ހުޅުމާލޭ، ހުރަވީ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާ ނިންމާލައިފިއެވެ.
މި ޕްރޮގްރާމުގެ ނިނުމުން ފާހަގަކުރުމަށް ހުރަވީ ސްކޫލު ހޯލުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަމާންއެވެ. އެ ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހުސައިން ރަޝީދު މޫސާ އާއި މާލޭ އޭރިއާ 2 ގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް، ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަންގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީހު، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ހުރަވީ ސުކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަމާން ވިދާޅުވީ ޕްރޮގްރާމް ނިންމި ދަރިވަރުން ހިފީ ގައުމުގެ އަމަން ބަލަހައްޓާ ފުލުހުންގެ އަތުގައި ކަމަށެވެ. އެހެންވެ އުނގަންނައި ދީފައިވާ އެއްޗެހީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އަދި ފުލުހުންނާ ގުޅިގެން ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް އިސްނެގި ކަމަށްޓަކައި އެ ދަރިވަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އެސިސްޓެންޓް ކޮމިޝަނަރ ވަނީ ދަރިވަރުންނަކީ ބެލެނިވެރިންނާއި މުދައްރިސުންނަށް މަގުމަތީގައި އަމަލުތައް ބަހައްޓަންވީގޮތް ބުނެދޭ ދަރިވަރުންނަށް ވުމަށާއި ޓްރެފިކް ވައިލޭޓްވާނަމަ އެއީ ގޯސްކަމެއްކަން މީހުންނަށް ހަނދާންކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އާއިލާއާއެކު މަގުމަތީގައި އުޅޭއިރު ވެސް މީހަކު ޓްރެފިކް ވައިލޭޓް ކުރާނަމަ ބޮޑުމީހަކު މެދުވެރިކޮށް އެމީހުންނަށް ރަނގަޅުގޮތް ބުނެދޭން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، ދަރިވަރުންގެ ފަރާތުން އެހެން މީހުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި ދަރިވަރުންގެ ކުރިއެރުމަށް ކުރާ ކޮންމެ ކަމަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަރުހަބާ ކިޔާނެކަމަށް އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވިއެވެ.
ނޮވެމްބަރު 4 އިން 11 އަށް ހުރަވީ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް އެ ސްކޫލުގެ 33 ދަރިވަރުން ފުރިހަމަކުރިއެވެ.