މިހާރުގެ ގިނަ ކުޅުންތެރިންނަށް މުސާރަ ލިބެންޏާ ބެންޗުގައި އިނުމަކީ މައްސަލައެއްނޫނެވެ. އެކަމަކު އައްޑޫ ސިޓީގެ އަބްދުﷲ ހަނީފް (ބެންޖޯ) ފުރަތަމަވެސް ވިސްނުން ބެހެއްޓީ ރަށުން (މާލެ) "ދާގޮތަށް ގޮސް، ކުޅުން ދައްކާ"ލުމަށެވެ. ވެލެންސިއާއާއި އައިއެފްސީގެ ހުށަހެޅުން ލިބިފައި އޮއްވައި، މާލެ އަތޮޅު ހުއްރިއްޔާ އިޚްތިޔާރުކުރީ އެ ޓީމުގެ 11އިން ޖާގަ ހޯދަން ފަސޭހަވެ "ރާސްލާފައި ކުޅެން ފަށައިގަނެވޭނެ"ތީއެވެ.
ބެންޖޯއަކީ ދަނޑުމަތީގައި އަބަދުވެސް އަޚުލާގު ރަނގަޅު ކުޅުންތެރިއެކެވެ. ހުރާ ޓީމުގެ ވަރަށް ޚާއްސަ ކުޅުންތެރިއެކެވެ. އޭނާ ބުނާގޮތުން ހުރާގައި އޮތީ "ސަޅި ސްޓޯރީ"އެކެވެ. އެއީ ތެދެކެވެ. ހުރައިން 2005 ވަނަ އަހަރުގެ ދިވެހި ޕްރެމިއަރ ލީގު ކާމިޔާބުކުރި ޓީމުގެ ޑިފެންސްގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އޭނާއެވެ. އެކަމަކު މި ވާހަކަ "ސަޅި"ކޮށްލީ ޕްރެކްޓިސް ނުކޮށް މެޗު ކުޅެން ޖެހުނުއިރު، ކޯޗު އޭނާއަށް ކުރި އިތުބާރަކުންނެވެ.
"އޭރު އިމިގްރޭޝަނުގެ ވަޒީފާގަ އުޅޭތީ، ހުރައަށް ޕްރެކްޓިސްއަށް ދެވޭގޮތެއްނުވޭ. މިހެންވެ މާލޭގަ އަމިއްލައަށް ފަރިތަކުރީ. (މުޅި ސީޒަނުގަ) ޓީމާއެކު ފަސް ޕްރެކްޓި ވެސް ނުކުރެވޭނެ. ހަމައެކަނި މެޗަށް ދަނީ. ކޯޗު (ސްލޮވާކިޔާގެ ވަލްޑަމީރު ގޮފާ) ވަރަށް އިތުބާރުކުރާތީ 11ގަ ކުޅެން ލިބެނީ،" ބެންޖޯ ބުންޏެވެ.
ހުރައިން ބެންޖޯއަށް ފުރުސަތު ހޯދައިދިނުމުގެ މެދުވެރިއަކަށްވީ އެފްއޭއެމުގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު، އަދި ލެގޫންސްގެ ޑިފެންޑަރު އަހުމަދު ޝަރީފް (ޑުންގާ)އެވެ. އޭނާއަކީ އައްޑޫގެ ގިނަ ކުޅުންތެރިންގެ ފެށުމުގެ ފަހަތުގައި ހުރި މުހިންމު ނަމެކެވެ. ބެންޖޯއަށް ހުރައިން ފުރުސަތު ލިބުނީ އެ ޓީމުގެ ކޯޗަކަށް ހުރި މޫސާ މަނިކު (ކުޑަމޫސަ)އާއި ޑުންގާގެ ރަހުމަތްތެރިކަމުގައެވެ.
ހުރާ ޓީމުގައި ހުއްޓައި ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ކުލަބުތަކަށްވުރެ އަވަހަށް އައިއެފްސީން އޭނާ ޖަހައިގަތެވެ. އެއީ އައްޑޫ ވިޔަފާރިވެރިން ހިންގި ޓީމެކެވެ. މޮޅު ކުޅުންތެރިން ތިބި ޓީމު 2007ގައި ވީބީއަށް ބަދަލުވުމަށްފަހު ބެންޖޯ ވެގެންދިޔައީ އެ ޓީމުގެ އެންމެ އިސް އެއް ކުޅުންތެރިޔާއަށެވެ. ފަހުން ޓީމުގެ ކެޕްޓަންކަން ލިބުނީވެސް އޭނާއަށެވެ. އަލީ އަޝްފާގް (ދަގަނޑޭ)އާއި އަލީ އުމަރާއި، މުހައްމަދު ހުސައިން (އޮއިއްޓޭ)އާއި އިމްރާން މުހައްމަދު ފަދަ އެތައް ކުޅުންތެރިންނެއް ތިއްބައި ޒުވާން ކުޅުންތެރިއަކަށް ކެޕްޓަންކަން ލިބުމަކީ ހާހަކުން ފަހަރަކު ނޫނީ ނުވާނެފަދަ ޚާއްސަ ކަމެކެވެ.
2009ގަ ވީބީގެ ކެޕްޓަކަން ދިނީ މެނޭޖަމަންޓާ ކޯޗު މަޝްވަރާކޮށްގެން. އެންމެ އިތުބާރުކުރާ، ކޮމިޓްމަންޓްދޭ މީހާއަށް ބޭންޑް ދިނީ. އަދި (އޭރު ޓީމުގަ) ގިނަ ދުވަސްވީ މީހާއަށްވެސް ވީތީ. ވީބީގަ މޮޅު ކުޅުންތެރިން ތިބުމުން ކެޕްޓަންކަން ވަރަށް ބޮޑު ޕްރެޝަރަކަށްވި. ޗެލެންޖަކަށް ނަގަންޖެހުނު ކަމަކަށްވި. މި ޗެލެންޖް ރަނގަޅަށް ނެގުނުކަމަށް ގަބޫލުކުރަން. އެ އަހަރު ގައުމީ ތައްޓާ ލީގުވެސް ވީބީއަށް ލިބުނު.ބެންޖޯ ބުންޏެވެ.
ވީބީއާއި ވެލެންސިއާގެ ކުރީގެ ކޯޗު ހަންގޭރީގެ ލާސްލޯ ކިސްއަކީ މޮޅު ޑިފެންޑަރުންގެ ސަފަށް ބެންޖޯ، ގެނައުމުގައި މުހިންމު ދައުރެއް އަދާކުރި ކޯޗެކެވެ. ކިސްގެ ކޯޗުކަމުގައި ވީބީ އެފްއޭކަޕް ނެގީ ބެންޖޯ ފަހަތުގައި ހުރެ އެންމެ ގޯލެއްވެސް ވަނަނުދީއެވެ.
ބެންޖޯއަކީ އަބަދުވެސް 100 ޕަސެންޓް ދޭ ކުޅުންތެރިއެއް. ޕްރެކްޓިހުގަވެސް މެޗުގަވެސް އޭނާ ތަފާތެއް ނުވާނެ. ވަރަށް މަސައްކަތް ކުރާނެ. ބަސް އަހާ ކުޅުންތެރިއެއް. ވަރަށް ޑިސިޕްލިން ކުޅުންތެރިއެއް. ވަރަށް ޓީމް ޕްލޭޔަރެއް.ކިސް ބުންޏެވެ.
ތަޖުރިބާހުރި، ހަރުދަނާ ކުޅުންތެރިއަކަށް ބެންޖޯވަމުން އައީ ރާއްޖޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ޖީލުގެ ކުޅުންތެރިން، ކެރިއަރުގެ ފަހުބަޔަށް އެޅެމުންދަނިކޮށެވެ. އެ ދުވަސްވަރަކީ ރާއްޖޭގެ ލީގު ވަރުގަދަ، އެއް ފެންވަރެއްގެ މޮޅު ޓީމުތަކެއް އޮތް ދުވަސްވަރަކަށް ވުމުން، ގައުމީ ޓީމުން ޖާގަ ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ގައުމީ ޓީމު ޒުވާންކުރުމަށް ހަންގޭރީގެ ކޯޗު އިސްތުވާން އުރުބާކީ 2009ގެ އޭއެފްސީ ޗެލެންޖްކަޕަށް އެކުލަވާލި ޓީމުން ބެންޖޯއަށް ޖާގަ ލިބުނެވެ. އިތުބާރު ޑިފެންޑަރު ސޮބާހް މުހައްމަދަށް ދެއްކި ރަތްކާޑަށްފަހު ގައުމީ ޖާޒީގައި ބެންޖޯ ދެއްކި ކުޅުމާއެކު ކޯޗުގެ އިތުބާރުވެސް ލިބުނެވެ.
މިހާރުތާ ނިދާފަ ތިއްބާ ގައުމީ ޓީމަށް ނަގަނީ. އޭރު ގައުމީ ޓީމުގަ މޮޅެތި، ތަޖުރިބާކާރު ޑިފެންޑަރުން ތިބީމަ ފަސޭހަކަމަށް ނުވޭ ފުރުސަތު ހޯދަން. ގައުމީ ޓީމުން ޖާގަ ދިނީ އުރުބާނީ. ފުރަތަމަ މެޗަށް ފަހު ކޯޗަށް ކަމުދިޔައީ. ދެން ދިޔައީ ފުރުސަތު ލިބެމުން،.ބެންޖޯ ބުންޏެވެ.
އޭނާގެ އެންމެ ބޮޑު އުއްމީދަކަށްވީ ސާފް ޗެމްޕިއަންޝިޕެއްގައި ގައުމީ ޓީމަށް ކުޅުމެވެ. އެކަމަކު މި އުއްމީދުގެ ހުރަހަކަށްވީ އެ އަހަރުގެ ގައުމީ މުބާރާތުގައި ކުޅެނިކޮށް ކަކޫ ހަލާކުވުމެވެ. މިއަނިޔާގެ ސަބަބުން އަށް މަސް ދުވަހު ނުކުޅެ ހުންނަންޖެހި، އަލުން ކުރީގެ ފިޓްނަސްއަށް އައުމަށް ގިނަ ދުވަސްތަކެއް ހޭދަވިއެވެ.
އޭރު ގައުމީ ޓީމަށް ކުޅެނީ މުސާރައެއްވެސް ނެތި. ޝަރަފަކަށް އެންމެންވެސް ބަލަނީ. އެންމެންވެސް 100 ޕަސެންޓް ގައުމީ ޓީމަށް ދޭނެ ޓީމަށް އަރަން ވާދަވެރިކަމުން. އަނިޔާއަށްފަހު އީރާނާ ދެކޮޅަށް ކުޅެން ފުރުސަތު ލިބުމުން ވަރަށް އުފާވި.ބެންޖޯ ބުންޏެވެ.
ގަދަ ނަންތަކުގެ ތެރެއިން ވިކްޓަރީ ފިޔަވައި އެހެން ހުރިހާ ޓީމަކަށްވެސް ބެންޖޯ ކުޅުނެވެ. ނިއުރޭޑިއަންޓާއި، މާޒިޔާއާއި، ޓީސީއާއި، ސަސްއާއި އީގަލްސްގެ ޖާޒީ ލިއެވެ. ކުޑައިރުއްސުރެ ސަޕޯޓްކުރާ ޓީމަކީ ވެލެންސިއާއެވެ. ރީނދޫ ޖާޒީގައި ކުޅެން އޭނާ ދެކެމުން އައި ހުވެފެނުގައި ކުލަޖެހުނީ 2014 އަދި 2015އާއި 2022ގައެވެ. އެތައް އަހަރަކަށްފަހު ވެލެންސިއާއިން ތައްޓެއް ހޯދުމަށް ބިނާކުރަން ފެށި ޓީމުގެ ފެށުމުގައި ބޭންޑް އަޅައިގެން ހުރީ އޭނާއެވެ.
ވެލެންސިއާއަކީ ސަޕޯޓްކުރާ އަދި ކުޑައިރުވެސް އެންމެ ކުޅެން ބޭނުންވި ޓީމު. ވެލެންސިއާގެ ބޭންޑް އަޅަން ލިބުމުން ވަރަށް އުފާވި. އޭރު ވެލެންސިއާގަ އޮތީ އެހާ ގަދަ ޓީމެއްނޫން. އެކަމަކު ތައްޓެއް ނުލިބި ގިނަ ދުވަސްވެ، އަލުން ޓީމު ބިލްޑްކުރުމުގެ މަރުހަލާގަ ލިބުނު ކާމިޔާބީ ރަނގަޅު. ވެލެންސިއާގަ އޮތީ އެކުވެރި، ނަތީޖާ ނެރެން މަސައްކަތްކުރި ސްކޮޑެއް.ބެންޖޯ ބުންޏެވެ.
މި ހުރިހާ ކަމަކަށްވުރެ ބޮޑަށް ފުޓްބޯޅަ ދަނޑުގައި އޭނާގެ އެންމެ އުފާވި ދުވަހަކީ ޓީސީއަށް ބަނގަލްދޭޝްގެ ޝައިޚް ކަލާމް އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދެވުނު ދުވަހެވެ. އެ މުބާރާތަށް ދިޔަ ޓީސީ ޓީމަށް ބެންޖޯ ނެގީ، އޭނާ ބުނާގޮތުންނަމަ "ކުލަބުތަކުން އޭނާ ބޭނުންނެތިފައި ތިއްބައި،" އަބަދުވެސް ގާތް ގުޅުމެއް އޮންނަ ކޯޗު މުހައްމަދު ނިޒާމެވެ. ޝަމްވީލް ގާސިމް (ބޮންޑާ) ބެންޗުކޮށްފައި ކޯޗު ނިޒާމް ޓީމުގެ މެދުތެރެ ހަވާލުކުރީ ބެންޖޯއަށެވެ. މުޅި ކެރިއަރުގައި ފަހަތަށް ކުޅުނު ދިފާއީ ކުޅުންތެރިޔާއަށް އެކަންވީ މުޅިން އައު ތަޖުރިބާއަކަށެވެ. އެކަމަކު ފައިނަލް މެޗުގައި ގޯލު ޖެހީވެސް އޭނާއެވެ.
ޝައިޚް ކަމާލް މުބާރާތް ލިބުމަކީ އެންމެ އުފާވި ދުވަސް. އެ ފަހަރު އެ މުބާރާތް ކުޅުނީ ބެންޖޯ ނިމިއްޖެކަމަށް ގިނަ ބަޔަކު ނިންމައިގެން ތިއްބާ. ޓީމުތަކުންވެސް މާބޮޑަށް އޭރު އަޅާނުލާ. އެހެން ހުއްޓާ ނިޒާމްބެ ވަރަށް ބޮޑަށް އެހީތެރިވެގެން ކުޅުނީ. ފައިނަލް މެޗުގަ ގޯލުވެސް ޖަހައިގެން ތަށި ލިބުނީމަ ވަރަށް އުފާވި.ބެންޖޯ ބުންޏެވެ.
މި ފައިނަލުގައި ބެންޖޯ ގޯލު ޖެހުމަކީ ސަޕްރައިޒެއްނޫނެވެ. އޭނާއަކީ ހެޑިން ރަނގަޅު ޑިފެންޑަރެކެވެ. ކޯނަރުތަކާއި ހިލޭ ޖެހުންތަކަށް ކުރިއަރައި، ފައިންނާއި ބޮލުން ގޯލު ޖަހަން ފަރިތަ ކުޅުންތެރިއެކެވެ. މިކަން އެންމެ ރަނގަޅަށް ފެނުނީ 2013 ވަނަ ވީބީގައެވެ. އެ އަހަރު ދިވެހި ކުޅުންތެރިއަކަށް އެންމެ ގިނަ ގޯލު ޖެހީ ބެންޖޯއެވެ. ޖުމުލަ އަށް ގޯލު ޖެހިއެވެ. މިހުރިހާ ގޯލެއް ޖެހިޔަސް އައްޑުއަށް ނިސްބަތްވާ ކުލަބު އެ އަހަރު ރެލިގޭޓްވިއެވެ. ބެންޖޯ ބުނީ "އެއީ އެންމެ ހިތްދަތިވި، އެންމެ ދެރަވި ދުވަސް" ކަމަށެވެ.
މިދިޔަ ބުދަ ދުވަހު މާޒިޔާއާއި އީގަލްސް ކުޅުނު މެޗަށްފަހު މާޒިޔާއިން ދިވެހި ލީގު ޝީލްޑް އުފުލާލިއެވެ. މޮޅުވެގެން ލީގު ކާމިޔާބު ކުރެވެން އޮތް އީގަލްސް ކުޅުންތެރިން އަތްމައްޗަށް ލައިގެން އުފުލަމުންދިޔައީ ބެންޖޯއެވެ. އެ މަންޒަރުން އެކަނިވެސް، މެދުނުކެނޑި 19 އަހަރު ފުރަތަމަ ޑިވިޝަނުގައި ބޯޅަކުޅުމަކީ އާދައިގެ ކަމެއްނޫންކަން ސިފަވިއެވެ. މާޒިޔާއާއި އީގަލްސް މެޗަށްފަހު ބެންޖޯ ރިޓަޔަރމަންޓް އިއުލާނުކުރީ ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމަށް ގަސްތުކޮށްގެންނެވެ. ފޭދޫ ސްޕޯޓްސް ކުލަބުގެ ރައީސްކަންވެސް ކުރަމުން އަންނަ ބެންޖޯގެ ކުރިމަތިލަނީ، އޭނާ ނިސްބަތްވާ ފޭދޫ ދެކުނު ދާއިރާއަށެވެ. ޕްލޭން ބީއަކީ ކޯޗެއްގެ ގޮތުގައި ފުޓްބޯޅައިގައި އުޅުމެވެ.
ސޯޅަ އަހަރު އިމިގްރޭޝަނުގައި އުޅުމަށްފަހު މިހާރު ޖޯލި މޯލްޑިވްސްގައި ވަޒީފާ އަދާކުރަމުން އަންނަ ބެންޖޯއަކީ މިހާރުވެސް ފުޓްސަލްގައި ކާމިޔާބު ހޯދަމުން އަންނަ ކޯޗެކެވެ. ރިސޯޓް މުބާރާތުގެ ދެ ތަށި ހޯދައިފިއެވެ. އާދައިގެ ޓީމަކާއެކު ބޭންކް އޮފް މޯލްޑްވްސް ގޮވައިގެން މިއަހަރު ކްލަބް މޯލްޑިވްސް ކަޕުގެ ސެމީއަށް ދަތުރުކުރިއެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ)ގެ ބޭބެ މުހައްމަދު ސައީދު (ސަޑޭ) އުޖޫރައެއްނެތި ހިންގި އެކަޑަމީގެ ތެރެއިން ފުރޭނިގެން އައި ބެންޖޯގެ ކެރިއަރުން އެހެން ކުޅުންތެރިން މިސާލު ނަގަންޖެހޭ އެތައް ކަމެއް ވެއެވެ. އޭނާއަކީ އަބަދުވެސް ފުރަތަމަ 11ގެ މީހެކެވެ. އަޚުލާގު ރަނގަޅު، ކޯޗުން ބުނާގޮތް ހެދި ކުޅުންތެރިއެކެވެ. އިންޖަރީ މަދު ކުޅުންތެރިއެކެވެ. މެދުނުކެނޑި 19 އަހަރުގެ ހިފަހައްޓާލެވުނީ ގުރުބާނީތަކެއް ވެގެންނެވެ.
މިހާ ދުވަހު ހިފެހެއްޓުނީ ވަކިން ފިޓްނަސްއަށް ވިސްނައިގެން މަސައްކަތް ކުރުމުން. ނިދުމާ ކެއުން ބަހައްޓަނީ ވަކި ގޮތަކަށް. ފުދޭ ވަރަކަށް ސެކްރިފައިސް ވެގެން ކުޅެވުނީ. ވަރަށް ބޮޑު މަސައްކަތެއް މީ.ބެންޖޯ ބުންޏެވެ.
މިކަމުގައި އެންމެ ޚާއްސަ ޝުކުރެއް އޮތީ އޭނާގެ އަންހެނުންނަށެވެ. އެއަށްފަހު އާއިލާއާއި، ރަހުމަތްތެރިންނާއި، ކުލަބުތަކާއި، އެކުގައި ކުޅުނު ކުޅުންތެރިންނާއި، ކޯޗުންނާއި އޮފިޝަލުންނަށެވެ.