ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 22:00
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، މުހައްމަދު ފަލާހު
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، މުހައްމަދު ފަލާހު
އެމްޑީޕީ
މާލޭ މޭޔަރުކަމުގެ އިންތިޚާބު
ދަރަނިވެރިއަކަށް މާލޭގެ މޭޔަރުކަން ދޭކަށް އާއްމުން ބޭނުމެއް ނުވާނެ - ފަލާހު
ފަލާހު ވަނީ މާލޭގެ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދަންޖެހޭ ކަމަށް ވިދާޅުވެފައި
4 ވަރަކަށް މިލިއަން ރުފިޔާ ނަގައިގެން އެކަން ކުރީ ރައްޔިތުންނަށްޓަކައި ކަމަށް ބުނާތީ ފަލާހު ކަންބޮޑުވުން ފާޅުކުރެއްވި
ފަލާހު ވަނީ އެމްޑީޕީން ކެނޑިގެން ޕީއެންސީއަށް ދިޔަ މެމްބަރުން އެކަން ކުރީ ފައިސާ ނަގައިގެން ކަަމަށް ތުހުމަތުކުރައްވާފައި

ދަރަނިވެރިއަކަށް މާލޭގެ މޭޔަރުކަން ދޭން އާއްމުން ބޭނުންނުވާނެ ކަމަށާއި، މޭޔަރަކު ހޮވުމުގައި އާއްމުން އެއަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި މާލެ ސިޓީ ކައުންސިލްގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަނަށް ކެމްޕެއިން ކުރުމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ދަރަނިވެރި މީހަކު މާލެ ސިޓީގެ މޭޔަރުކަމަށް ގެންނަން އާއްމުން ބޭނުންވެދާނެތޯ ފަލާހު ވަނީ ސުވާލު އުފައްދަވާފައެވެ. ދަރަނި ނެގުމަށްފަހު އެ ދަރަނި ނުދައްކާ މީހަކަށް މާލޭ ސިޓީގެ މޭޔަރުކަން ކުރެވޭނީ ކިހިނެއްތޯ ފަލާހު ސުވާލު އުފައްދަވާފައި މިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފައިވާތީ، އެކަމަށް އިޝާރާތްކުރައްވާފައެވެ.

Advertisement

މ. އާސްތާނާ، އާއިޝަތު އާޒިމާ ޝަކޫރަށް، ރަހުނު ބަހައްޓައިގެން، މޯލްޑިވްސް އިސްލާމިކް ބޭންކުން ދޫކޮށްފައިވާ 3،186369.23 ރުފިޔާގެ ޑިމިނިޝިންގ މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިންގ ފެސިލިޓީއަށް އާޒިމާގެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާކަމަށް ބުނެ، ފެސިލިޓީގެ ފައިސާއާއި، މަހުން މަހަށް އަރަމުންދާ މަންތުލީ ރެންޓަލް ފައިސާއާއި، ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއެކު، އެއްފަހަރާ އާޒިމާގެ ކިބައިން ހޯދުމަށް އިސްލާމިކް ބޭންކުން ކޮށްފައިވާ ދައުވާ ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. އެ ހުކުމް ކުރުމުން އެއީ ޒާތީގޮތުން ކުރި ކަމެއް ކަމަށް އާޒިމާ ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ފަލާހު ވަނީ، އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފަލާހު ވަނީ މާލޭގެ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި މަހުގެ 13 ވަނަ ދުވަހު އާދަމް އާޒިމަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ. ފަލާހު ވަނީ އެމްޑީޕީން ކެނޑިގެން ޕީއެންސީއަށް ދިޔަ މެމްބަރުން އެކަން ކުރީ ފައިސާ ނަގައިގެން ކަަމަށް ތުހުމަތުކުރައްވާފައެވެ. އަދި 4 ވަރަކަށް މިލިއަން ރުފިޔާ ނަގައިގެން އެކަން ކުރީ ރައްޔިތުންނަށްޓަކައި ކަމަށް ބުނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް