ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.
މެޓު އޮފީހުން ބުނީ މިއަދު ހެނދުނު ދިހައަކުން ފެށިގެން މާދަމާ ހެނދުނު 10:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ.
އެގޮތުން ލ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
އެހެންކަމުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހި ވައިބާރުވެ ގުގުރާނެ ކަމަށް ލަފާކުރެވޭތީ މިސަރަހައްދުތަކަށް މިހާރު ވަނީ ވައިޓް އެލާޓް ނެރެފައެވެ. އަދި މި ސަރަހައްދަށްވެސް 45 މޭލަށް ވައި ގަދަވާނެ ކަމަށްވަނީ ލަފާކޮށްފައެވެ. ވައިޓް އެލާޓް ނެރެފައިވަނީ ހުކުރު ދުވަހުގެ 14:00 އިން ފެށިގެން 1900 އާއި ހަމައަށެވެ.
ALERT WHITE
— Maldives Meteorology (@MetMaldives) July 28, 2017
Heavy rain and thunderstorms with gust winds of 45 mph expected.
Area:Between Haa Alif & Laamu atoll.Period:28/1400-28/1900hrs.
ރާއްޖޭގެ ކަނޑުތައް ދެކުނުގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.