Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 16:13
ބޭރުގެ ސިފައިން ދިވެހި މަސްބޯޓަކަށް އަރާ
ބޭރުގެ ސިފައިން ދިވެހި މަސްބޯޓަކަށް އަރާ
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން
މަސްބޯޓުތަކަށް ސިފައިން އެރި މައްސަލަ
ދިވެހި މަސްބޯޓުތަކަކަށް ބޭރުގެ ސިފައިން އެރި މައްސަލައާ ގުޅިގެން ސަރުކާރުން ފުރިހަމަ މައުލޫމާތު ހާމަކުރަންޖެހޭ: މެންބަރު ފަލާހު
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ
މިސަރުކާރުން ދައްކާ ވާހަކައާއި އަމަލު ދިމާނުވޭ
ރިޔާސީ ބަޔާނުގައި ވެސް މިމައްސަލައަށް އަލިއަޅުވާލައިފައިނުވޭ

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްބޯޓުތަކަކަށް ބޭރުގެ ސިފައިން އެރި މައްސަލައާ ގުޅިގެން ސަރުކާރުން ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފަލާހު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ. ކަށަވަރު ނުކޮށްދެވޭނެ ކަމަށްވާނަމަ އެއީ ރައްޔިތުންނަށް އަޅާނުލުމުގެ އެއް ހެކި ކަމަށް ފަލާހު ވިދާޅުވިއެވެ. މަސްބޯޓުތަކަކަށް ބޭރުގެ ސިފައިން އެރި މައްސަލައަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ މިއަދާ ހަމައަށް ބޯޓުތަކަށް އެރީ ކޮން ގައުމެއްގެ ސިފައިންކަން ރަސްމީކޮށް ދިވެހި ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެއީ ކޮންގައުމެއްގެ ސިފައިން ކަމާއި، އެބޯޓުތަކަށް އެރީ ކޮން މަގުސަދެއްގައިކަން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

Advertisement

ފަލާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް މިމައްސަލައަށް އަލިއަޅުވާލައިފައިނުވާ ކަމަށާއި، މިކަމުން ވެސް މިސަރުކާރުގެ ނާގާބިލްކަން ހާމަވާ ކަމަށެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ މިސަރުކާރަކީ ގައުމިއްޔަތު އިސްކުރުމަށް ގޮވާލާ ސަރުކާރެއް ކަމަށާއި، ނަމަވެސް މިފަދަ ހާލަތްތަކުގައި ގައުމިއްޔަތު ނުފެންނަ ކަމަށެވެ. އަދި މިސަރުކާރުން ދައްކާ ވާހަކައާއި އަމަލު ދިމާނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ބުނެފައިނުވޭ އެއީ ކޮން ގައުމެއްގެ ސިފައިން ކަމެއް އެނގޭތޯ. މިކަހަލަ ކަންކަން މިގޮތަށް ވެގެން ދިޔާމަ ރާއްޖޭގެ ރައްޔިތުންނަށް އޭނގެ ތެދު މައުލޫމާތު ލިބެންވާނެ. އަދިވެސް ދި ވެސް ކަންބޮޑުވެ މިކަން ހިނގާ ދިޔަ ގޮތް ސަރުކާރުން ރައްޔިތުންނަށް ކިޔައިދީފައިނުވޭ. އެންމެފަހުން މިއަހަރުގެ ރައްޔިތުން މަޖިލިސް ހުޅުވައިދެއްވަމުން ރިޔާސީ ބަޔާނުގައި ވެސް އެއްވެސް ވަރަކަށް މިކަމަށް އަލިއަޅުވާލައި ވާހަކަ ދައްކާފައިނެތް އެނގޭތޯ. ހަމަ ހުރިހާ ވާހަކަ އެއް ހުރީ ނިންމައިފިން ނިންމައިފިން އެނގޭތޯ. ނުނިންމާ އެއްވެސް ކަމެއް ނެތް. އެންމެފަހުން ނިންމާލައްވަމުން ކޮންމެވެސް މިނިސްޓަރަކު ވިދާޅުވި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ފެންނާނީ ދުބާއީހެންނޭ. އެހެންވެސް ވިދާޅުވި. އެހެންވީމަ އެގޮތަށް ނިންމާފައި ހުރި އެކަންކަން ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމި ކަމެއް ނެތް އެނގޭތޯ. ކޮންމެ ގައުމަކުން އެރިކަމުގައި ވިޔަސް ކޮންމެ ބަޔަކު އެރިކަމުގައި ވިޔަސް އެއީ ހަމަ ކޮށްގެންވާނެ ކަމެއް ނޫން. އެކަން ކުށްވެރިކުރަން. އޭގެ ފުރިހަމަ މައުލޫމާތު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރަން. އެ ނުދީ އޮންނަހާ ހިނދަކު އެއީ އެކަމަށް ގާބިލް ނޫނީ. މިއަދުގެ ސަރުކާރު ގާބިލް ނޫނީ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ފަލާހު

ފެބްރުއަރީ މަހުގެ ކުރީކޮޅު ދިވެހިރާއްޖޭގެ މަސްވެރިކަންކުރާ ބޯޓުތަކަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރި މައްސަލައާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ މަސްބޯޓުތަކަށް އިންޑިޔާ ސިފައިން އެރީ ކަނޑުގެ ގާނޫނާއި ޚިލާފަށް ކަމަށާއި، މިކަމާއި ގައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބަސް ބޯޓުތަކަކަށް އިންޑިއާގެ ސިފައިން އަރައި މަސްވެރިންނަށް ބިރު ދެއްކި ކަމަށް މަސްވެރިންގެ ޔޫނިއަންއިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް