ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 22:46
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
ރައީސް މުއިއްޒުގެ ސިޔާސީ މަސައްކަތް
ރައީސް މުއިއްޒުގެ ސިޔާސީ ތަޖުރިބާއެއް ނެތް، އެމަނިކުފާނު މިހާރު އަދާކުރައްވަނީ އެކްޓިވިސްޓުންގެ ރޯލް: މެންބަރު ފަލާހު
އެއީ އަން ޕޮޕިއުލާ ވެރިއެއް
މިއަދުގެ ރައީސަކީ ގައުމިއްޔަތަށް ވަކާލާތު ކުރެއްވާ ބޭފުޅެއް ނަމަވެސް އެކަން އަމަލުން ދައްކަވާ ބޭފުޅެއް ނޫން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސީ ތަޖުރިބާއެއް ނެތް ކަމަށާއި، އެމަނިކުފާނު މިހާރު އަދާކުރައްވަނީ އެކްޓިވިސްޓުންގެ ރޯލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ފަލާހު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ކުރެއްވުމަށް ރައްޔިތުން ނުކުމެ، ރައީސް މުއިއްޒުއާއި ގައުމު ހަވާލުކޮށްފައިވާ ކަމަށެވެ. ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށްއައިރު މިހައި ބޮޑަށް އަން ޕޮޕިއުލާވި ވެރިއަކު މިގައުމުން ނުދެކޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ވެރިކަމަށް ދެމަސްވެގެން ގޮސްފައިވާއިރު، ރާއްޖޭގެ އެންމެ ބޮޑު ސިޓީގައި ބޭއްވިގެން ދިޔަ މޭޔަރުގެ އިންތިޚާބުގެ ނަތީޖާއިން އެކަން ސާބިތުވެގެން ގޮސްފައިވާ ކަމަށެވެ.

Advertisement

ރައީސް މުއިއްޒުގެ ސިޔާސީ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި މެންބަރު ވިދާޅުވީ އެމަނިކުފާނު ފުރަތަމަ ފެނިގެންދިޔައީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭރުގެ ވެރިކަން ވެއްޓިގެން ދިއުމާއެކު ހިންގި ސިޔާސީ ހަރަކާތްތަކުން ކަމަށެވެ. އޭގެފަހުން ހައުސިން މިނިސްޓަރުކަމުގެ މަގާމު 7 އަހަރު ފުރުއްވިކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެމަގާމުގައި ހުންނަވައި ހިންގެވި މަޝްރޫއުތަކުން ވެސް ހީލަތްތެރިކަމާއި މަކަރުވެރިކަން އެކުލެވިގެން މަސައްކަތް ކުރި މަންޒަރު ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ހަރުދަނާ ރަނގަޅު ސިޔާސީ ތަޖުރިބާ ހުރި ކަމަށް ބެލެވޭނީ ރައްޔިތުން މަޖިލީހުގައި މަސައްކަތްކޮށް، ޕާޓީއަކަށް ގިނަ ދުވަހު ޚިދުމަތް ކުރުމުން ކަމަށެވެ. މިހާރު ރައީސް އަދާކުރައްވާ ރޯލަކީ އެކްޓިވިސްޓް ރޯލް ކަމަށެވެ. އަދި ސިޔާސީ ކަންކަން ދަސްކުރައްވަން އުޅުއްވަނީ އެލް ބޯޑު ޖައްސަވައިގެން ކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ މިއަދުގެ ރައީސަކީ ގައުމިއްޔަތަށް ވަކާލާތު ކުރައްވާ ބޭފުޅެއް ނަމަވެސް އެކަން އަމަލުން ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ.

އަޅުގަނޑު އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކައަކީ ގައުމިއްޔަތޭ. ހުވާ ކުރި ދުވަހު ވެސް މިހުރި ދިދައަށް މުޚާތަބުކޮށް ވިދާޅުވި ގައުމިއްޔަތު ދަމަހައްޓާނަމޭ. ގައުމިއްޔަތު ނަގަހައްޓާނަމޭ. އަޅުގަނޑުމެންގެ ކުޑަ ޅަ ދަރިންނަށް ގައުމިއްޔަތު ދަސްކޮށްދޭއިރުގަ މޭޔަރު ހުވާ ކުރެއްވި ރަސްމިއްޔާތުގައި މޭޔަރު ވާހަކަދައްކަވާ ގޮނޑިކޮޅުގައި އިށީނަވަން ވަޑައިގެންނެވީމަ ރައްޔިތުން މަޖިލީހުގެ ރައީސް ތެދުވެ ސަލާން ކުރެއްވި. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ގައުމިއްޔަތޭ ވިދާޅުވާ ބޭފުޅާ ރާއްޖޭގެ ކުޑަ ކުދިންނަށް މިސާލު ދައްކަވަން ހުންނެވި ބޭފުޅާ ގޮނޑީގައި އިންނަވާގެން ސަލާމް ކުރެއްވީ. އެއީ ތޯ ރީތި އަހުލާގީ މިންގަނޑަކީ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

މެންބަރު ފަލާހު ވިދާޅުވީ މިއަދުގެ ރައީސަކީ ހަސަދަވެރިކަމާއި ކިބިރުވެރިކަމާއި ބޮޑާ ބޭފުޅެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް