އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް، އެއް އަހަރު ފުރުން ފާހަގަކޮށްފި އެވެ.
މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރީ ފައިނަލްގައި ފްރާންސް ބަލިކޮށްފަ އެވެ. އެއީ 36 އަހަރަށްފަހު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
އާޖެންޓީނާގެ އާޓިސްޓަކު، ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިތާ އެއް އަހަރު ފުރުން ފާހަގަކުރީ ބުއެނޯސް އައިރެސްގެ މައި އެއް މަގުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފޮޓޯއެއް ފެންނަ މަންޒަރަކުންނެވެ. މުރަލިސްޓް މާޓިން ރޮން ތައްޔާރުކުރި އެ މަންޒަރުން ފެންނަނީ ވޯލްޑް ކަޕްގައި މެކްސިކޯއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު ކެޕްޓަން މެސީ އަތުން ކޮށްފައިވާ އިޝާރާތެވެ. އެ މަންޒަރު ތައްޔާރު ކުރި އާޓިސްޓް މީޑިއާތަކާ ވާހަކަ ދައްކަމުން ބުނީ، އޭނާ އެ ފޮޓޯ ގަނޑު ބޭނުން ކުރުމުގެ މަޤުސަދަކީ، މެކްސިކޯ މެޗަކީ، އާޖެންޓީނާގެ ވޯލްޑް ކަޕްގެ ކުރިމަގު ބަދަލުކޮށްލަދިން މެޗަށްވުމުން ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ، އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރީ ވެސް މެސީ ކަމަށެވެ. އެހެންވެ، އެ ތާރީޚީ ކާމިޔާބީ އަށް އެއް އަހަރު ފުރުން ފާހަގަ ކުރަން އޭނާ ބޭނުންވީ ވެސް އެފަދަ ގޮތަކަސް ކަމަށް އާޓިސްޓް ވަނީ ބުނެފަ އެވެ. އޭނާ ބުނީ އާޖެންޓީނާ އިން ހޯދި ކާމިޔާބަކީ އަބަދަށްމެ ފާހަގަ ކުރަން ޖެހޭ ކާމިޔާބީއެއް ކަމަށެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް މެސީ އެވެ. އަދި އެއީ އޭނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އެހެންވެ، މެސީ އަށް އެއީ ޚާއްސަ ކާމިޔާބީ އަކަަށް ވާނެ އެވެ.