Advertisement
ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 13:03
އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގެ ތެރެއިން
ރައީސް މުއިއްޒުގެ ސަރުކާރު
ރައީސް މުއިއްޒުއަކީ ދޮގާއި، މަކަރު ހައްދަވާ ބޭފުޅެއްކަން އެންމެންނަށް އެނގޭ - ފަލާހް
ފަލާހު ވިދާޅުވީ ހަފްތާ 14ގެ ނަމުގައި ރައީސް ދައްކަވަނީ 'ހޮޅި' ވާހަކަތަކެއް ކަަމަށް

ރައީސް ޑރ. މުއިއްޒު އަކީ ދޮގާއި، މަކަރާއި، ހީލަތާއި ދެން ވެސް ހުރި އޮޅުވާލުންތަކެއް އޮޅުވާލައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްކަން އެންމެންނަށް ވެސް މިހާރު އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމާއި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އަހްމަދު އިމްރާނުގެ ކެމްޕެއިންގެ ތެރެއިން ބުދަ ދުވަހުގެރޭ ވަނީ ބޮނޑިބަތްޕާކުގައި ކަންމަތީ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ ހަފްތާ 14ގެ ނަމުގައި ރައީސް ޑރ. މުއިއްޒު ދައްކަވަނީ 'ހޮޅި' ވާހަކަފުޅުތަކެއް ކަަމަށެވެ. އަދި ވެރިކަމަށް މަހެއް ވީއިރު އަދި ސަރުކާރަށް ލިބެނީ ސުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ނިމިދިޔަ ސަރުކާރުގައި ދީފައިވާ ގޯތިތައް އެ ގޯތި ދިން ތަނަކުން، ދިންގޮތަކަށް ދެއްވާނެ ކަަމަށް ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ވަރަށް ބާރަށް ވިދާޅުވަމުން ގެންދެވިކަމަށް ފަލާހު ވިދާޅުވިއެވެ. ނަމަވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދިނުން މިހާރު މަޑުޖައްސާލާފައިވާކަމަށާއި ގޯތިތައް ލިބޭނެ ދުވަހެއްގެ ޔަގީންކަން ގެއްލިފައިވާކަމަށް ފަލާހު ވިދާޅުވިއެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެން އޮތީ އާދަމް އާޒިމް މާލެސިޓީ ކައުންސިލްގެ މޭޔަރަކަށް އިންތިހާބުރައްވައިގެން ކަމަށް ފަލާހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފަލާހު ވަނީ އާޒިމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެގޮތުން އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގައި އާޒިމްކުރައްވާފައިވާ މަސައްކަތް ފަލާހު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައި ވެސް އާޒިމްގެ ދައުރު ފަލާހު ފާހަގަކުރެއްވިއެވެ. ނަރުދަމާ އާއި ފެންހޮޅި އެޅުމާއި ރަށްގިރުން ފަދަ މައްސަލަތަކަށް ހައްލު ހޯއްދަަވައިދެއްވުމުގައި އިސް މޭސްތިޔަކަށް އާޒިމް ހުންނެވި ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުގައި މުއިއްޒު އަށް ވޯޓުދިން މީހުން އެކަން ކުރީ ވަސްވާހެއްގައި ޖެހިގެން ކަމަށާއި އޭރު މުއިއްޒު ދެއްކެވީ ދޮގު ވާހަކަތަކެއްކަން މިއަދު ހާމަވަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް