Advertisement
ކ. މާލެ
|
13 ޑިސެންބަރ 2023 | ބުދަ 22:47
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
އޮފިޝަލުން ހޯދުން
ތަރުހީބު ކުޑަވެ، އޮފިޝަލުން ހޯދުމަށް އީސީން ޖޮބް ފެއަރއެއް ބާއްވަނީ
350ށްވުރެން ގިނަ ވަގުތީ މުވައްޒަފުން ހޯދުމަށް މިހާރު ވެސް އީސީން އިއުލާންކޮށްފައިވޭ

މަޖިލިސް އިންތިޚާބަށް އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ޖޮބް ފެއަރއެއް ބޭއްވުމަށް ނިންމައިފިއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 350ށްވުރެ ގިނަ ވަގުތީ މުވައްޒަފުން ހޯދުމަށް މިހާރު ވެސް އީސީން އިއުލާންކޮށްފައިވާ ކަމަށާއި އެންމެ އެދޭ މިންވަރަކަށް އެޕްލިކޭޝަން ލިބެމުން ނުދާ ކަމަށެވެ.

ޑިސެމްބަރު މަހުގެ 23 އަދި 24 ވަނަ ދުވަހު ދަރުބާރުގޭގައި ހެނދުނުން ފެށިގެން ރޭގަނޑާއި ހަމައަށް ޖޮބް ފެއަރއެއް ބޭއްވުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ރިޔާސީ އިންތިޅާބުގައި ވެސް އޮފިޝަލުން ހޯދުމަށް ދަތިވިއިރު މިފަދަ ފެއަރއެއް ބޭއްވުމުން އޭރު އެކަން ވަރަށް ކާމިޔާބު ކަމަކަށްވި ކަމަށެވެ.

Advertisement

350ށްވުރެ ގިނަ ވަގުތީ މުވައްޒަފުން ހޯދުމަށް އިއުލާން ކޮށްފައިވާއިރު މިހާތަނަށް ލިބުނީ 50 އެޕްލިކޭޝަން ފޯމް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއާ ބޭހޭގޮތުން ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ ދައުލަތުން ފައިސާގެ އެހީ ސިޔާސީ ޕާޓީތަކަށް ލިބޭނީ މިއަހަރުގެ ޑިސެމްބަރު 13 ގައި ރަސްމީ ގަޑިއާ ހަމަޔަށް 10000 މެމްބަރުން ހަމަވާ ޕާޓީތަކަށް ކަމަށެވެ. އަދި ޑިސެމްބަރު 13 ވަނަ ދުވަހުގެ 15:00 ޖެހުމާއި ހަމައަށް އީސީގެ ޕޯޓަލަށް އަޕްލޯޯޑްކޮށްފައިވާ ފޯމުތަކުގެ އަދަދަށް ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަނީ މިސާލަކަށް މިހަފްތާ ފޯމް ހުށަހަޅައިފިނަމަ އަންނަ ހަފްތާގެ އާދިއްތަ ދުވަހު އެ ފޯމްތަކުގެ ޝަކުވާއަށް ހުށަހެޅުމަށް. ދެން އަންނަ ހަފްތާއެއްގެ ހޯމަ ދުވަހު ފޯމްތައް ޕްރޮސެސްކޮށް ނިމޭނެ. އެހެންކަމުން އެގޮތަށް ބަލާނަމަ ސިޔާސީ ޕާޓީތަކުގެ 18000 ފޯމް ޕްރޮސެސް ކުރުމުގެ މަސައްކަތް މިއަދާ ހަމައަށް ކުރަމުން މިދަނީ"
އިލެކްޗަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް

ހަބީބު ވިދާޅުވީ 18000 ފޯމުގެ ތެރެއިން ގިނަ އަދަދެއްގެ ފޯމަކީ ޕީއެންސީގެ ފޯމުތައް ކަމަށެވެ. އެޕާޓީގެ ފަރާތުން 10000 މެމްބަރުން ހަމަވާ ވަރަށް ފޯމުތައް ހުށަހަޅާފައިވާކަން ޔަޤީން ކަމަށާއި އެ އަދަދުތައް ކަނޑައަޅާނީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށް ވެސް ވިދާޅުވިއެވެ.

މި މަހުގެ 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދުގެ މައްޗަށް ބަލާފައި ފައިސާ ދޭނެ ކަމަށާއި އެ ޕާޓީ ވުޖޫދުގައި އޮންނާނީ ވެސް 31 ޑިސެމްބަރުގެ ނިޔަލަށް މެމްބަރުންގެ އަދަދުތަކުގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ސިޔާސީ ޕާޓީތަކަށް ގިނަ އަދަދެއްގެ މެމްބަރުން ވެއްދުމަށްޓަކައި ޕާޓީތަކުން މަސައްކަތް ކުރާ ދުވަސްވަރެއްކަމުން ސައްހަ ފޯމް ހުށަހެޅުމަށް ޕާޓީތަކުން ސަމާލުކަން ދިނުމަށް ހަބީބު ވަނީ އިލްތިމާސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް