އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކަށް އިސްރާއީލުގެ ނިރުބަވެރިން ދެމުން ގެންދާ ހަމަލާތަކުގެ ނަތީޖާ ބައްލަވާލެއްވުމަށް ޣައްޒާއަށް ވަޑައިގަތުމަށް ހަމާސްގެ އިސް އޮފިޝަލަކު ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް އަށް އެރުވި ދައުވަތަށް އޭނާ ދެކޮޅު ހައްދަވައިފި އެވެ.
ދެކުނު އެފްރިކާއަށް ނިސްބަތްވާ ބިލިއަނަރު ދާދި ފަހުން އިސްރާއީލަށް ކުރެއްވި ޒިޔާރަތެއްގައި އޭނާ ވިދާޅުވީ ހަމާސްގެ ވަސް ދުނިޔޭން ފޮހެލުން ނޫން ގޮތެއް ނެތް ކަމަށެވެ. އެހެން ވިދާޅުވުމުން ގިނަބައެއްގެ ފާޑުކިޔުން އޭނާއަށްވަނީ ރައްދުވެފައެވެ.
މިދިޔަ އަންގާރަ ދުވަހު ލުބުނާނުގެ ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމާސްގެ ޕޮލިޓްބިއުރޯގެ މެންބަރެއް ކަމަށްވާ އުސާމާ ހަމްދާން ވިދާޅުވީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ޖަރީމާތަކާއި ހަލާކުގެ މިންވަރު، ބައްލަވާލެއްވުމަށް ޣައްޒާއަށް ވަޑައިގަތުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން މަސްކްއަށް ދައުވަތު އަރުވާކަމަށެވެ.
އެ ދައުވަތާ ގުޅޭ ގޮތުން އެކްސްގައި މަސްކްގެ ޕޯސްޓަކަށް މީހަކު ކޮމެންޓެއްގެ ގޮތުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަސްކް ވިދާޅުވީ މިވަގުތު އެތަނަށް ދިޔުން ތަންކޮޅެއް ނުރައްކާތެރި ކަމަށް ހީފުޅުވާ ކަމަށެވެ.
އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިގު މުއްދަތަކަށް ތަނަވަސް ޣައްޒާއެއް އޮތުމަކީ ހުރިހާ ފަރާތަކަށް ވެސް ރަނގަޅު ކަމެއްއީލޮން މަސްކް
މަސްކް މިހެން ވިދާޅުވެފައި މިވަނީ ހޯމަ ދުވަހު އިސްރާއީލަށް ވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ރައީސް އައިޒަކް ހަރްޒޯގްއާ ބައްދަލުކުރައްވައި ހަމާސް ޖަމާއަތުން ހަލާކުކޮށްލާފައިވާ ކިބްބުޓްޒްގެ ތަންތަން ބައްލަވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.
އަދި ނަތަންޔާހޫއާ ވާހަކަ ދެއްކެވި އިރު، ހަމާސްއާ ބެހޭ ގޮތުން ނަތަންޔާހޫ ގެންގުޅުއްވާ ސްޓޭންޑަށް އެއްބަސްވެވަޑައިގެން ވިދާޅުވީ "މީހުން މަރަން އުޅޭ މީހުން ނައްތާލަން ޖެހޭ" ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި މިހާތަނަށް ވަނީ 15،000 ށްވުރެ ގިނަ މީހުން މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މީގެއިތުރުން އެ ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާވަނީ ސުންނާފަތިވެ އިންސާނީ ކާރިސާއަކާއި ކުރިމަތިލާން ޖެހިފައެވެ. އދ. އިން ބުނީ ހަމަލާތަކުގައި މަރުވި މީހުންނަށްވުރެ، ފަލަސްތީނުގައި ދެން ފެތުރޭ ބަލިމަޑުގަކަމެއްގައި މަރުވާ މީހުން ގިނަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވަމުން އަންނައިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނަށް ތާއީދުކުރާ އެތައްހާސް ބަޔަކުވަނީ ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ.