Advertisement
ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 16:03
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
ވޯޓާސް ލިސްޓް
ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބާކީ އެއް ދުވަސް
މުއްދަތު ހަމަވަނީ ޖެނުއަރީ މަހުގެ 21 ވާ އާދިއްތަ ދުވަހުގެ މެންދުރު 3 ޖެހުމާ ހަމައަށް
މިހާތަނަށް 325 ޝަކުވާ ލިބިފައިވޭ

މާރޗު 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާދިއްތަ ދުވަހު ބަންދުވާނެއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެމުއްދަތު ހަމަވަނީ ޖެނުއަރީ މަހުގެ 21 ވާ އާދިއްތަ ދުވަހުގެ މެންދުރު 3 ޖެހުމާ ހަމައަށެވެ.

މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު ގައި، ކޮމިޝަނުގެ ވެބްސައިޓު ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.  

މީގެއިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

Advertisement

މިހާތަނަށް ޝަކުވާ ހުށަހަޅާފައިވާ ގޮތުގެ ތަފްސީލު އީސީން އާންމުކޮށްފައިވާއިރު މިހާތަނަށް 325 ޝަކުވާ ލިބިފައިވެއެވެ. އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވެގެންނެވެ. އެޑްރެސް ބަދަލުވެގެން 185 ޝަކުވާ ހުށަހަޅާފައިވެއެވެ. މަރުވެފައިވާ މީހުން ލިސްޓުގައި ހިމަނައިގެން 131 ޝަކުވާ ހުށަހަޅާފައިވެއެވެ. އަދި ލިސްޓުގައި ނަން ނެތިގެން 2 ޝަކުވާ ހުށަހަޅާފައިވާއިރު ދާއިރާ ބަދަލުވެގެން 4 ޝަކުވާ ހުށަހަޅާފައިވެއެވެ.

އީސީން ބުނެފައިވަނީ 17 މާރިޗު 2024 ވަނަ ދުވަހަށް 18 އަހަރުފުރޭ 139165 އަންހެނުންނާއި، 145162 ފިރިހެނުންނާއެކު، ޖުމްލަ 284327 މީހުންގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް