އަޅުގަނޑުމެންނަށް ބަޔަކު ކިތަންމެ އަނިޔާ ކުރިޔަސް އިންސާފުގެ މަގު ހިޔާރު ކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.
ފުލުހުން ހައްޔަރުކޮށްފައިވާ ހުރިހާ މެމްބަރުން ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް ރައީސް މައުމޫނު ވަނީ ގޮވާލައްވާފައެވެ.
Alhugan'dumennah bayaku kithamme aniyā kurias, alhugan'dumen ikhthiyāru kuranvānī insāfuge magu.
— Maumoon Abdul Gayoom (@maumoonagayoom) July 28, 2017
މިމަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ މެމްބަރު ނޫން ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންތައް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވެންނެވި މައްސަލާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަޙްމަދު މަނިކާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިހާރު ވެސް ހުންނެވީ ބަންދުކޮށްފަ އެވެ. ރިޝްވަތު ދެއްވިކަމުގެ ތުހުމަތުކޮށް، ޝަރީއަތް ނިމެންދެންފާރިސް ބަންދުކުރުމަށް ކްރިމިނަލްކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ފާރިސް ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގަ އެވެ.
އިތުރު މެމްބަރުންތަކެއް ހައްޔަރު ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
މެމްބަރުން ހައްޔަރުކުރުމަށް ސަރުކާރުން މި ފެށީ، މަޖިލީހުގައި އޮތް ސަރުކާރުގެ ބޮޑު އަޣުލަބިއްޔަތު ގެއްލިގެން ދިއުމުންނެވެ.