ޤައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ސިޓީ ސްޕޯރޓްސް ކްލަބް ކަޓުވާލުމަށްފަހު, ގައުމީ މުބާރާތުގެ ފައިނަލުން އާބަންކޯ ޖާގަ ހޯދައިފި އެވެ.
އާބަންކޯ ފައިނަލުން ޖާގަ ހޯދީ ތިންވަނަ ސެމީފައިނަލްގައި 3-1 ސެޓުން ސްޕޯރޓްސް ކްލަބް ސިޓީ ބަލިކޮށްގެންނެވެ. ވަރަށް ވަރުގަދަ ސެމީފައިނަލް މެޗަކަށްފަހު ސިފައިން އަތުން ބަލިވި ސިޓީ, ތިންވަނަ ސެމީގައި ވެސް އެއް ސެޓް ފިޔަވާ ރަނގަޅު ވާދަވެރި ކުޅުމެއް ކުޅުނެވެ. މެޗުގެ ފުރަތަމަ ސެޓް އާބަންކޯ އިން ގެންދިޔައީ 25-23 ނެވެ. ހަމަ އެނަތީޖާއިން ދެވަނަ ސެޓް ސިޓީން ހޯދި އެވެ. އެކަމަކު ތިންވަނަ ސެޓް އާބަންކޯ އިން ގެންދިޔައީ ފަސޭހަކަމާ އެކުއެެވެ. އެއީ 25-12 ނެވެ. ހަތަރުވަނަ ސެޓްގައި ސިޓީން ވާންކުރި ނަމަވެސް 27-25 ން ސެޓް ކާމިޔާބުކޮށް އާބަންކޯ ފައިނަލުގެ ޖާގަ ހޯދިއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އާބަންކޯގެ ލަސިންދު މެތުމަލް ވަސަންތަޕްރިޔާ އެވެ. ސިފައިންނާއި އާބަންކޯ ފައިނަލްގައި ވާދަކުރާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.
ޤައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ކްލަބް ވެމްކޯ އެވެ. އެއީ ތިންވަނަ ސެމީފައިނަލްގައި ހޯމަ ދުވަހު ހަވީރު ސީދާ ތިން ސެޓުން ވޮލީބޯލް ޔޫތް ނިއު ޖެނެރޭޝަން ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ވެމްކޯ އިން ގެންދިޔައީ 25-23, 25-17 އަދި 26-24 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ. ފައިނަލްގައި ޕޮލިސް ކްލަބާ ދެކޮޅަށް ވެމްކޯ ނިކުންނާނީ އަންގާރަ ދުވަހުގެ ރެއެވެ.