Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 07:08
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު ފަލާހު
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު ފަލާހު
ރާއްޖެއެމްވީ
ފްލެޓް ލިސްޓް އަލުން އެކުލަވާލުން
ފްލެޓް ލިސްޓު އަލުން އެކުލަވާލަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒުފޯރުވަން: ފަލާހު
އަލުން ލިސްޓެއް އެކުލަވާލުމަކީ ފްލެޓް ހައްގުވާ ރައްޔިތުންނަށް ކުރެވޭ ކުޑައިމީސްކަމެއްކަމަށް ފަލާހު ވިދާޅުވި

"ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ ކަންކަން މިސަރުކާރުން ކުރަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒުފޯރުވުމުގެ ގޮތުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ފްލެޓް ލިސްޓާއި ގުޅޭގޮތުން އޭސީސީން ކުރިޔަށްގެންދިޔަ ތަހުގީގު ނިންމުމަށްފަހު މައްސަލަ ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާއިރު އެމިނިސްޓްރީން ބުނެފައިވަނީ މި ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއްކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން އަންކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ފްލެޓް ލިބުނުކަމަށް އެމްޑީޕީ ސަރުކާރުގައި ކަނޑައެޅި ލިސްޓުގައި ފްލެޓް ހައްގުވާ އެތައް ރައްޔިތުންނެއް އެބަތިބިކަމަށެވެ. އެހެންކަމުން އަލުން ލިސްޓެއް އެކުލަވާލުމަކީ ފްލެޓް ހައްގުވާ ރައްޔިތުންނަށް ކުރެވޭ ކުޑައިމީސްކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މިއީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާކަމެއްކަމަށެވެ. އަދި ކުރީ ސަރުކާރުގެ މިފަދަ އެތައް ކަމެއް މިހާރުގެ މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް އޮތްނަމަ ކުރާނެކަމަށް ފަލާހު ވިދާޅުވިއެވެ.

މިހާރުވެސް ތިވަރަށް ހިފެހެއްޓިފައި ތިއޮތީ އަޅުގަނޑުމެންގެ އަގްލަބިއްޔަތު މަޖިލީހުގައި އޮތީތީ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ވިސްނަންޖެހޭ ކަމެއް މިއީ. ސަރުކާރަށް މަޖިލީސް ލިބިއްޖެނަމަ މިފަދަ އެތައް ކަމެއްކުރާނެ. އެހެންކަމުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށްޓަކައިވެސް ރައްޔިތުން ކުރިޔަށް އޮތް އިންތިޚާބުގައި ވަރަށް ވިސްނަންޖެހޭ.
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުހައްމަދު ފަލާހު

ފަލާހު އިތުރަށް ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ފްލެޓް ލިބުނުކަމަށް ގެޒެޓްގައި ޝާއިއުކޮށްފައިވާ ލިސްޓާ އެއްގޮތަށް ފްލެޓް ދޭނެކަމަށް އޭރު ވިދާޅުވިކަމަށެވެ. ނަމަވެސް ވެރިކަން ލިބުމާއެކު މިފެންނަނީ ކަންކަން ބަދަލުވަމުންދާތަންކަމަށެވެ. ރައީސް ޑރ މުއިއްޒު ދައްކަވާ ވާހަކައާއި އަމަލާ ދިމާނުވާކަމަށާއި ގައުމިއްޔަތުގެ ނަމުގައި ގެންދަވަނީ ރައްޔިތުންނަށް އޮޅުވާލައްވަމުންކަމަށް ފަލާހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް