ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 13:54
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ގާޒީއަށް ނުފޫޒު ފޯރުވުން
ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
އޭނާއަކީ ކުރިންވެސް މަސައްކަތަށް ފަރުވާ ކުޑަކޮށްގެން ފިޔަވަޅު އަޅާފައިވާ މުވައްޒަފެއް
އޭނާ މި މައްސަލައާ ގުޅިގެން ބައްދަލުކުރީ ޕީޕީއެމްގެ ބަޔަކާކަމަށްވެސް ކަށަވަރުވެފައިވޭ
ޕީޕީއެމްގެ ޖަގަހައަކަށް ގޮސް، ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ މަޝްވަރާކޮށް، އެ މައްސަލައިގައި ހިމެނޭ މީހުން ދޫކޮށްލަން އެދި ގާޒީއަށް ގުޅި މައްސަލައެއްގައި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައި ހުންނެވި އަންހެން މުވައްޒަފެކެވެ. އޭނާއަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ އަންހެނުންނެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔާދީފައިވާ ގޮތުގައި އެ މުވައްޒަފު ވަނީ ޕީޕީއެމްގެ ޖަގަހައަކަށް ގޮސް، ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އަދި އޭގެ ފަހުން އޭނާ ވަނީ އެ މައްސަލައިގައި ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްދިނުން އެދި މައްސަލަ ބައްލަވާ ފަނޑިޔާރު ކިބައިން އެދިފައެވެ.

Advertisement

މި މައްސަލަ ކޯޓުގެ ހިއުމަން ރިސޯސް ކޮމިޓީން ބެލުމަށްފަހު، ކޮމިޓީން ނިންމީ އޭނާ ވަޒީފާއިން ވަކި ކުރުމަށެވެ.

އޭނާއަކީ ކުރިންވެސް މަސައްކަތަށް ފަރުވާ ކުޑަކޮށްގެން ފިޔަވަޅު އަޅާފައިވާ މުވައްޒަފެއްކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.

އަދި އޭނާއާ މި މައްސަލައާ ގުޅިގެން ބައްދަލުކުރީ ޕީޕީއެމްގެ ބަޔަކާކަމަށްވެސް އެ ފަރާތުން ކަށަވަރުކޮށްދިނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ހިމެނެނީ ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ބައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް