ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުފެށެނީސް ސަލާމަތީ ބާރުތަކުން މަޖީލިހަށް ވަތް ވަނުމަކީ ޤަބޫލުރެވޭނެ ކަމެއް ނޫން އެގޮތަކަށް މަޖިލިސް ތެރެއަށް ނުވަދެވޭނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާއެއް ޖުލައި 31 ވަނަ ދުވަހު ބޭއްވުމަށް އެޖެންޑާކޮށްފައިވާއިރު ޖަލްސާ ފެށުމުގެ ކުރިން މަޖިލިސް ޗެމްބަރު ތެރެއަށް ސަލާމަތީ ބާރުތަކުން ނުވަދެވޭނެ ކަމަށާއި މިއީ ހިތާމަކުރާ ކަމެއް ކަމަށް އިބޫ ވިދާޅުވި އެވެ.
ހިންނަވަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރެއް ނެތް ކަމަށާއި އަލުން އެމައްސަލަ މަޖިލީހަށް އެޖެންޑާ ކުރަން ޖެހޭ ކަމަށެވެ.
މިއަދުގެ ޖަލްސާ ނުފެށި ހިނގަމުން މިދަނީ ޤާނޫނާއި ޤަވާއިދާއި ހިލާފު ކަންތައްތަކެއް ކަމަށާއި މިހާރުން މިހާރަށް ހުއްޓަލާން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލިސް ޤާނޫނާއި އެއްގޮތަށް ހިންގޭނީ އިތުބާރު ގެއްލިފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން އެޖެންޑާ ކުރުމަށްފަހުގައި ކަމަށެވެ.
(އިބޫ)ގެ މައްޗަށް ޖިނާއީ ހަތަރު ތުހުމަތެއް ކޮށް އެ މައްސަލަތައް ބަލަންވަނީ ފަށާފައެވެ.
އިބޫގެ މައްޗަށް ކުރާ ހަތަރު ތުހުމަތަކީ މިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނުުމުގައި ގާނޫނާ ހިލާފު އަމަލުތަކެއް ކުރި ކަމުގެ ތުހުމަތާއި، އެދުވަހު މަގުމަތީގައި މާރާމާރީ ހިންގުމަށް މަގުފަހިވާގޮތަށް އަމަލުކުރި ކަމުގެ ތުހުމަތު އަދި ފުލުހުންގެ ސަފު ފަޅާލައި ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމުގެ ތުހުމަތާއި ހުއްދަ ނޫން ތަނަކަށް ވަން ކަމުގެ ތުހުމަތެވެ.
މިމަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލި ކަމުގެ ތުހުމަތު އިދިކޮޅު ގިނަ މެންބަރުންގެ މައްޗަށް ވަނީ ކޮށްފަ އެވެ. އޭގެތެރެއިން ބައެއް މެންބަރުން ތިބީ މިހާރު ވެސް ފުލުހުން ހައްޔަރުކޮށްފަ އެވެ.