އެމެރިކާގެ ހަގު ބައިވެރިއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ވިލާތުގެ އިއްތިޙާދު (އީޔޫ)އިން އަމިއްލަ ތަޞައްވުރެއް ގެންގުޅެންޖެހޭ ކަމަށް ބެލްޖިއަމްގެ ކުރީގެ ބޮޑުވަޒީރު ޔީވް ލެތެޣްމެ ވިދާޅުވެއްޖެއެވެ.
މިދިޔަ 20 އަހަރު ދުވަހުގެ މާޒީއަށް ބަލާއިރު، ޗައިނާއާއި ވިލާތުގެ އިއްތިޙާދާ ދެމެދު ކުރި ވިޔަފާރީގެ މިންވަރު ވަނީ ގާތްގަނޑަކަށް 9 ގުނަ އިތުރުވެފައެވެ. ވިލާތުގެ އިއްތިޙާދުން ޗައިނާގައި އިންވެސްޓްކުރި މިންވަރު ވަނީ ގާތްގަނޑަކަށް 3 ގުނަ އިތުރު ވެފައެވެ. ޗައިނާއިން ވިލާތުގެ އިއްތިޙާދުގައި އިންވެސްޓްކުރި މިންވަރު ވަނީ ސުން ރޭޓުން، އަދުގެ 104.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.
ދުނިޔޭގެ އިޤްތިޞާދު ހެޔޮ ފާލަކަށް އެޅެމުން ދާ ދިއުން މަޑުޖެހިފައި އޮތް އޮތުމާ ޚިލާފަށް، ޗައިނާއާއި އީޔޫއާ ދެމެދު، 2022 ވަނަ އަހަރު ރެކޯޑް މިންވަރަކަށް ވިޔަފާރިކޮށްފައިވެއެވެ. ދޭދޭ ވިޔަފާރީގެ އަގު 847.3 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 2.4 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެއްބާރުލުން ދިނުމުގެ ދިގު ރާސްތާ ގުޅުންތައް ބަދަހިކަމުގައި ވީނަމަވެސް، ވިލާތުގެ އިއްތިޙާދާ ޗައިނާއާ ދެމެދު ދޭތެރެ ދޭތެރެއިން 'ކުނި' ޖެހެއެވެ. ނަމަވެސް، އެ ގުޅުމަކީ ކުރިއަށް ގެންދެވެން ޖެހޭނެ ގުޅުމެއް ކަމަށް، ޗައިނާ ސެންޓްރަލް ޓެލެވިޜަނަށް ދެއްވި އެކްސްކްލޫސިވް ބަސްދީގަތުމެއްގައި ލެތެޣްމެ ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު މި ތިބެވެނީ ވަރަށް މުހިންމު ފައްތަރެއްގަ. އެމެރިކާއާ ޗައިނާއާ، އީޔޫއާ ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ވަރަށް މުހިންމު ވަގުތެއްހެން ހީވަނީ. ޔޫރަޕިއަން ޔޫނިއަނުން އަމިއްލަ ފިކުރެއްގަ ދެމިއޮވެ، ހަމައެކަނި އެމެރިކާގެ ޖޫނިއަރ ޕާޓްނަރަކަށް ނުވެ، އަމިއްލަ ފިކުރެއް ތަރައްޤީކުރަން މަސައްކަތްކުރުމަކީ، ޙަޤީޤަތުގަވެސް މުހިންމު ކަމެއްހެން ހީވަނީ. އަހަރެމެން، ޔޫރޭޝިއަން ބައްރު ހިއްސާކުރަނީ. ދިރިއުޅެނީ އެއް ޔޫރޭޝިއަން ބައްރެއްގަ. އެހެންވީމަ، އަހަރެމެން މަސައްކަތް ކުރަންޖެހޭނީ، އަހަރެމެންގެ އިންވެސްޓްމަންޓާ ވިޔަފާރީގެ ރައްކާތެރިކަމަށް އިންސާފުވެރި މައިދާނެއްގަ. ދެ ފަރާތުންވެސް ކަންތައްތައް ފޮރުވައިގެން ނުވާނެ، އިންސާފުވެރި ގޮތެއްގަ ވިޔަފާރި ކުރެވެން ޖެހޭނެ އިންވެސްޓްމަންޓް ކުރިއަށް ގެންދަން. މިސާލަކަށް، އީޔޫއިން ފާސްކުރަންޖެހޭ ހުރިހާ މުއައްސަސާތަކުންވެސް އިންވެސްޓްމަންޓް އަދި އެއްބާރުލުން ދިނުމުގެ އެގްރީމަންޓަށް ރުހުން ދޭންޖެހޭހެން ހީވަނީ. ވިޔަފާރިއާ ބެހޭގޮތުން ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ސެޕްޓެމްބަރު މަހު ދެއްކެވި ވާހަކަފުޅުގަ، ވިލާތުން އިސްތިރާޖީގޮތެއްގަ ޗައިނާއާ ވަކިވާން ބޭނުން ނުވާކަމަށް ވިދާޅުވި. އެކަމަކު އަހަރެމެން މި ބޭނުންވަނީ ސަޕްލައި ޗޭންތައް ޑިރިސްކް ކުރަން. ހީއެއްނުވޭ އެއީ މާ ރަނގަޅު ގޮތަކަށް ވެދާނެ ކަމަކަށް.ޔީވް ލެތެޣްމެ؛ ބެލްޖިއަމްގެ ކުރީގެ ބޮޑުވަޒީރު
އައު ޙާލަތްތަކަށް ހޭނުމަށް، ޤާއިމުވެފައިވާ ބާރުތަކަށް ބައެއް މައްސަލަތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫންކަމަށާއި 'ދޮންބޮޑު ނުވާނަމަ' ކޯޅުންތަކާއި ދެކޮޅުވެރިކަމުގެ ގިނި ގަދަވެގެން ނުދާނެކަމަށްވެސް ބެލްޖިއަމްގެ ކުރީގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
އަހަންނަށް ހީވަނީ އަހަރެމެންގެ ރުޅިގަނޑު ފަޅައިގެން ދިޔަދީގެން ނުވާނެހެން. ސިކުނޑި ދޮންބޮޑުވެގެން ނުވާނެ ގޮތަކަށް ތިބެންވާނީ. ޗައިނާ، ދުނިޔޭގެ ތާރީޚަށް އަލުން ވަދެގެންދާ މި ވަގުތު، އަދި މިހާ ކުރު މުއްދަތެއްގެ ތެރޭގަ، މީގެ ކުރިން ނުފެންނަ އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއެއް ދައްކުވައިދީ، ދުނިޔޭގެ ބާރުތަކަށް ހަމަހަމަކަމެއް ގެނެސްދޭކަމީ އާދަޔާ ޚިލާފު ކަމެއް ނޫންހެން ހީވަނީ.ޔީވް ލެތެޣްމެ؛ ބެލްޖިއަމުގެ ކުރީގެ ބޮޑުވަޒީރު
ވިލާތުގެ ބައެއް ގައުމުތަކުން ޗައިނާއާ މެދު، "ޑި-ރިސްކިންގް" އާއި "ޑިކަޕްލިންގް" އިސްތިރާޖުތަކެއް ނުވަތަ އިޤްތިޞާދީ ސަލާމަތީ އިސްތިރާޖެއް ބޭނުންކުރަން މަސައްކަތްކުރި ނަމަވެސް، ލެތެޣްމެ ވިދާޅުވާގޮތުގައި މަލްޓިލޭޓަރަލިޒަމާއި މިނިވަން ވިޔަފާރިއަކީ މޮޅު ނަތީޖާއެއް ހޯދުމަށް އޮތް ރަނގަޅު ރާސްތާއެކެވެ.
ޑިކަޕްލިންގާކީ ހައްލެއް ނޫން. އަހަންނަށް ހީވަނީ، ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް، އެމީހުންގެ މުހިންމު މަސްލަހަތު ރައްކާތެރިކުރަން މަސައްކަތްކުރާނެހެން. އަދި ރައްޔިތުންނަށް ޚިދުމަތްކުރުމުގަ، ރައްޔިތުންގެ ސަލާމަތާ، އިސްތިޤްލާލާ، ސަރަޙައްދީ ކަންކަން ހިމެނޭ ގޮތަށް، ރަނގަޅުގޮތުގަ މެނޭޖްކުރަންޖެހޭ، ނަޒާހަތްތެރިކަން އޮންނަންޖެހޭ. އެކަމަކު އަނެއްކޮޅުން އެއީ ޕްރޮޓެކްޝަނިޒަމަށް ވާޞިލްވާންޖެހޭ ކަމެއްވެސް ނޫން. އެހެންވީމަ އަހަރެމެން އެއް ބަޔަކު އަނެއް ބަޔަކަށް ހުޅުވާލެވިފަ މި އޮތް ފުރުސަތުގަ އިންވެސްޓް ކުރަންވީ، އަދި އެގޮތަށް ޑިކަޕްލް ނުކޮށް، އަހަރެމެންގެ މަސްލަހަތު ރައްކާތެރި ކުރަންވީ. އިޤްތިޞާދީގޮތުން އަހަރެމެންނަށް ހުރި ނުރައްކާތައް މެނޭޖްކޮށް، އިޤްތިޞާދު ކުރިއަށް ގެންދެވޭނެކަން ޔަޤީންކުރަން މަސައްކަތް ކުރަންވީ. ހަމައެހެންމެ، ޕެންޑެމިކް ނުވަތަ ޤުދުރަތީ ކާރިސާތައްފަދަ ކުއްލި ޙާލަތްތަކުގަ، އަހަރެމެންގެ އިޤްތިޞާދީ އަގު ހުރި ޗޭނުތަކުގެ ޙާލަތު ހަރުދަނާ ކުރަންވީ، ރަނގަޅަށް އެއްބާރުލުން ދީގެން، އަހަރެމެންގެ ބައިވެރިންނަށް ފުރިހަމަ ހާމަކަން ބޮޑު ގޮތެއްގަ.ޔީވް ލެތެޣްމެ؛ ބެލްޖިއަމުގެ ކުރީގެ ބޮޑުވަޒީރު
'ޑީ-ރިސްކިންގް' އަކީ، މާލީ އިދާރާތަކުން ކްލައިންޓުންނާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތަކަށް ނިމުން ގެނެސް ނުވަތަ ނުވަތަ ގުޅުންތައް ހަނިކޮށް، ރިސްކް މެނޭޖްކުރުމުގެ ބަދަލުގައި އެ ބަޔަކާ ދުރުހެލިވުމުގެ އަސާސް އެކުލެވޭ އިސްތިރާޖެކެވެ. 'ޑިކަޕްލިންގް' އޭ ބުނެއުޅެނީވެސް ހަމަ އެފަދަ ގޮތަކަށް ބަޔަކާ ވަކިވުމަށެވެ.
ޗައިނާއަކީ ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. އަދި އެންމެ ވަރުގަދަ ހަތުރުވެސްމެއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި އުފެދޭ އެކި މައްސަލަތަކުގައި އިރާއި ހުޅަނގަށް ދުނިޔޭގެ ފިކުރު ބެހިގެން ދާއިރު ގިނަ ފަހަރަށް އެމެރިކާ ކޮޅަށް އަރަނީ ހުޅަނގު ނުވަތަ ވިލާތުގެ ޤައުމުތަކުންނެވެ. ޗައިނާއާ އެއްގަލަކަށް އަރަނީ އިރުމަތީ ބިތުގެ ގައުމުތަކާއި ބައެއް ޙާލަތްތަކުގައި މެދުއިރުމަތީގެ ބައެއް ގައުމެކެވެ. ކަން މިހެން އޮތްއިރު މުޅި ދުނިޔެއަށްވެސް އެންމެ ޙައްސާސް އެއް ސަރަޙައްދު ކަމަށްވާ ދެކުނު އޭޝިއާ ސަރަޙައްދުގެ އިސްތިރާޖީ ކޮންޓްރޯލް ނެގުމަށް ޗައިނާއާއި އެމެރިކާއިންވެސް ދަނީ ސީދާގޮތުންނާއި ނުސީދާ ގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ.