ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 18:26
ރުއްގަނޑެއް
ރުއްގަނޑެއް
ޕްލާންޓްސްނެޕް
ކަނޑާކޮންމެ ގަހަކަށް ދެގަސް އިންދުން
ސިނާއީ ނޫން ބޭނުންތަކަށް ދޫކުރާ ރަށްތަކުން ރުއްގަސް ކަނޑާނަމަ އޭގެ ބަދަލުގައި އެ ރަށެއްގައި ދެ ގަސްއިންދަން މަޖުބޫރުކޮށްފި
ރާއްޖެއިން އާންމުކޮށް ނުފެންނަ އާދަޔާ ޚިލާފު ގަސްގަހާގެހި ކެނޑުމަކީ ނުވަތަ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަކީ މަނާކަމެއް
ގަވާއިދާ ހިލާފަށް އަމަލުކުރާނަމަ ގިނަވެގެން އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވޭ

ސިނާއީ ނޫން ބޭނުންތަކަށް ދޫކުރާ ރަށްތަކުން ރުއްގަސް ކަނޑާނަމަ އޭގެ ބަދަލުގައި އެ ރަށެއްގައި ދެ ގަސް ނުވަތަ ރުއް އިންދަން މަޖުބޫރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު ގެޒެޓްކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ފަޅުރަށްރަށް ނުވަތަ ރަށަކުން ބައެއް ދޫކުރަނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް؛ ނުވަތަ ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު އާންމު ފަރާތަކުން ހުށަހެޅުމުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅާ ފަރާތަކަށް، ނުވަތަ ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު ކައުންސިލަކުން ނުވަތަ ކައުންސިލްތަކަކުން ހުށަހެޅުމުންނެވެ.

މި ގަވާއިދުގައި ރަށުގެ ގުދުރަތީ ނުވަތަ ތަބީއީ ސިފަ ދަމަހައްޓައި ހިމާޔަތްކުރުން ހިމަނާފައިވެއެވެ.

އެގޮތުން މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށަކުން ރުއްގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ، ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދަންވާނީ ތިމާވެށި ޙިމާޔަތްކުރުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު އެވެ.

Advertisement

މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި އިމާރާތެއް ކުރުމަށް ނުވަތަ އެނޫން އެހެން ސަބަބަކަށްޓަކައި ގަހެއް ނުވަތަ ރުކެއް ކަނޑައިފިނަމަ އޭގެ ބަދަލުގައި އެ ރަށެއްގައި 2 ގަސް ނުވަތަ 2 ރުއް އިންދައި ހައްދަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި އިމާރާތެއް ކުރުމަށް ނުވަތަ އެނޫން އެހެން ސަބަބަކަށްޓަކައި ކަނޑާ ނުވަތަ ނަގާ ގަހެއް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަކާ ނުލައި ރަށުން ބޭރަށް ގެންދިޔުމަކީ މަނާކަމެކެވެ.

މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި ހުންނަ ބޮޑެތި ބިޔަ އަދި ދުވަސްވީ ގަސްގަހާގެއްސާއ،ި ރާއްޖެއިން އާންމުކޮށް ނުފެންނަ އާދަޔާ ޚިލާފު ގަސްގަހާގެހި ކެނޑުމަކީ ނުވަތަ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަކީ މަނާކަމެކެވެ.

މީގެ އިތުރުން ރަށަކުން ބައެއްގައި ފަސޭހައިން ރޫޅައިނުލެވޭ އަދި ނުއުފުލޭ ބިނާތައް ކުރެވޭނީ، ލިބިފައިވާ ޖުމުލަ ބިމުގައި ކުރަން ކަނޑައަޅާ ކަންތައްތަކަށް ރިޢާޔަތްކޮށް އެ ބިމުގެ 10 އިންސައްތަ އަށް ބޮޑުނުވާ ގޮތަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގާނޫނުގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފަށް ފަޅުރަށް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ރަށް ނުވަތަ ރަށުން ބައެއް ބޭނުންކޮށްފިނަމަ އެއްބަސްވުމުގައި އެކަމުގައި ކަނޑައަޅައިފައިވާ ފިޔަވަޅުގެ އިތުރުން ގިނަވެގެން އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް