ކ. މާލެ
|
12 ޖެނުއަރީ 2024 | ހުކުރު 07:59
ތ. ގާދިއްފުށިގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ބައްލަވާލައްވަނީ
ތ. ގާދިއްފުށިގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ބައްލަވާލައްވަނީ
ޕޮލިސް
ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލުން
ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލުމަށް ކުރާ މަސައްކަތް ފުޅާކުރާނަން: ކޮމިޝަނަރު ޝުޖާއު
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްވުން މުހިންމު
އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ
ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުތައް ދޭނެ

ފުލުހުން މުޖުމަތައުއާ ގުޅިގެން ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުމާއި ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލުމަށް ކުރާ މަސައްކަތް ފުޅާކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ގާދިއްފުށި ކައުންސިލްގެ ރައީސް އަބްދުﷲ ނަޞީފް އެވެ.  ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ކައުންސިލްގެ ރައީސް ނަޞީފް އެވެ. އަދި ފުލުހުންގެ ދިދަ ނަންގައިދެއްވީ ކޮމިޝަނަރު ޝުޖާއުއެވެ. ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިދެއްވި ރަސްމިއްޔާތުގައި ކޮމިޝަނަރު ވިދާޅުވީ ގާދިއްފުއްޓަކީ އިޖުތިމާއީ ގުޅުން ބަދަހި ރަށެއް ކަމަށާއި، ފުލުހުންގެ މަރުކަޒެއް ގާއިމް ވުމުން ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްވުން މުހިންމު ކަމަށާއި، މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހްގީގުކޮށް، ގާނޫނު ތަންފީޒު ކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިހްތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ހަމައެއާއެކު ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުމަތައުއާ ގުޅިގެން ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުމާއި ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މައްސައްކަތްކުރުންކަން ފާހަގަކުރައްވައި، ކޮމިޝަނަރު ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިޔަށް މިއޮތް ފަސް އަހަރަށް ރާވާ އިންތިޒާމް ކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުގައި ގާދިއްފުށީގައި ވެސް ފުލުހުންގެ ޚިދުމަތް ދެވޭ ގޮތާއި މިންގަނޑުތައް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.

Advertisement

އެގޮތުން ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުދިނުމާއި، ފުލުހުން އިތުރަށް ހަރުދަނާކުރުމާއި، އިތުރު ފަންނި ވަސީލަތްތައް ގާއިމްކޮށްދިނުމާއި، ކައުންސިލާ ރައްޔިތުންނާ ފުލުހުން ގުޅިގެން ކުށްމަދު މުޖުތަމައުއެއް ގާއިމްކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތައް ހަރުދަނާކުކުރެވިގެން ދާނެކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ދިވެހިވަންތަ ގައުމުގެ ދެކެ ލޯބިވާ ދިވެހި ލޭ ހިނގާ، ދިވެހި ފުލުހުންނަކީ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއި މާލުން ގުރުބާން ވަމުންދާ ބައެއްކަމަށާއި ފުލުހުން ރެއާދުވާލު އެއްވެސް ވަރުބަލިކަމެއްނެތި ކުރާ މަސައްކަތްތަކުގެ ބޭނުމަކީ ރާއްޖެއަކީ އެންމެނަށް ރައްކާތެރި އަމާންތަނަކަށް ހަދާ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހިތްހަމަޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

ގާދިއްފުށި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވާފައެވެ.

ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ރަޝީދު އާއި ސީނިއަރ ބައެއް އޮފިސަރުންނާއި ގާދިއްފުށި ކައުންސިލްގެ ރައީސް އާއި އެރަށު ކައުންސިލް މެމްބަރުންނާއި ތ. އަތޮޅު ކޮމާންޑަރާއި ރަށުގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް