ކ. މާލެ
|
1 މާރޗް 2024 | ހުކުރު 10:59
ބަލި މީހުން އުފުލުމަށް ބޭނުންކުރާނެ މަތިންދާ ބޯޓު
ބަލި މީހުން އުފުލުމަށް ބޭނުންކުރާނެ މަތިންދާ ބޯޓު
ހެލްތު މިނިސްޓްރީ
އެއަރ އެމްބިއުލާންސްގެ ޚިދުމަތް
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި
އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާ އެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ޚިދުމަތްތެރިއަކު ހަރަކާތްތެރިވާނެ
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު މި ޚިދުމަތް ފޯރުކޮށްދޭނެ

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފަށާފައިވަނީ ހުކުރު ދުވަހުއެވެ.

މި ޚިދުމަތް ދޭ ބޯޓުގައި މެޑިކަލް އިމަރޖެންސީގެ ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާރޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއެކު، ތަމްރީން ކޮށްފައިވާ 15 ސިއްހީ ޚިދުމަތްތެރިއަކު ހަރަކާތްތެރިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.

ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރާނެކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ބުނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ޚާއްސަކުރެވިފައިވާ DHC-8-200 މިބޯޓާއެކު ޚިދުމަތް ފެށުމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު މި ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

މިހާރު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްގެ ނިޒާމްގެ ތެރެއަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއަރ ކޯޑިނޭޓްކުރުމުގެ އިންތިޒާމް ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ނިޒާމް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ގާއިމްކުރެވި ކުރިއަށް ގެންދެވޭނެއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާ ގުޅިގެންނެވެ.

- ކޮމެންޓް