ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި ޢަމަލުކުރާނެ ގޮތުގެ އައު އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
މި އުސޫލުގައި ބުނެފައިވަނީ، ކޮންމެ ކޯޓަކުންވެސް އެ ކޯޓެއްގެ ފަނޑިޔާރުންގެ ހާޒިރީއާއި، ސަލާމާއި، ޗުއްޓީގެ ތަފުސީލު ހިމެނޭ ރިޕޯޓް މަހަކު އެއްފަހަރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނާ ހިއްސާކުރަންވާނެ ކަމަށެވެ.
އޭގެ އިތުރުން، ހާޒިރީއަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން އަދި ފަނޑިޔާރުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި މަސައްކަތްތަކަށް ދަތިވެ މަސައްކަތްތައް ކުރިޔަށް ނުދާނަމަ، ނުވަތަ މަސައްކަތްތަކަށް ބުރޫއަރާނަމަ، އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވަންވާނެކަމަށްވެސް ބުނެފައިވެއެވެ.
އަދި ކޯޓާ ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީ ނަގާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރާނެ ތަރުތީބުވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޗުއްޓީގައި ހުންނަވާ ހާލަތުގައި ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގެ އިޚްތިޔާރު އުއްތަމަފަނޑިޔާރަށް ލިބިގެންވާކަމަށް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ޗުއްޓީގައި ހުންނަ ހާލަތުގައި އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރާނީ ހައިކޯޓުގެ އިސް ފަނޑިޔާރެވެ.
މީގެ އިތުރުން، ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީން ޗުއްޓީގައި ތިބޭ ހާލަތުގައި އިސް ޤާޟީގެ މަސްއޫލިއްޔަތު އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ހަވާލުކުރާނީ އެ ސުޕީރިއަރ ކޯޓެއްގެ އިސް ޤާޟީކަމަށްވެސް ބުނެފައިވެއެވެ.
އުސޫލުގައި ބުނެފައިވަނީ ޑޮކްޓަރެއްގެ ސެޓުފިކެޓަކާއެކު ފަނޑިޔާރެއްގެ ނުވަތަ ފަނޑިޔާރެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއްގެ ޞިއްޙީ ސަބަބުތަކަށް ޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެނަމަ، މުސާރައާއި ޢިނާޔަތްތަކުގެ ދެބައިކުޅައެއްބައި ދޭގޮތަށް 1 އަހަރުދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ޗުއްޓީއެއް ދެވިދާނެ ކަމަށެވެ. އޭގެ ތެރޭގައި ދަރިން، މައިންބަފައިން، އަނބިމީހާ، ފިރިމީހާ ފަދަ ޢާއިލާގެ މެންބަރަކު ހިމެނެއެވެ.
އޭގެ އިތުރުންވެސް ފަނޑިޔާރަކަށް ދިމާވާ ޚާއްޞަ ހާލަތަކާ ގުޅިގެން ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއެކު ހުށަހެޅުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުން މުސާރައާއި ޢިނާޔަތްތަކުން އުނިނުވާ ގޮތަށް ޚާއްޞަ ޗުއްޓީއެއް ދެވިދާނެކަމަށް އުސޫލުގައި ބުނެއެވެ. އެގޮތުން މި ޗުއްޓީއަށް އެދި ހުށަހަޅަން ޖެހޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށެވެ.
އަދި މި ޗުއްޓީގެ ހުއްދަ ދޭނީވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.