މި ދުވަސްވަރަކީ އަހަރެމެން ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކަށް އަހަރީ ޗުއްޓީގެ ދުވަސްވަރެވެ. ދިރިއުޅުމަށް ކުރާ މަސައްކަތާއި ތަޢުލީމުގެ މައިދާނުގައި ބުރަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ލިބުނު ޗުއްޓީއާއި ދުރާލާ ރާވައިގެން ނެގި ޗުއްޓީތަކުގައި ޢާއިލާތަކުން ފޯރި ނަގަމުން ދާ ދުވަސްވަރެކެވެ. ޚިތާނީ މޫސުމާއި، އައު އަހަރަށް މަރުޙަބާ ކިއުމާއި އެނޫންވެސް ކޮންމެވެސް މުނާސަބާއެއް ފާހަގަ ކުރުމުގައި އެތައް ބަޔަކު ހޭބޯނާރާ އުޅޭ ދުވަސްވަރެކެވެ. މި ހުރިހާ ކަމެއް މިފަދަ ގޮތަކަށް ހުރި އިރު، އަހަރެމެންގެ މުސްލިމު އަޚުންނާއި އުޚުތުންތަކެއް، މާ ދުރު ނޫން ހިސާބެއްގައި ޤަތުލު ކުރެވެމުން ދާ ކަން ހަނދާން ނެތުނީ ހެއްޔެވެ؟ ދެ މީހަކު އެއްތަންވެލުމަށް މޮޅު ކޭންތަކާއި ޖާފަތްތައް ފަތުރާ ސުފުރާ މަތީގެ ފޮޓޯތަކުން ސޯޝަލް މީޑިއާގެ ޖަގަހަތައް ފަޅުފިލުވަމުން ދާ އިރު، ބަޔަކު ބަނޑަށް މަރުވަމުން ދާ ކަން ހަމަ ހަނދާން ނެތުނީ ހެއްޔެވެ؟
އާނ އެކެވެ. މި ދައްކަނީ ޔަހޫދީންގެ މުށްދަށުލައި، ހަފުސް ކޮށްފައި ވާ ފަލަސްޠީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންގެ ވާހަކައެވެ. އިންސާނަކަށް ވީތީ ލިބިދޭ އަސާސީ ޙައްޤުތަކާއި، ދިރިއުޅުމުގެ އެންމެ ޛަރޫރީ ޚިދުމަތްތަކުންވެސް މަޚްރޫމު ކޮށްފައި އޮތް ޣައްޒާގެ މުޅި އާބާދީ މިއަދު ދިރިއުޅެމުން ދަނީ އަދުގެ ދުނިޔޭގައި ބަޔަކަށް ދިރިއުޅެން މަޖުބޫރުވެދާނެ ކަމަށް ނާމާން ހުވަފެނެއްގައިވެސް މީހަކު ދެކެފައި ނުވާ ފަދަ ދަތި ޙާލެއްގައެވެ. ޣާއްޒާއާއި މިޞްރު ހިއްސާކުރާ ރަފަޙު ބޯޑަރުގައި ޖަހާފައި ވާ ވަގުތީ ހިޔާވަހިކަމުގެ ޓެންޓެއްގައި ދިރިއުޅެމުންދާ ފަލަސްޠީނު މައެއްގެ ހިތުގެ ވޭން އަޑު އަހާލުމުންވެސް އެކަން ސިފަވެގެން ދެއެވެ. އެ މަންމަގެ މިއަދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އޭނާގެ ޢާއިލާ ބަނޑަށް މަރުވެ ހިނގައިދާނެ ކަމުގެ ނުތަނަވަސްކަން ވެރިވެފައި އޮތުމެވެ.
އަމީނާ ޝަމްލާޚް އަލް-ރާފީގެ ޢާއިލާއަކީ ޣައްޒާގެ އުތުރުގައި ދިރިއުޅެމުން ދިޔަ ޢާއިލާއެކެވެ. އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ނަސްލު ދޮވެލުމުގެ ޤަތުލުޢާންމު ފެށުމާ އެކުގައިހެން ޣައްޒާގެ އުތުރު ހުސް ކުރަން އެނގިއެވެ. އެ ޢަމުރާ އެއްގޮތަށް އަމީނާގެ ޢާއިލާއިންވެސް އަމިއްލަ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވީއެވެ. އޭގެ ފަހުން އެކަނިވެސް އެތައް ތަނަކަށް އެ ޢާއިލާއިން ބަދަލުވެއްޖެއެވެ. މިހާރު ތިބީ ދެކުނުގެ ރަފަޙުގައެވެ. އެއީވެސް ވަކި ދިރިއުޅުމުގެ ޙާލަތު މާ އެކަށީގެންވާ ގޮތަކަށް އޮތް ތަނެއް ނޫނެވެ. މުޅި ޣައްޒާއަކީ ހުރިހާ ކޮޅަކުން ފިއްތާލާފައި އޮންނަ ރަށެއް ކަމުން، ހަމަ ޖެހުމުގެ ނޭވާއެއް ލެވޭނެ ހަމަ އެންމެ ތަންފުކެއްވެސް އެ ފަސްގަނޑުގައި ނެތެވެ. އެއްގަމާއި، ކަނޑާއި ވައިގެ މަގުން ނިރުބަވެރި ޔަހޫދީން ދެމުންދާ ޙަމަލާތައް ރަފަޙަށްވެސް ޢަމާޒު ކުރެއެވެ.
މި އަންހެން ދަރިންކޮޅަށް ކާއެތިކޮޅެއް ހޯދައިދޭން އަހަރެން ވަރަށް ބޭނުން. އެ ކުދިންގެ ބައްޕަވެސް މިތާ ހުރީއެއް ނޫން. ބައްޕައަކީ މި ކުދިންނަށް ހުރިހާ އެއްޗެއް ހޯދައިދީގެން އުޅުނު މީހާ. އަހަރެމެން މިތާ ބަނޑަށް މި މަރުވަނީ، އިންތިހާ ފަޤީރު ޙާލުގަ. އެކުދިންގެ ބޯ ދޮވެލާނެ ޝޭމްޕޫ ކޮޅެއްވެސް މިތާކު ނެތް. ނިކަން ދެކިބަލަ، ތަޣައްޔާރު ކަމާ ހެދި އެކުދިން ތިބި ޙާލު. ދަރިންގެ ބައްޕަ ހައްޔަރު ކުރި ފަހުން އަހަރެމެންގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެ. އޭނައާ ނުލާ މި ކުދިން ބެލޭނެ ގޮތެއް އަހަންނަކަށް ނެތް. މި ކުދިން ބަލަން، އަހަރެން ގާތުގަ ފިރިމީހާ ހުރުމަށް އެދެވޭ. އެއީ އަހަރެންގެ ހުރިހާވެސް ހިތްވަރަކީ.އަމީނާ ޝަމްލާޚް އަލް-ރާފީ؛ ޙާލުގައި ޖެހިފައިވާ ޣައްޒާގެ މަންމައެއް
މި ދުވަސްވަރަކީ ޣައްޒާއަށް ފިނި މޫސުމުގެ ދުވަސްވަރެވެ. ނަމަވެސް ގަދަ ފިނިން ރައްކާތެރިވެވޭނެ ފަދައެއްވެސް އަމީނާގެ ޢާއިލާއަކަށް ނެތެވެ. އޭނާގެ 4 ދަރިންނާއެކު ވަގުތީ ހިޔާވަހިކަމުގެ ޓެންޓެއްގައި ދިރިއުޅެމުން ދާއިރު ކާބޯތަކެއްޗެއް ނެތެވެ. ސާފު ބޯފެން ފޮދެއްވެސް ނެތެވެ.
އަހަރެމެން ކާއެތިކޮޅު ރޯފިލުވާމިލަނީ ދަރުޖައްސައިގެން. ދަރުކޮޅެއް ހޯދަން އެހާ އުނދަގޫ. ދުވާލަކު އެއް ފަހަރު ކާއެތިކޮޅެއް ކާލައިގެން މި ތިބެނީ. މިތަނުގައި އަހަރެމެން މި ތިބެނީ ގަދަ ފިނީގަ، ބަނޑަށް. ކަރުހިއްކައިގެންފަ. ފެން އެހާ ލޮނު. ސާފު ފެން ފޮދެއް ލިބުންވެސް އެހާ ދަތި. ގައި ދޮވެލަނީވެސް ކޮންމެ 10 ދުވަހަކުން. މި ކުދިންކޮޅުވެސް ހަމަ އެހާލެއްގަ. މިއީ ސާފުޠާހިރު ކަމެއް ނޫން. މިޅި ވެށިވެސް މިއޮތީ ހަމަ އެކަހަލަ ގޮތަކަށް.އަމީނާ ޝަމްލާޚް އަލް-ރާފީ؛ ޙާލުގައި ޖެހިފައިވާ ޣައްޒާގެ މަންމައެއް
އަމީނާ ކިޔައިދިން ގޮތުގައި އޭނާގެ ފިރިމީހާ ވަނީ މީގެ 55 ދުވަސް ކުރިން އިޒްރޭލުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއާއެކު، ޢާއިލާގެ ކަންކަން ބެލެހެއްޓުމަށް އަމީނާއަށް އުފުލަން ޖެހުނު ތަކުލީފުތައް ވަނީ ވަކީން ބޮޑަށް އިތުރު ވެފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ފިރިމީހާ ހައްޔަރު ކުރި ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުލިބޭ ކަމަށްވެސް އަމީނާ ބުންޏެވެ.
އަހަރެން ހިނގަމުން ދިޔައީ އަހަރެންގެ ބޭބެމެންނާ އެކީގަ. ދެން ފިރިމީހާ ބުނެފި އެމީހުންނާ އެކީގަ ދާށޭ. ފިރިމީހާ އޭރު ފަހަތުން މި އަންނަނީ، އަހަރެންގެ ބައްޕައާއެކީގަ. ފަހުން އެމީހުން މި ބުނަނީ އިޒްރޭލުން ފިރިމީހާ ގެންގޮސްފިއޭ. ބައްޕަ ގާތު އެހީމަ ބައްޕަވެސް ބުނީ އެމީހުން އޭނަ ގެންގޮސްފިއޭ. ޔަހޫދީން އޭނަ ގެންގޮސްފިއޭ. އަހަންނަށް ހަމަ ރޮވެނީ. މީހުން ބުނާތީ އަޑު އިވުނު، ފިރިމީހާ ހައްޔަރު ކޮށްގެން ގެންދިޔައީ ދުނިޔެ ހެއްދެވި ގޮތަށް، އޮރިޔާމާއޭ. އަހަރެން އަތުގަ ނެތް އެންމެ ފައިސާ ފޮއްޗެއްވެސް. އަހަރެމެން އަތުގަ ހުރި މުހިންމު ލިޔެކިޔުންތަކާއި އެ ކަހަލަ ހުރިހާ އެއްޗެއްވެސް ޔަހޫދީން ޖަހައިގެންފި. އެމީހުން އަތުގަ އެއެއްޗެހި ވީ. އަހަރެމެންނަކަށް އެކައްޗެއްވެސް ނުފެނޭ އޭގެ ފަހަކުން.އަމީނާ ޝަމްލާޚް އަލް-ރާފީ؛ ޙާލުގައި ޖެހިފައިވާ ޣައްޒާގެ މަންމައެއް
ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނުގެ އިތުރުން ތެޔޮ އިމްޕޯޓް ކުރުންވެސް އިޒްރޭލުން ވަނީ ހުއްޓުވާފައެވެ. ބައިނަލްއަޤުވާމީ ފިއްތުންތައް ބޮޑުވެގެން، ޣައްޒާގެ ދެކުނަށް ބައެއް ސާމާނު އެތެރެ ކުރުމަށް ހަނި ފުރުޞަތުތަކެއް ދިން ނަމަވެސް، އެއީ ޣައްޒާގެ 2.3 މިލިއަން މީހުންނަށް ބޭނުން ވާ މިންވަރާ އަޅާ ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.
އަހަރެމެން އަތަކު ފައިސާއެއް ނެތް. ހަމަ އެންމެ ފައިސާ ފޮއްޗެއްވެސް ނެތް. މި ޓެންޓުގަނޑުގެ ތެރޭގައި ގަދަ ފިނީގަ އަހަރެމެން މަރުވެ ހިނގައިދާނެ. ދިރިއުޅުމުގެ ޙާލަތު ވަރަށް ގޯސް. ވަރަށް ވަރަށް ދެރަކޮށް ކަންކަން ހުރީ. އަހަރެންގެ ދަރިންގެ މުހުތާދުތައް ފުއްދައިދޭން ކިތަންމެހައިވެސް ބޭނުން. އެކަމަކު، އެންމެ ހަގު ދަރިފުޅަށް ޑައިޕަރއެއް ހޯދާނެ ގޮތެއްވެސް އަހަންނަކަށް ނޭނގެ. ފިރިމީހާ ހައްޔަރު ކުރި ފަހުން އަހަރެމެންގެ ޙާލަތު ވަކިން ދެރަ.އަމީނާ ޝަމްލާޚް އަލް-ރާފީ؛ ޙާލުގައި ޖެހިފައިވާ ޣައްޒާގެ މަންމައެއް
ޣައްޒާގެ މުޅި އާބާދީހެން މިއަދު އޮތީ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައެވެ. 3 މަހާ ގާތްވަމުންދާ ޤަތުލުޢާންމުގައި ފަލަސްޠީނުން ފުރާނަ ގެއްލިދިޔަ މީހުންގެ ޢަދަދު 21600 އަށް ވުރެ މައްޗަށް އަރައެވެ. އެއީ ކޮން ބައެއްކަން ކަށަވަރުވެގެން މަރުގެ ދަފުތަރުގައި ލިސްޓު ކުރި މީހުންނެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ވައްޓާލާފައިވާ ޢިމާރާތްތަކުގެ ދަށުވެ މަރުވެފައި އަދިވެސް އެތައް ހާސް ބަޔަކު ވާނެ ކަމަށް ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކަމަށް ބުނެ ނިރުބަވެރި ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފަލަސްޠީނުން މަރުވެދިޔަ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މިއީ އޮޅުވާލެވެން ނެތް ޙަޤީޤަތެކެވެ.