ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 22:15
މުދާ ރީއެކްސްޕޯޓް ކުރެވޭނެ ގޮތަށް ކުންފުންޏެއް އުފައްދަން ވަނީ ނިންމާފައި
މުދާ ރީއެކްސްޕޯޓް ކުރެވޭނެ ގޮތަށް ކުންފުންޏެއް އުފައްދަން ވަނީ ނިންމާފައި
އެމްޕީއެލް
އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފައްދަނީ ފަސް ކުންފުންޏެއްގެ ހިއްސާ އޮންނަގޮތަށް
މި ކުންފުނިން ފްރީ ޓްރޭޑް ޒޯންތައް ޤާއިމުކުރުމުގެ ހުއްދައަށް އެދި، ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވޭ

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނުގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

Advertisement

މި ކުންފުންޏަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މުދާ އެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ގައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން، އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފައްދާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)، އަދި ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޝާމިލުވާގޮތަށް އުފައްދާ މައި ކުންފުންޏެއްގެ ގޮތުގައެވެ. އަދި މި ކުންފުނިން ފުރީ ޓްރޭޑް ޒޯންތައް ޤާއިމުކުރުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވެއެވެ.

މި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ފްރީ ޓްރޭޑް ޒޯންތައް ޤާއިމުކުރުން ހިމެނެއެވެ. އަދި އިކޮނޮމިކް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމާއި އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ރާއްޖެއާ ރާއްޖެއިން ބޭރަށް އަމާޒުކޮށްގެން އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި ޕްރޮސެސިންގ މަސައްކަތްތައް ހިންގުން މި ކުންފުނި އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް