ކ. މާލެ
|
11 ޖެނުއަރީ 2024 | ބުރާސްފަތި 14:35
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
ޕޮލިސް
ކުށް މަދުކުރުން
ރާއްޖެއަކީ ކުށްކުރުން ހަލުވި ގައުމަކަށްވީނަމަވެސް ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ކުރެވޭނެ - ސީޕީ
ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ވިޝާމް

މި ކުޑަ ދިވެހިރާއްޖެއަކީ ހުޅުވިފައިވާ ގައުމަކަށްވުމާއި، އެހެން ގައުމުތަކާ އަޅާބަލާއިރު ކުށް ކުރުން ހަލުވި ގައުމަށްވީނަމަވެސް ރައްޔިތުންނާއި ފުލުހުންނާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ކުށްމަދު އަމާން ގައުމަކަށް މިގައުމު ވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

އޭނާ މި ފަދައިން ވިދާޅުވީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާބައިދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތްދިނުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ މާބައިދޫގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިއުމާއެކު ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށް ކުރިޔަ ނުދިނުމަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމާމެދު ޝައްކުނުކުރައްވާކަމަށެވެ. ސީޕީ ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުން ޚިދުމަތް މުހިންމުވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށެވެ.

Advertisement

ހަމައެހެންމެ ޖިނާޢީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް ގާނޫނު ތަންފީޒްކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ވެސް ފުލުހުންގެ ޚިދުމަތް މުހިންމުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މާބައިދޫގައިވެސް ފުލުހުންގެ މަރުކަޒެއް ގާއިމްކުރުމަށް ފުލުހުންގެ ގާނޫނުން ލާޒިމްކުރާކަން ފާހަގަކުރައްވައި، މިއަދު ހުޅުވިގެންދާ މަރުކަޒަކީ އެ ހުރިހާ ކަމެއް ޔަގީންކުރުމަށް ހުޅިވިގެންދާނެ ދޮރާޓެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުއާ ގުޅިގެން ކުށްކުރިޔަ ނުދިނުމަށް މަސައްކަތްކުރުންކަމަށާއި ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރަން ޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ އިތުރަށް ވިދާޅުވީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ލ. މާބައިދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭން ފެށުން - ޕޮލިސް

މީގެ އިތުރުން ފުލުހުންގެ ޚިދުމަތް ކުރިއަށް އޮތް ފަސް އަހަރަށް ރާވާ، އިންތިޒާމްކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުން މާބައިދޫގައިވެސް ފުލުހުންގެ ޚިދުމަތް ދެވޭ ގޮތާއި މިންގަނޑުތައް ތަރައްގީ ކުރެވިގެންދާނެކަމަށާއި އެގޮތުން ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުތައް ދިނުމާއި ފުލުހުން އިތުރަށް ހަރުދަނާކުރުމާއި އިތުރު ފަންނީ ވަސީލަތްތައް ގާއިމްކޮށްދިނުމާއި ކައުންސިލާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްމަދު މުޖުތަމައުއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ލ. މާބައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ވިޝާމްއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ މާބައިދޫ ކައުންސިލްގެ ރައީސްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.

މާބައިދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވާފައެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ސީނިއަރ ބައެއް އޮފިސަރުންނާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމު އާއި އެރަށު ކައުންސިލް މެމްބަރުންނާއި ލ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޘް އިބްރާހީމް އާއި ރަށުގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް