ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގދ. ތިނަދޫ ސިޓީއަށް ވެވެޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން 90 އިންސައްތަ ފުއްދަވާދެއްވާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ އުފާވެރި އަމާންރާއްޖެ ޖަލްސާގައި މެންބަރު ސަނީފް ވިދާޅުވީ ރައީސް ސާލިހުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނު ތިނަދޫއަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން 90 އިންސައްތަ ފުއްދަވާފައިވާ ކަމަށެވެ.
އެގޮތުން ވޯޓާ ސަޕްލައިފެނުގެ ޚިދުމަތް ހުއްޓުމާއި ގުޅިގެން އެޕްލާންޓް އިތުރަށް އައު ކުރެވި އައު ޕްލާންޓެއް ގާއިމްކުރެވި ފެނުގެ ކެޕޭސިޓީ ސްޓޯރޭޖް އިތުރުކުރެވިފައިވާ ކަމަށާއި، ދެ ސްކޫލުގެ ދެ އިމާރާތް އަޅާފައިވާ ކަމަށާއި، އައު އިންޖީނުގެ އަޅާ ނިމިފައިވާ ކަމަށާއި، ތިނަދޫގެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރެވި އައު ޚިދުމަތްތައް ތައާރަފް ކުރެވެމުންދާ ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށް ނިމިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ އައިސްޕްލާންޓް ޖެޓީ ނިމި، މިފްކޯގެ ކޯލްޑް ސްޓޯރޭޖް މަސައްކަތް ކުރިއަށްދާ ކަމަށާއި، ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި ޕާސްޕޯޓު ޚިދުމަތް ދޭން ފެށިފައިވާ ކަމަށާއި، 200 ރޯހައުސްގެ މަޝްރޫއު ކުރިއަށްދާކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނުގައި ބޭރުގެ ބޯޓުތަކަށް ކައިރި ކުރެވޭ ގޮތަށް ބިޔަ ބޮޑު ބަނދަރެއް ގާއިމް ކުރެވެމުންދާ ކަމަށެވެ.
މީގެ އިތުރުން މެންބަރު ސަނީފް ވިދާޅުވީ މިހާރު ތިނަދޫގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަކީ 2014 އިން 2018 އަށް ކުރިއަށް ގެންދިޔަ ކަހަލަ މަޝްރޫއުތަކެއް ނޫން ކަމަށެވެ. މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުން ރައްޔިތުން ތަކުލީފު އުފުލަން ނުޖެހޭ ކަމަށް މެންބަރު ސަނީފް ވިދާޅުވިއެވެ.
އެއާއެކު ޚާއްސައެހީ ބޭނުންވާ ކުދިންނަށް އިތުރަށް އިނާއަތް ދީ ގާނޫނެއްގެ ތެރޭގައި އެކަންލުމަކީ މިދައުރުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިންމު ކަންތައް. އެއާއެކު އަޅުގަނޑު ފާހަގަކޮށްލަން އޮތީ ގެދޮރު ހަދަން އެޗްޑީއެފްސީން ލޯނުދިނުމާއި، އެސްއެމްއީ މެދުވެރިކޮށް ކުދިވިޔަފާރިވެރިންނަށް ދޭ ލޯނަކީ މިއަދު ގިނަކަންތައްތަކެއް މިއަދު އަޅުގަނޑުމެންނަށް ހާސިލްވާ ކަންތައްތައް.ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް
މެންބަރު ސަނީފް ވިދާޅުވީ ހިލޭ ޑިގްރީއާއެކު އިތުރަށް ތައުލީމު ހާސިލް ކުރުމަށް ފަސޭހައިން ލޯނަށް ލިބޭ ގޮތް ހަމަޖައްސައިދިނީ މިސަރުކާރުން ކަމަށާއި، ކުދި އަދި މެދު މަންތީގެ ލޯނާއި، ގެދޮރު އިމާރާތް ކުރުމަށް ފަސޭހައިން ލޯނު ލިބޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދިނީ މިސަރުކާރުން ކަމަށެވެ.
މެންބަރު ސަނީފް ވިދާޅުވީ އިގްތިސާދީ ގޮތުން ބޮޑު ބަދަލެއް މިސަރުކާރުން މުޅި ރާއްޖެއަށް ގެނެސްދޭއިރު، މި ތަރައްގީގެ މަޝްރޫއުތަކާއި، ރައްޔިތުން އެދޭ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ހޯދުމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ވޯޓުދީ، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް މެންބަރު ސަނީފް ވިދާޅުވިއެވެ.