ކ. މާލެ
|
10 ޑިސެންބަރ 2023 | އާދީއްތަ 23:39
ބާޒާރުގައި މީހަކު ފިޔާ ސާފު ކުރަނީ
ބާޒާރުގައި މީހަކު ފިޔާ ސާފު ކުރަނީ
މުހައްމަދު ޝަރުހާން
އިކޮނޮމިކް މިނިސްޓްރީ
އާއްމުންނަށް ދަތިވާ ގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތި ނުކުރުމަށް އިލްތިމާސްކޮށްފި
ބާޒާރުގައި ފިޔާގެ އަގު 20-50 އިންސައްތައާ ދެމެދުގެ އަދަދަކަށް އުފުލިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ
އިންޑިއާއިން ފިޔާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ބުނޭ

އާއްމުންނަށް ދަތިވާގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތި ނުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުތަނުން އުފުލިފައިވާތީ އެކަމާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައެވެ. އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ބާޒާރުގައި ބައެއް ފަރާތްތަކުން ފިޔާގެ އަގު ބޮޑުކުރަމުންދާތީ އާއްމުންގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. އެހެންވެ އެކަން ބަލައި ފާހަގަކުރެވުނު ކަންކަން ވަނީ ހިއްސާކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ބެލި ބެލުމުން މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން، ބައެއް ޤައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވީ ނަމަވެސް ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ އެއްވެސް ފިޔަވަޅެއް އެ ޤައުމުން އަޅާފައި ނުވާ ކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ރާއްޖެއަށް ފިޔާ އިމްޕޯޓު ކުރާ ބައެއް ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުގައި ރާއްޖެއަށް ދަތިކަމެއް ނެތި ފިޔާ އިމްޕޯޓުް ކުރެވޭނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކުން ދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

Advertisement

މީގެ އިތުރުން ތަފާތު 23 ވިޔަފާރިއަކުން އަގުތައް ބަލައި ދިރާސާއެއް ކޮށްފައިވާކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ 23 ނޮވެމްބަރު 2023 އާ އަޅާބަލާއިރު 10 ޑިސެމްބަރު 2023 ގައި ބާޒާރުގައި ފިޔާގެ އަގު 20 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދަކަށް އުފުލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފިޔާ އަދި އެހެނިހެން ޒަރޫރީ ބާވަތްތައް ވެސް ރާއްޖެއަށް އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ޒަރޫރީ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަށް އެކަށޭނަ ހައްލެއް ސަރުކާރުން ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް