އިންތިޚާބަކާއި ނުލާ އެމްޑީޕީގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގެންފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި ނަންބަރު MDP/2024/015 އިއުލާންގެ މުއްދަތުހަމަވިއިރު، އެ މަޤާމަށް ކުރިމަތިލާފައިވަނީ އެންމެ މެންބަރެއް ކަަމަށެވެ. އެހެންކަމުން ހ. ރަބީޢީމަންޒިލް / މާލެ، ޢަބްދުﷲ ޝާހިދު އިންތިޚާބަކާއިނުލާ އެ މަޤާމަށް ހޮވިފައިވާކަން އާންމުކޮށް އަންގާ އިޢުލާން ކުރާ ކަމަށް އެމްޑީޕިން ވަނީ ބުނެފައެވެ. ޝާހިދު އެ މަޤާމަށް ހޮވުމާއި ގުޅިގެން އެމްޑީޕީގެ އިސް ފަރާތްތަކާއި އެމްޑީޕީގެ އާއްމުން ދަނީ އެމަނިކުފާނަށް މަރުޚަބާ ކިޔަމުންނެވެ.
އެ މަޤާމަށް ކުރިމަތިލައްވަން ނިންމަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އައު ފޯރިޔަކާއި އައު ޖޯޝަކާ އެކު އެމްޑީޕީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އައުބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ އަތުގުޅާލަންޖެހޭ ކަމަށާއި އެކަން ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދާ ކަމަށެވެ. ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
އެމަނިކުފާނަކީ މިހާރު ވެސް އެމްޑީޕީގެ އިސް ސަފުގައި މަަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޝާހިދު ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމާއި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް އަދާކުރައްވާފައެވެ. އަދި މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ވަޒީރުކަން އަދާކުރެއްވުމުގެ އިތުރުން އދ. އާންމު މަޖިލީހުގެ ރައީސްކަން ވެސް ވަނީ އަދާކުރައްވާފައެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރުގެ ޖޫން 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވާތީއެވެ. އެމްޑީޕީގެ ރައީސްގެ ޒިންމާ ވަގުތީ ގޮތުން މިހާތަނަށް އުފުއްލަވަމުން ގެންދެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.