ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިމާރާތުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އޮފީހެއް ހުޅުވާފައިހުރުމުން އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް އަމާޒުވެއްޖެ އެވެ.
އެފްއޭއެމްގެ ގްރައުންޑް ފްލޯގައި ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ތަނެއްގައި މެޑަމް ފާތުންގެ އޮފީހެއް ހުޅުވާފައިވާ އިރު، އެ ތަނުގައި އަންނަނީ ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. އެހެންވެ، އެފްއޭއެމް އިން ސިޔާސީ ކަންކަމަށް ވަންނަކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެފްއޭއެމް އަކީ ފީފާ އިން 50 އަހަރަށް ކުއްޔަށް ނަގާފައިވާ ތަނެކެވެ. އެ ތަން އެފްއޭއެމް އަށް ދޫކޮށްފައިވާއިރު، އެ އިމާރާތުގެ ބައެއް ތަންތަން އެފްއޭއެމް އިން ވަނީ ކުއްޔަށް ދީފައެވެ. އެ ހުއްދަ ފީފާ އިން ވަނީ އެފްއޭއެމްއަށް ދީފައެވެ.
އެހެންނަމަވެސް އެފްއޭއެމް އިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަ ނަމަ ފީފާ އަށް އެފްއޭއެމް އަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވެއެވެ. އަދި އެ ތަންތަނުގައި ދީނީ ކަންކަން އަދި ގާނޫނާ ހިލާފު ކަންތައްތައް ކުރިޔަށްދާނަމަވެސް ފީފާ އިން އެފްއޭއެމް އަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވެއެވެ. މިކަމާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެފްއޭއެމް އިން ފީފާގެ ގަވައިދުތަކާ ތަކުރާރުކޮށް ހިލާފުވަމުން އަންނަ ކަމަށާއި، ފީފާ އިން ކުއްޔަށް ނަގާފައިވާ ބިންތައް މިހާރު ބޭނުންކުރެވުމުން އަންނަނީ ބޭނުން ކުރެވެމުން ކަމަށެވެ.
FAM is bound by @FIFAcom rules at all times & r required to be politically neutral. FIFA supported infrastructure are now used for politics pic.twitter.com/tJkwiOrF33
— Ali Azim (@aliaazim) July 31, 2017
ބައެއް ފަރާތްތަކުން ބުނަނީ އެފްއޭއެމްގެ އިމާރާތަކީ މިހާރު ސަދަގާތް ފައުންޑޭޝަންގެ މައި އޮފީސް ކަމަށެވެ. ސަދަގާތް ފައުންޑޭޝަންގެ ކަރަޕްޝަންގެ މައްސަލަތައް އެންޓީ ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ އަދިވެސް ދަނީ ބަލަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތައް ވަނީ ބަލާ ނިންމާފައެވެ.
ފީފާގެ ގަވައިދުތައް ބުނާގޮތުން އެއްވެސް އެސޯސިއޭޝަނަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރައިގެން ނުވާނެއެވެ. އެއީ މުޅިން މަނާކަމެކެވެ. މެޑަމް ފާތުންގެ އޮފީހެއް އެފްއޭއެމްގައި ހުރުމަކީ އެފްއޭއެމް އަށް ސަރުކާރުގެ ނުފޫޒު ފޯރުވަން ކުރާކަމެކޭވެސް ބުނުމުގެ ފުރުސަތު އެބައޮތެވެ.
އެފްއޭއެމް ސިޔާސީ ވާކަމަށް ބުނެ އެންމެ ބޮޑަށް އަޑުތައް ފެތުރެން ފެށީ މިހާރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އެގްޒެކެޓިވް ކޮމެޓީގައި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ހިމެނުމުންނެވެ.
އެހެންނަމަވެސް ބައްސާމް ވިދާޅުވީ، މާގިނަ ދުވަހެއް ނުވަނީސް އެގްޒެކެޓިވް ކޮމެޓީއަށް ނެގި ހުރިހާ މަޖިލިސް މެމްބަރުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމަށްފަހު ދާނެ ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން އިސްތިއުފާ ދެއްވީ އެންމެ މެމްބަރެކެވެ. އަދި ތިން މެމްބަރަކު ވިދިވިދިގެން އެގްޒެކެޓިވް ކޮމެޓީއަށް ހާޒިރުނުވެ ހަ ޖަލްސާ ހަމަވުމުން ވަކިކުރީއެވެ. އަދިވެސް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީގައި ދެ މަޖިލިސް މެމްބަރަކު ހިމެނެއެވެ.
ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ އެންމެން ބޭނުންވަނީ އެފްއޭއެމް ސިޔާސީ ނުވުމަށެވެ. ސީޔަސީ ފަރާތްތަކަށް ބިންތައް އެފްއޭއެމް ހައުސް ދޫކޮށްނުލުމަށެވެ. އެކްސްކޯގައި ތިބި މަޖިލިސް މެމްބަރުން މަގާމުން އިސްތިއުފާ ދިނުމަށެވެ. އެފްއޭއެމް އިން ފުޓުބޯޅަށް އަށް މަސައްކަތްކޮށްދިނުމަށެވެ.