އޭސީސީގެ އަމަލުތައް ހުރިގޮތުން އެ ކޮމިޝަން އޮތީ ކޮރަޕްޝަންގައި ނުޖެހިތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދައިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ސަނީފް އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދާދި ފަހުން 13 މެންބަރަކު އެމްޑީޕީ ދޫކޮށް ޕީއެންސީ އަށް ކުއްލި ގޮތަކަށް ބަދަލުވުމުން އެކަމާއި މެދު އާއްމުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާފައެވެ. އަދި އެ މެންބަރުން ރިޝްވަތު ނެންގެވިކަމަށް މަޖިލީހުގެ މެންބަރުންނާއި އާއްމުން ވެސް ދަނީ ތުހުމަތުކުރަމުންނެވެ. އެކަމާ މެދު ވާހަކަފުޅު ދައްކަވަމުން މެންބަރު ސަނީފް ވިދާޅުވީ މެންބަރުން ގަންނަން ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި ކަމަށެވެ.
އެކަން އެންޓިކޮރަޕްޝަން ކޮމިޝަނުން ވެސް ނުބަލާތީ އެކަމާއި މެދު ސަނީފް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ވަކި މައްސަލަތަކެއް އޭސީސީން ބަލަމުންދާ މަންޒަރު ފެންނަ ކަމަށާއި މިއަދު އޭސީސީ އޮތީ ކޮރަޕްޝަންގައި ނުޖެހިތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އާންމު ރައްޔިތުންނަށް ލިބިފައިވާ ފްލެޓްތަކާއި ގުޅުން ހުރި މައްސަލަ ބަލާއިރު، މެންބަރުންތަކެއް ގަތްކަމަށް ކުރާ ތުހުމަތުތައް ނުބަލާ ސަބަބާއި މެދު ސަނީފް ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ރައްޔިތުން ހޮވި ޕާޓީގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ނަމަ، ޖެހޭނީ އެ ގޮނޑިއަކުން އިސްތިއުފާދޭންކަމަށް ސަނީފް ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގައި މެންބަރަކު ހުރި ގޮނޑި ދޫކޮށްލާނަމައާއި މަޖިލީހުގައި އާއްމުން އެ މެންބަރަކު ހޮވި ޕާޓީ ބަދަލުކުރާނަމަ، އެ މެންބަރަކަށް ދެވަނަ ފުރުސަތެއް ނުދިނުމަށް ވެސް ސަނީފް ވަނީ ގޮވާލައްވާފައެވެ. އަދި މިހާތަނަށް އައި އިރު ތިނަދޫގެ އެމްޑީޕީގެ ކެންޑިޑޭޓަކު މަޤާމަކަށް އިންތިޚާބުކޮށްފި ނަމަ މަޤާމްގެ މުއްދަތު ހަމަވަންދެން ހުރީ އެ ޕާޓީގައި ކަަމަށާއި އެކަމާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ސަނީފް ވިދާޅުވިއެވެ.