ނިމިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި އެންމެ ބޮޑު އަނިޔާއަކާއި ވޭނެއް ތަހައްމަލު ކުރަމުންދާ ބަޔަކީ ޣައްޒާގެ ކުޑަކުދިންނެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުގެ ވަސް، މި ބިންމަތިން ފޮހެލާނެކަމަށް ބުނެ، އެއެއް މިއެއް ބެލުމެއްނެތި އިޒްރޭލުން ދެމުންދާ ނިރުބަވެރި ހަމަލަތަކުގައި ފަލަސްތީނުން މަރުވި މީހުންގެ ލިސްޓުގައި ގިނައީވެސް ކުޑަކުދިންނެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އެ ކުދިންގެ ހަށިގަނޑާއި ހިތްތަކާއި ސިކުނޑީގައި އަޅާ ވޭން، އެހެން މީހަކަށް ބަޔާންކޮށްދެވޭނެ ހެއްޔެވެ؟
2.3 މިލިއަނެއްހާ މީހުން ތޮއްޖެހިގެން ދިރިއުޅެމުންދާ ޣައްޒާއަށް އަމާޒުކޮށް ނިރުބަވެރި ޔަހޫދީން ދެމުންދާ ހަމަލަތަކުގައި ފުރާނަ ސަލާމަތްވިނަމަވެސް، ދިރިތިބި ކުދިން އުފުލަމުންދާ ވޭން ކުޑައެއްނޫނެވެ. ގުނަވަންތައް ބުރިބުރިވެ، ނުކުޅެދޭ ހާލުގައި ދުވަސްތައް ގުނަން މަޖުބޫރުވެފައިވާ ކުދިންގެ އާ ޖީލެއް ޣައްޒާގައި އުފެދެމުންދެއޭ ދެންނެވުމަކުންވެސް ދޮގަކަށް ނުވާނެއެވެ.
އަހަރެމެންގެ ކުދިންނަށް މިހެން ހަދާލި އިޒްރޭލު މީހުންގެ ކިބައިން، މާތް ﷲ ބަދަލު ހިއްޕަވާށި. އެމީހުން މި ދަރިން ހަލާކުކޮށްލައިފި. އެކުދިން އަބަދު އެ ތިބެނީ މަންމައަށް، ބައްޕައަށް ގޮވާލަގޮވާލާ. އަހަރެން ކިހިނެއް، އެމީހުންގެ މަރުގެ ޚަބަރައިގެން އެކުދިންނާ ކުރިމަތިލާނީ؟އަމާނީ އަލްޚޫލީ؛ އީމާން ބެލުމަށް ހަވާލުކޮށްފައިވާ މީހާ
ޣައްޒާގެ ޚާން ޔޫނިސްގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދާ އެފަދަ އެތައް ކުދިންނެއްގެ ތެރެއިން އެކަކީ އީމާން ޚޫލީއެވެ. އީމާންގެ ހަށިގަނޑަށް ޚާއްސަކޮށްގެން މަސްނޫޢީ ގުނަވަނެއް ޖަހައި، ދިގު މުއްދަތުގެ ފަރުވާ ކުރަންޖެހޭއިރު، އެކަމަށް ދާން ޖެހެނީ ޣައްޒާއިން ބޭރަށެވެ.
އީމާނަށް މަސްނޫއީ ގުނަވަނެއް ބޭނުންވޭ. އީމާނަށް މަސްނޫއީ ގުނަވަނެއް ޖަހައިދީ، އިތުރު ފަރުވާއަށް ބޭރަށް ގެންދަން އަހަރެން ޑިމާންޑްކުރަން. މިތާ އޮންނަންވެއްޖެއްޔާ، ފައި އެކީ ގެއްލިދާނެ، ފަރުވާ ނުދެވިގެން. މިތާކު ނެތް އެކަށީގެންވާ ބޭސްފަރުވާއެއް. ވީ އެންމެ އަވަހަކަށް، މަސްނޫއީ ގުނަވަނުގެ ކަންކަން ހަމަޖައްސަން އަހަރެން ޑިމާންޑްކުރަން. އޭރުންތާ، އާންމު ދިރިއުޅުމަކައިގެން އުޅެން އީމާނަށް ފަރިތަކޮށްލެވޭނީވެސް. ބޭނުންކަމެއް ކޮށްލާ ހަދަން އުޅެވޭނީވެސް.އަމާނީ އަލްޚޫލީ؛ އީމާން ބެލުމަށް ހަވާލުކޮށްފައިވާ މީހާ
އުމުރުން އެންމެ 11 އަހަރުގެ ނޫރު މައުރޫފަކީވެސް ހަމަ އެފަދަ ކުއްޖެކެވެ. ޖަބާލިއްޔާގައި އޭނާ ދިރިއުޅެމުންދިޔަ ތަނަށް އިޒްރޭލުން އޮކްޓޯބަރު މަހު ދިން ހަމަލައެއްގައި އޭނާގެ ވާތުފައި މުޅިން ވަކިވިއެވެ.
އަހަންނަށް ވަރަށް ތަދުވޭ. އަހަރެން ބޭނުމީ ޔޫއޭއީއަށް ދާން. މިތާ އޮންނަންވެއްޖެއްޔާ، އެމީހުންނަށް ޖެހިދާނެ އަހަރެންގެ އަނެއް ފައިވެސް ބުރިކޮށްލަން. އެހެންވެ... އަހަންނަކީ ކުރިން ހަމަ ދުވެ، ސަކަރާތްޖަހާ، ކުޅެއުޅުނު ކުއްޖެއް. އެކަމަކު މިހާރު، އަހަރެންގެ ފައި ބުރިކޮށްލައިފި. ސިފަ ހުތުރުވެއްޖެ. މުޅި ދިރިއުޅުން ގެއްލިއްޖެ. ވަރަށް ވަރަށް ދެރަވޭ. މަސްނޫއީ ފައެއް ލިބުން އުންމީދަކީ.ނޫރު މައުރޫފު؛ ޣައްޒާގައި ޒަޚަމްވި ކުއްޖެއް
ނޫރުގެ ކަނާތުފައިވެސް ސަލާމަތްވީއެއް ނޫނެވެ. ކަނާތު ފައިގައި މިހާރުވެސް ހުރީ ބޮޑު ދަގަނޑެއް އަޅުވައި، ކަށިގަނޑުގެ ތެރެއަށް 4 އިސްކުރު ޖަހާފައެވެ. މިހާރު އޮތީ އެ ފައިވެސް ބުރިކޮށްލަން ޖެހިފައެވެ.
ނޫރަށް މަސްނޫއީ ފައެއް ލިބޭނެކަމުގެ އުންމީދުގަ އެ އިންނަނީ. ދުވާލާ ރޭގަނޑު އެ މަންޖެ ދެކޭ ހުވަފެނަކީ އެއީ. ތިމަންނާއަށް އެހީވާން، މާދަމާ އެމީހުން އަންނާނޭ ކިޔާލަކިޔާލަ އިންނަނީ. މަސްނޫއީ ފައެއް ތިމަންނާއަށް ލިބޭނެއޭ ބުނަނީ. މަސްނޫއީ ގުނަވަނަކާނުލާ ހޮސްޕިޓަލަކުން ނުނިކުންނާނަމޭ ބުނީ. ދެބެންގެދެދަރި ކުދިންނާއެކީ ކުޅެ، ސަކަރާތްޖަހަން ދާން ބޭނުންވެގެން އުޅެނީ، ކުރިއެކޭ އެއްގޮތަށް. މިހާރު އޭނަގެ ހުރިހާވެސް ހުވަފެނަކީ އެއީ. ބޭރަށް ގޮސް، މަސްނޫއީ ގުނަވަނެއް ލިބޭ ގޮތްވުން. ދެން އަނބުރާ މިކޮޅަށް އައިސް، މައިންބަފައިން ގާތަށް ގެއަށް ދެވޭނެ ގޮތެއް ވުން ނޫރު އެދެނީ.މަރްޔަމް މައުރޫފު؛ ނޫރުގެ ބޮޑުދައިތަ
ނޫރުއަށް މި ވަގުތު ފަރުވާ ދެމުން ދަނީ ޣައްޒާގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުވެސް ހިންގަމުން ދަނީ، ކެޕޭސިޓީއަށްވުރެ 3 ގުނަ އިތުރު ޕޭޝަންޓުންނާ އެކީގައެވެ. ނޫރުގެ ހަށިގަނޑަށް ޚާއްސަކޮށްގެން އެ ހޮސްޕިޓަލުން މަސްނޫއީ ގުނަވަނެއް ލިބޭނެކަމަށް ހުވަފެނެއްގައިވެސް ދުށުމުގެ ބޭނުމެއް ނެތްފަދައެވެ.
ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިވެފައި ތިބި ކުދިންނަށް ބޭނުންވާ އިތުރު ފަރުވާއެއްވެސް ޣައްޒާގައި ދެވޭކަށް ނެތެވެ. ތަދު ކަނޑުވަން ދޭ ބޭހުގެ ސަޕްލައިވެސް އެހާމެ ދަށެވެ. ވޯޑުތަކުގައި ސާފުތާހިރުކަމެއްވެސް ނެތެވެ. މުޅި ހިސާބުގައި މެހި ބުރައެވެ.
ނަރުހެއްގެ ހައިސިއްޔަތުން މި ކުދިންނަށް ކަންކަން ލުއިފަސޭހަ ކޮށްދެވޭތޯ އަހަންނަށް ކުރެވެން އޮތްހާ ކަމެއް އެބަ ކުރަން. އެކަމަކު، ކިތަންމެ ވަރެއް ކުރިއަސް، ކުދިންނަށް ކޮށްފަހުރި ނަފްސާނީ އަސަރު ފިސާރި ބޮޑު. ހަށިގަނޑުގަ އެހާ ވޭން އަޅާ. ހަށިގަނޑުގެ ބައެއް އުނިވިކަމުގެ އިހުސާސް ކުރޭ. ތަދުކަނޑުވާ ބޭސްވެސް ވަރަށް ނުލިބޭ. އެކުދިންނަށް ދާއިމަށް އެ ބޭސް ބޭނުންވޭ.ވަފާ ހަމްދާން؛ ޔޫރަޕިއަން ހޮސްޕިޓަލުގެ ނަރުހެއް
ޣައްޒާގެ ސިއްހީ ނިޒާމު އިނދަޖައްސާލާފައި އޮތްއިރު، ހެދިބޮޑުވަމުން އަންނަ ކުދިންގެ ހަށިގަނޑުގައި ބިނދިފައި ހުރި ކަށިތަކަށް ދޭންޖެހޭ ފަރުވާ ދީ، އެކުދިންނަށް ސަލާމަތްތެރިކަން ހޯދައިދޭވެނެ ފަދައެއް މިއަދު ޣައްޒާގައި ނެތްކަމަށް ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ދަނީ ބުނަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނިގޮތުގައި، ޣައްޒާގެ ސިއްހީ ދާއިރާގައި މިހާރު މަސައްކަތް ކުރަމުންދަނީ، ގަތުލުއާންމުގެ ކުރިން އެ ދާއިރާގައި ޚިދުމަތްކުރަމުން ދިޔަ މީހުންގެ އެންމެ 30 ޕަސެންޓް މީހުންނެވެ. އަނެއްބައި މީހުން ވީ އުދުވާންތަކުގައި މި ދުނިޔެ ދޫކޮށްފައެވެ. ނުވަތަ ޔަހޫދީންގެ ޖަލުތަކުގައެވެ. ނުވަތަ ގެދޮރު ގެއްލި، ރެފިއުޖީންނަށް ވެފައެވެ.
ކުޑަކުދިންނާބެހޭ އދ.ގެ އިދާރާއިން ބުނިގޮތުގައި ނޮވެމްބަރު މަސް ނިމުނުއިރު ޣައްޒާގައި 1000ށްވުރެ ގިނަ ކުދިން ވަނީ ފައި ބުރިކޮށްލުމުގެ އޮޕަރޭޝަންތައް ކޮށްފައެވެ. ބައެއް ކުދިންތަކީ 2 ފައިވެސް ބުރިކޮށްލަން ޖެހުނު ކުދިންނެވެ. ޣައްޒާގެ ސިއްހަތާބެހޭ އިދާރާތަކުން ބުނާގޮތުގައި، އިޒްރޭލުގެ އުދުވާންތަކުގައި ޒަޚަމްވީ މީހުންގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ހިއްސާކުރަނީ ކުޑަކުދިންނެވެ.
ސާފުތާހިރުކަން ދަށްވުމާއި ބޭހުގެ ދަތިކަމުގެ ސަބަބުން، މިހާރު ލިބިފައި ހުރި ޒަޚަމްތަކާއި އަނިޔާތައް އިތުރަށް ގޯސްވެ، ގުނަވަންތައް ބުރިކުރަން ޖެހޭއިރު، ސަލާމަތް ކުރެވުނު ކަމަށް ހީވި ބައެއް ގުނަވަންތައްވެސް ގެއްލިދާ ގޮތް މެދުވެރިވަމުން އަންނަކަމަށް ޣައްޒާގެ ޑޮކްޓަރުން ބުނެއެވެ.
ޑރ. ކްރިސް ހުކްއަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޑޮކްޓަރުންގެ ބައިނަލްއަގުވާމީ ޖަމްއިއްޔާ (އެމްއެސްއެފް)ގެ މެންބަރެއްގެ ގޮތުގައި، ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ޣައްޒާގައި މަސައްކަތް ކުރަމުން އަންނަ، އިނގިރޭސި ޑޮކްޓަރެކެވެ. ރަފަހްގައި ހިންގާ، ޒަޚަމްތަކަށް ބޭސްކުރާ ކުލިނިކުތަކަށް އަންނަ ގިނަ މީހުންނަކީ، ބުރިކޮށްލި ގުނަވަނުން ބާކީ ހަށިގަނޑާ ގުޅިފައި އޮންނަ ބައި އިންފެކްޓް ވެފައިވާ މީހުން މކަން ޑރ. ހުކް ފާހަގަކުރިއެވެ.
ކުޑަކުދިންގެ ހަށިގަނޑަކީ ހެދިބޮޑުވަމުން އަންނަ ހަށިގަނޑަކަށް ވާއިރު، ހަށިގަނޑާއެކު ކަށިގަނޑަށްވެސް ބަދަލު އާދެއެވެ. އެހެންކަމުން، ހަނގުރާމައިގެ ތެރޭގައި ގުނަވަންތައް ބުރިވި ކުދިންނަކީ، ބޮޑު މީހަކަށް ވެގެން އަންނައިރު އެތައް އޮޕަރޭޝަނެއް ކުރަން މަޖުބޫރުވާ ކުދިންތަކެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އިޒްރޭލުން ގަތުލުއާންމު ފެށުމުގެ ކުރިންވެސް ޚައްޒާއަކީ ނާރުތަކުގެ އޮޕަރޭޝަން ޑޮކްޓަރުންނާއި ޕްލާސްޓިކް ސަރޖަނުން މަދު ރަށެކެވެ. ފަލަސްތީނުގެ ސިއްހަތާބެހޭ އިދާރާތަކުން ބުނާގޮތުގައި، އިޒްރޭލުން ގަތުލުއާންމު ފެށިފަހުން އެކަނިވެސް، ސިއްހީ ޚިދުމަތްތެރިންގެ 300އަށްވުރެ ގިނަ މީހުން ވަނީ މި ދުނިޔެ ދޫކޮށްފައެވެ.
މަސްނޫއީ ގުނަވަންތަކަށް ޚާއްސަކޮށްގެން ޣައްޒާގައި ހިންގާ އެންމެ ބޮޑު މަރުކަޒު ހުންނަނީ، ގަތަރުން ޚަރަދުކޮށްގެން ހިންގާ ހަމަދު ހޮސްޕިޓަލުގައެވެ. އިޒްރޭލުގެ އުދުވާނީ ހަމަލަތައް އަމާޒުވެ، އެ ހޮސްޕިޓަލުވެސް ބަންދުކުރިތާ މިހާރު އެތައް ހަފުތާއެއް ވެއްޖެއެވެ. ހަމަދު ހޮސްޕިޓަލަށް ދިން ހަމަލައާ ގުޅޭގޮތުން އިޒްރޭލުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރުމުން، އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނުގެ ޔުނިޓުން އިޖާބަދީފައި ނުވާކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓް ކޮށްފައެވެ.
އިޒްރޭލުގެ އުދުވާނީ ހަމަލަތަކުގައި (ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން) ގިނަ އަދަދަކަށް އާންމު ރައްޔިތުން މަރަމުންދާއިރު ބައިނަލްއަގުވާމީ މުޖުތަމައުން އަމާޒުކުރާ ފާޑުކިއުންތަކަށް ވެސް އިޒްރޭލުން ދެނީ ރައްދެވެ. އިޒްރޭލުން އިލްޒާމު އަޅުވަނީ ހަމާސް ޖަމާއަތުގެ ބޮލުގައެވެ. އާންމުން މަރުވަނީ، ޓެރަރިސްޓް ބޭނުންތަކަށް، ހަމާސްއިން މަދަނީ ތަންތަން ބޭނުންކުރާތީ ކަމަށް އިޒްރޭލުން ބުނެ، ދިފާއަށް ކުޅެމުންދާއިރު، އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް އެންމެ އަޑުހަރުކޮށް އަޑު އުފުލި އެމެރިކާއާއި އެމެރިކާގެ އެކުވެރި ގައުމުތަކަށް މި ފަހަރު ކުރެވޭނެ ކަމެއް އޮތްކަމަކަށް ނުވެއެވެ.