Advertisement
ކ. މާލެ
|
30 ޖުލައި 2017 | އާދީއްތަ 15:10
ރައްޔިތުންގެ މަޖިލިސްއިން މެމްބަރުންތައް ނެރެނީ
ރައްޔިތުންގެ މަޖިލިސްއިން މެމްބަރުންތައް ނެރެނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ސަލާމަތީ ހިދުމަތްތަކުން މަޖިލީހަށާއި މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ހުށަހަޅައިފި
މަޖިލީހުން މެމްބަރުން ނެރުނީ ސިފައިންނާއި ފުލުހުން ގުޅިގެން
24 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓީ ސިފައިން
ސިފައިން މަޖިލީހަށް ވަދެފައިވަނީ، މަޖިލީހުން އެދިގެން

ސަލާމަތީ ހިދުމަތްތަކުން ރައްޔިތުންގެ މަޖިލީހަށާއި މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ މަޖިލީހަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

 

ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ބަންދުކޮށްފައިވާއިރު، އެ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލީހުގެ އިދާރާއަށް މަޖިލީހުގެ މެމްބަރުން ވެންނެވުމުން، އެ މެމްބަރުން މަޖިލީހުގެ އިދާރާއިން ގަދަކަމުން ނެރުނު މައްސަލަ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފެވެ.

 

މައްސަލައިގެ ލިޔުމުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ޤަވާޢިދުގެ 153 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދޭނީ މުޅި މަޖިލީހުގެ ޙައްޤަށް ނުވަތަ އިމްތިޔާޒަކަށް ޖުމްލަގޮތުގައި އުނިކަން އަންނަ ކަންކަމަށްވުމާއި، އެފަދައިން މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައްކާތެރިކަމާއި، މަޖިލީހުގެ ޤަދަރާއި މަޖިލީހުގެ ޖަލްސާތަކުގެ ސައްޙަކަން ހިމެނޭ ކަންކަމަށެވެ. ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދޭނީ މަޖިލީހުގެ މެމްބަރެއްގެ ދާއިރާއެއް ތަމްސީލުކުރުމުގައި މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރާ ވާޖިބާ ގުޅޭގޮތުން މެމްބަރެއްގެ އަބުރަށް ނުވަތަ ޙައްޤަށް އުނިކަން އަންނަ ކަންކަމާ ގުޅިގެންކަމަށް ލިޔުމުގައި ފާހަގަ ކުރައްވާފައިވެ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލައިގެ ވޯޓު ނަގަންޖެހޭ ދުވަސްކަމުގައިވާ 24 ޖުލައި 2017 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވުމުން، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވުމަށް ދިޔައިރު ހިނގާދިއަ ޙާދިސާއަކީ މުޅި މަޖިލީހުގެ ޙައްޤަށް ނުވަތަ އިމްތިޔާޒަށް އުނިކަން އައި ކަމެއް ކަމަށް މަހްލޫފު ވިދާޅުވެފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުން އެ މެންބަރުންގެ މަސައްކަތް ކުރުމަށް މަޖިލީހަށް ހާޒިރުވެ ތިއްބާ، ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަދެ، މެމްބަރުންގެ ގަޔަށް ގަދަކަމުން އަތްލައި އަނިޔާވެރިވެފައިވުމާއި، އެމްޑީޕީގެެ ޕާރލަމެންޓްރީ ގްރޫޕް ލީޑަރުގެ އޮފީސް ކޮޓަރިކޮޅުގެ  ދޮރު ގަދަކަމުން ހުޅުވައި އެތަނުގެ ތެރެއަށް އެސް.އޯ ފުލުހުންނާއި ސިފައިން ވަދެފަައިވުމާއި އަދި މެމްބަރުންގެ ގަޔަށް ގަދަކަމުން އަތްލައި ދަމާ ކޫތާފައި މަޖިލީހުން ވާކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިެވ އެވެ.

 

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހަށް ވަނުމާއި ނުކުތުމަކީ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކުމެ ހުއްދަވެގެންވާ ކަމަކަށްވުމާއި، އަދި އެގޮތުގެ މަތިން އަބަދުވެސް މަޖިލީހުގެ ޤަވާއިދުން ޢަމަލުކުރެވެމުން ގޮސްފައިވުމާއި، ސިފައިންނާއި ފުލުހުންނަށް އެކަން މަނާކުރެވޭނޭ ޤާނޫނީ އެއްވެސް ހަމައެއް ނެތުމާއި، އަދި ބުނެވިދިއަ ދުވަހު ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނުވަދެވޭނޭކަމަށް އެއްވެސް މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުން ވެސް އަންގާފައި ނުވުމާއި، އަދި އެގޮތަށް އެންގިދާނޭ އެއްވެސް ހަމައެއް އުސޫލެއްވެސް ނެތް" މައްސަލައިގެ ލިޔުމުގައިވެ އެވެ.

 

ފުލުހުން ބުނެފައިވަނީ މަޖިލީހަށް ޖުލައި 24 ވަނަ ދުވަހު ވަނީ ފުލުހުންގެ އެހީތެރިކަމަށް ސިފައިން އެދުމުން ކަމަށެވެ. އެކަމަށް ސިފައިންގެ ފަރާތުން ބަހެއް ބުނެފައެއް ނެތެވެ

 

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެފައިވަނީ ސިފައިން މަޖިލީހުގެ އިދާރާއަށް ވަދެފައިވަނީ، މަޖިލީހުގެ އިދާރާއިން އެދިގެން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް