުގެ އަގުކުރާކަމުގަ ވަނީނަމަ، އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް، ހަރުމުދަލާ ފައިސާގެ ގޮތުގަ ދައުލަތުން އެކިއެކި ފަރާތްތަކަށް ދީފަ ހުރިކަމަށް ފާހަގަކުރެވޭ.އެޓަރނީ ޖެނެރަލް، އަހުމަދު އުޝާމް
މީގެ އިތުރުން އުޝާމް ވިދާޅުވީ މި ސެޓްލްމަންޓް ކޮމިޓީން ނިންމާފައި ހުރި މައްސަލަތައް ނިންމާފައި ހުރީ ކިހިނެއްތޯ ދިރާސާކުރަމުން އަންނަ ކަމަށެވެ. މިގޮތުން، ބައެއް މައްސަލަތަކަކީ އޭރުގެ ޝަރީއަތަށް ހުށަހަޅައިގެން އަޑުއެހުންތައް ކުރިއަށްގެންދިޔަ މައްސަލަތަކެއް ކަމުގައެވެ. އަދި ޝަރީއަތުގައި ދައުލަތާ ދެކޮޅަށް ދަޢުވާކޮށްފައި ހުރި ފަރާތްތަކަށް ކާމިޔާބު ނުވާނެފަދަ މައްސަލަތަކެއް ސެޓްލްމަންޓް ކޮމިޓީން ވަނީ ކާމިޔާބު ކޮށްދީފައި ކަމުގައެވެ.
އަދި ބައެއް މައްސަލަތަކުގައި އޮޑިޓަރ ޖެނެރަލް އޮފީހުން ވަކި ގޮތަކަށް އަމަލުކުރުމަށް ލަފާދީފައިވާ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.