ކ. މާލެ
|
8 ޑިސެންބަރ 2023 | ހުކުރު 08:11
ބަޖެޓް 2024
ބަޖެޓް 2024
ފިނޭންސް މިނިސްޓްރީ
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު ބަޖެޓުން އުނިކޮށްފި
ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި
ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކާއި އެތަންތަނުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމާއި އަސާސީ ޚިދުމަތްތައް ގާއިމުކުރުން އިތުރު 200 މިލިއަން ރުފިޔާ ހިމެނުމަށް ކޮމިޓީން ފާސްކުރި

މި ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ބަޖެޓުގައި ހިމެނި ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓް ކޮމިޓީން ދިރާސާކުރުމަށްފަހު އުނިކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ. އެހެންނަމަވެސް އެ ފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ހިމަނާފައެއްނުވެއެވެ.

ބަޖެޓް ފާސްކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ މި ފައިސާ ބަޖެޓުން އުނިކޮށްފައެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އުނިކުރި އިރު ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކާއި އެ ތަންތަނުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމާއި އަސާސީ ޚިދުމަތްތައް ގާއިމުކުރުން އިތުރު 200 މިލިއަން ރުފިޔާ ހިމެނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ފުށިދިއްގަރުފަޅު ހިއްކަން ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ރާވާފައިވާ ކަމެކެވެ.

Advertisement

ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެކަމަށް ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ބަޖެޓް ހުށަހެޅިއިރު އަލުން ތަނެއް ހިއްކުމަށް ބޮޑު އަދަދެއް ހިމަނާފައިވާތީ އެކަމުގެ ކަންބޮޑުވުން އެމްޑީޕީގެ މެންބަރުން ވަނީ ފާޅުކޮށްފައެވެ. އެ މެންބަރުންގެ ކަންބޮޑުވުމަކީ އެމްޑީޕީ ސަރުކާރުގައި ގޯއްޗާއި ފްލެޓް ދިނުމަށް ބިން ހިއްކަމުންދިޔަ މަޝްރޫޢުތައް ނުނިންމާ އަލުން އައު މަޝްރޫޢެއް ފެށުމެވެ. އެމްޑީޕީން ބުނަމުން އަންނަނީ އެމްޑީޕީ ސަރުކާރުގައި ދޫކުރި ފްލެޓާއި ގޯތީގައި މީހުންނަށް ދިރިއުޅެވޭ ވަރަށް އެތަންތަނުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރަން ޖެހޭކަމަށެވެ.

ބަޖެޓު ކޮމިޓީން ދިރާސާ ކުރުމަށްފަހު ފުށިދިއްގަރުފަޅު މަޝްރޫޢު ބަޖެޓުން އުނިކޮށްފައިވާއިރު ބައެއް ރަށްރަށުގައި ހިންގަން ކަނޑައަޅާފައިވާ ކުދި މަޝްރޫޢުތައް ވެސް އުނިކޮށްފައިވެއެވެ. އަދި ޕީއެސްއައިޕީ ބަޖެޓަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް