Advertisement
ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 05:57
ސީރިޔާ ހަނގުރާމައަށް ދިޔަ ދިވެހި ޒުވާނެއް
ސީރިޔާ ހަނގުރާމައަށް ދިޔަ ދިވެހި ޒުވާނެއް
ރާއްޖެއެމްވީ
ދާހިލީ ހަނގުރާމަތަކަށް ދިޔުން
ދާހިލީ ހަނގުރާމަތަކަށް ދިއުމަކީ ހަރާމް ކަމެއް: ފަތުވާ
ޖިހާދު ކުރުމުގެ ނަމުގައި، ހަމަނުޖެހުން ހިންގަމުންދާ އިސްލާމީ ގައުމަކަށް ދިޔުމަކީ، މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ގައުމުތަކުގެ ކަންތައްތަކާ ބެހުމަށް ދޮރު ހުޅުވިގެންދާ ކަމެއް
ސީރިޔާ ފަދަ ބައެއް އިސްލާމީ ގައުމުތަކުގެ ހާލަތަށް ބަލާއިރު ޖިހާދު ކުރަން އެ ގައުމުތަކަށް ދިއުމަކީ އައިނިއްޔަ ފަރުޟަކަށް ނުވޭ
ކިފާޔަތުގެ ފަރުލެއް ކަމަށް ބަލައިފިނަމަ، ޖިހާދަށް ދިޔުމަށް ވަކި ޝަރުތުތަކެއް ހުރޭ

ދާހިލީ ހަމަނުޖެހުންތައް ހިންގަމުންދާ ގައުމުތަކަށް ޖިހާދަކުރުމުގެ ނަމުގައި ދިއުމާއި އެކަމުގައި ބައިވެރިވުމަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ކަނޑައަޅައިފިއެވެ.

އެ ފަތުވާގައިވަނީ ކީރިތި ރަސޫލާ(ޞ)ގެ ސާފު ސަރީހަ ބަސްފުޅުތަކުން އެނގޭ ގޮތުގައި މުސްލިމުންނާއި މުސްލިމުން ހަނގުރާ ކުރުމަކީ ހަރާމް ކަމެއް ކަމަށެވެ. ހަމަނުޖެހުންތަކަކީ އިސްލާމީ އުންމަތަށް ކުރިމަތިކުރައްވާފައިވާ ފިތުނައެއްކަމާއި، ފިތުނައިން ސަލާމަތްވުމަށް އަމަލުކުރަންވީ ގޮތް ކީރިތި ރަސޫލާ(ޞ)ގެ ބަސްފުޅުތަކުގައިވާ ކަމަށްވެސް ފަތުވާގައިވެއެވެ.

"އިސްލާމީ ގައުމުތަކުގައި ހިންގާ މިފަދަ ހަނގުރާމަ ތަކަކީ އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތުތަކެއްގެ ބޮޅުތަކުގެ ތެރެއިން ބޮޅެކެވެ. އިސްލާމީ ގައުމަކަށް ނިސްބަތްވާ ބަޔަކު ޖިހާދު ކުރުމުގެ ނަމުގައި، ހަމަނުޖެހުން ހިންގަމުންދާ އިސްލާމީ ގައުމަކަށް ދިޔުމަކީ، މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި، އިސްލާމީ ގައުމުތަކުގެ ކަންތައްތަކާ ބެހުމަށް ދޮރު ހުޅުވިގެންދާ ކަމެކެވެ" ފަތުވާގައި ބުނެފައިވެއެވެ.

Advertisement

ފަތުވާގައި ވަނީ ހަމަނުޖެހުންތަކުގެ ނުރައްކާތެރިކަމުން މުސްލިމުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމާއި އެކަމަށް ކެތްތެރިވުމާއި، ބައިބައިނުވުމާއި އުއްމަތުގެ ވަހުދަތަށްޓަކައި މަސައްކަތް ކުރުމަށް އެދިފައެވެ. ފަތުވާގައި އިތުރަށް ބުނެފައިވަނީ ދާޚިލީ ހަނގުރާމަ ހިނގަމުންދާ ސޫރިޔާ ފަދަ ގައުމުތަކުގައި، ޖިހާދު ކުރަން ބޭނުންވާ އެގައުމުގެ ޒުވާނުން އެބަތިބިކަމަށާއި މިޒުވާނުންނަކީ ވަރަށް ރަނގަޅަށް ތަމްރީން ލިބިފައިވާ އެކަމަށް ގާބިލު މީހުންނެވެ. އެމީހުން އެދެނީ އެމީހުންނަށްޓަކައި ހެޔޮ ދުއާ ކޮށްދިނުމަށްކަމަށާއި މިއަދު ހާލަތު އޮތް ގޮތުން އިތުރު ބަޔަކު އެމީހުންގެ ގާތަށް ދިޔުމަށް އެމީހުން ނޭދޭކަމަށް ފަތުވާގައި ބުނެފައިވެއެވެ. އެއީ އެކަމުގައި އެމީހުންނަށް ތަހައްމަލުކުރަންޖެހޭ ދަތި ބުރަތަކެއް ހުރުމުންކަމަށްވެސް ފަތުވާގައި ބުނެފައިވެއެވެ.

އިސްލާމީ ދުނިޔޭގެ ބޮޑެތި އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ސީރިޔާ ފަދަ ބައެއް އިސްލާމީ ގައުމުތަކުގެ ހާލަތަށް ބަލާއިރު ޖިހާދު ކުރަން އެ ގައުމުތަކަށް ދިއުމަކީ އައިނިއްޔަ ފަރުޟަކަށް ނުވާ ކަމަށް ފަތުވާގައި ބުނެއެވެ. ނަމަވެސް ކިފާޔަތުގެ ފަރުލެއް ކަމަށް ބަލައިފިނަމަ، ޖިހާދަށް ދިޔުމަށް ވަކި ޝަރުތުތަކެއް ހުންނަ ކަމަށް އިސްލާމީ ދުނިޔޭގެ ބޮޑެތި އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމަށްވެސް ފަތުވާގައިވެ އެވެ. އެގޮތުން ވާ ދެ ޝަރުތަކީ ވަލިއްޔުލްއަމްރު ހުއްދަދިނުމާއި މައިންބަފައިންގެ ހުއްދަ ލިބިގެންނެވެ.

ދާހިލީ ހަމަނުޖެހުންތައް ހިންގަމުންދާ ގައުމުތަކަށް ޖިހާދަކުރުމުގެ ނަމުގައި ދިއުމާއި އެކަމުގައި ބައިވެރިވުމަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ކަނޑައަޅާފައިވާއިރު ސީރިއާގެ ދާހިލީ ހަނގުރާމައިގައި ހަރަކާތްތެރިވި 21 ދިވެއްސަކު މިދިޔަ އަންގާރަ ދުވަހު ރާއްޖެ ގެނެސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް