ކ. މާލެ
|
1 މާރޗް 2024 | ހުކުރު 13:46
ވަގުތީ ހިޔާގައި ފަލަސްތީނުގެ ކުދިންނަށް ކިޔަވައިދެނީ
ވަގުތީ ހިޔާގައި ފަލަސްތީނުގެ ކުދިންނަށް ކިޔަވައިދެނީ
އަލް ޖަޒީރާ
ފަލަސްތީނުގެ ކުދިންގެ ތައުލީމް
ހަނގުރާމައިގެ މައިދާނުގައި ވެސް ފަލަސްތީނުގެ ކުދިން ތައުލީމު އުނގެނުމުގައި އަވަދިނެތި
ކުދިންނަށް ކިޔަވައިދިނުމަކީ މުހައްމަދު އަލް ޚުދާރީއަށް ލިބޭ ހިތްހަމަޖެހުމެއް
ކިޔެވުމުގައި ވަގުތު ހޭދަކުރާއިރު، ކުރީގެ އުފާވެރި ދިރިއުޅުން ލިބޭކަހަލަ އިހުސާސެއް ކުރެވޭ
އުންމީދަކީ ސްކޫލުތަކަށް ގޮސްގެން ކިޔެވޭނެ ދުވަހެއް އައުން

ނިރުބަވެރި އިސްރާއީލް ސިފައިން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި މުޅި ގައްޒާ ސުންނާފަތިކޮށްލާފިއެވެ. އެތައް ބަޔަކު ޝަހީދުކޮށްލާ، ފަލަސްތީނުގެ ރައްޔިތުން ބިކަކޮށްފިއެވެ. ކޮންމެ ދުވަހަކީ ވެސް އެތައް ހަމަލާތަކެއް އަމާޒުވެ، އެތައް ބަޔަކު ޝަހީދުވެގެންދާ ދުވަހެކެވެ. ބިރުވެރިކަމާއެކު ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދިޔަ ނަމަވެސް އެ ރައްޔިތުންގެ ހިތްވަރާއި އުންމީދަކަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. އެހިތްވަރު ފެނުމުން އެހެން ގައުމުތަކުގެ މީހުން ވެސް ހައިރާންވެއެވެ. ރައްކާތެރިކަމެއް ނެތް މާހައުލެއްގައި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ގެންދާއިރު، ފަލަސްތީނުގެ ކުދިން އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާދެއެވެ.

އެގޮތުން ގައްޒާގެ ސެންޓަރަލްގައި ގާއިމްކޮށްފައިވާ ވަގުތީ ހިޔާވެއްސެއްގައި ތަޖުރިބާކާރު މުދައްސިރެއް ކަމަށްވާ މުހައްމަދު އަލް ޚުދާރީ ދަނީ އެހިޔާގައި ދިރިއުޅޭ ފަލަސްތީނުގެ ކުދިންނަށް ކިޔައިދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު އެކުދިންނަށް ހިސާބު، އިނގިރޭސި، އަރަބި، ސައިންސްގެ ފިލާވަޅުތައް ނަގާދެއެވެ.

މީގެ އިތުރުން އެކުދިންގެ ހިޔާލުތަކާއި، ހަނގުރާމައިގެ މައިދާނެއްގައި ދިރިއުޅެމުން ގެންދާއިރު، އެކުދިންގެ އިހުސާސްތައް އޮޅުންފިލުވައި ދިރިއުޅުމުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކައި، އެކުދިންނަށް އުފާވެރިކަން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުހައްމަދު އަލް ޚުދާރީ އަލް ޖަޒީރާއަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވެއެވެ.

އެ މުދައްރިސް ކިޔާދީފައިވާ ގޮތުން ގެދޮރުގެއްލިފައިވާ އެކުދިން ކިޔަވަން ކޮންމެ ދުވަހަކު ވެސް އަންނަނީ އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑު ކަމުންނެވެ. އެއީ އެކުދިންނަށް އެންމެ އުފާވެރިކަން ލިބޭ އެއްސަބަބު ކަމަށެވެ. އަދި ކިޔަވާ ދިނުމަކީ އޭނާއަށް ވެސް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމުގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ނަމަވެސް ހަނގުރާމައާއި ގުޅިގެން ގިނަ ކުދިންނަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި، ރޭގަނޑުގެ ވަގުތު ނުނިދޭ ކުދިންނާއި، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކުދިން ގިނަ ކަމަށެވެ.

މުދައްރިސް ބުނެފައިވަނީ އެކުދިންނަކީ ކިޔެވުމަށް ވަރަށް މޮޅު ކުދިން ކަމަށާއި، ފުރުސަތު ލިބިއްޖެކަމުގައިވާނަމަ އެކި ދާއިރާތަކުން ފަލަސްތީނުގެ އެކުދިންނަކީ މުޅި ދުނިޔޭގައި ވެސް ވިދާ ކުދިންތަކަކަށްވާނެ ކަމަށެވެ. އެހައި ވެސް ގާބިލް މޮޅު ކުދިންތަކެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

މުހައްމަދު އަލް ޚުދާރީގެ ކްލާސްތަކަށް ކިޔަވަންދާ ކުދިންތައް ބުނެފައިވަނީ ކިޔެވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. ކިޔެވުމުގައި ވަގުތު ހޭދަކުރާއިރު، ކުރީގެ އުފާވެރި ދިރިއުޅުން ލިބޭކަހަލަ އިހުސާސެއް ކުރެވޭ ކަމަށް އެކުދިން ބުނެއެވެ. އަދި އުންމީދުކުރަނީ ކުރިއަށް އޮތްތަނުގައި އެހެން ގައުމުތަކުގައި ކުދިން ކިޔަވަންދާ ގޮތަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މުދައްރިސުންގެ ކިބައިން ދަސްކުރަން ކުރަން ބޭނުންވާ ގިނަ ކަންކަން ހުރި އެކުދިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ބައެއް ކުދިން ވަނީ މުދައްރިސް މުހައްމަދު އަލް ޚުދާރީގެ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. ކިޔެވުމަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، މީގެ ކުރިން ދަސްކޮށްފައިވާ ބައެއް ފިލާވަޅުތަކުގެ ހަނދާންތައް އަލުން އައުވެފައިވާ ކަމަށް އެކުދިން ބުނެއެވެ.

މުހައްމަދު އަލް ޚުދާރީގެ ކްލާސްތަކަށް ދާ ގިނަ ކުދިންނަކީ ޑޮކްޓަރުންނާއި، ޓީޗަރުންގެ އިތުރުން އިންޖިނިއަރުންނަށް ވާން ބޭނުންވާ ކުދިންނެވެ.

އިސްރާއީލް-ފަލަސްތީނުގެ ހަނގުރާމާގައި ގައްޒާގެ ގިނަ ސްކޫލުތަކާއި، ޔުނިވާސިޓީތައް ވަނީ ބޭނުންނުކުރެވޭ މިންވަރަށް ސުންނާފަތިވެފައެވެ. އަދި ސްކޫލު، ކޮލެޖް-ޔުނިވާސިޓީތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައްދީ ގިނަ އަދަދެއްގެ ޓީޗަރުންނާއި، ޕްރޮފެސަރުން މިހަނގުރާމާގައި ޝަހީދުކޮށްލާފައިވެއެވެ. މި ހަނގުރާމާގެ ސަބަބުން 625،000 ކުދިން ތައުލީމުން މަހުރޫމްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ސްކޫލް- ޔުނިވާސިޓީތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އދ އިން އެއީ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް އެކަން ކުށްވެރިކުރުން ނޫން ކަމެއް އެޖަމިއްޔާއިން ކޮށްފައިނުވެއެވެ. ނަމަވެސް މިއަދު ވެސް ފަލަސްތީނުގެ ކުދިންގެ ހިތްވަރު ފެނި ދުނިޔޭގެ އެކިކަންކޮޅުތަކުން ދަނީ އެކުދިން ތައުލީމު އުނގެނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރަމުންނެވެ. ހަނގުރާމާގެ މައިދާނެއްގައި ތައުލީމު އުނގެނުމަށް އެހާ ބޮޑަށް ޝައުގުވެރިކަން ހުރުމަކީ ހައިރާންވާން ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެއެވެ.

- ކޮމެންޓް