ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 14:49
އީލޮން މަސްކް އިސްރާޢީލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
އީލޮން މަސްކް އިސްރާޢީލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރޮއިޓާސް
އީލޮން މަސްކް ޣައްޒާއަށް ވަޑައިގަތުމަށް އެދުން
ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގައި ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް ޣައްޒާއަށް ވަޑައިގަތުމަށް އީލޮން މަސްކް އަށް ދައުވަތު އަރުވައިފި
ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ޣައްޒާއަށް ފޯރުކޮށްދިނުން އިސްރާއީލުން ވަނީ މަނާކޮށްފައި

އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލު ޢާއްމުގައި ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް ޣައްޒާއަށް ވަޑައިގަތުމަށް، ދުނިޔޭގެ އެންމެ މުއްސަނދި ޓެކް މަހުޖަނު އީލޮން މަސްކް އަށް ހަމާސްއިން ދައުވަތު އަރުވައިފި އެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމާސްގެ ލީޑަރު އުސާމާ ހަމްދާން ވަނީ މިދިޔަ މަހު ހަމާސްގެ ރޮކެޓް ހަމަލާގެ ސަބަބުން އިސްރާއީލަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް މަސްކް އިސްރާއީލަށް ވަޑައިގަތުމުން، ހަމަ އެފަދަ ދަތުރު ފުޅެއް ފަލަސްތީނަށް ވެސް ކުރެއްވުމަށް އެދި މަސްކްއަށް ދައުވަތު އަރުވާފަ އެވެ.

މަސްކްވަނީ އިސްރާއީލަށް ވަޑައިގެން ހަމާސްގެ ހަމަލާތަކަކީ ޖަރީމާއެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފަ އެވެ. އަދި އެފަދަ ދެކޮޅުވެރި ނުރައްކާތެރި ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެކަމަށް މަސްކު ވަނީ ވަޢުދުވެވަޑައިގެންފަ އެވެ.

ޣައްޒާއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު އަރުވަނީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާއި ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް
ހަމާސްގެ ލީޑަރު އުސާމާ ހަމްދާން

އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ ޢާއްމު ރައްޔިތުންގެ ގެތަކަށް 40،000 ޓަނަށް ވުރެ ގިނަ ބޮން އަޅާފައިވާ ކަމަށް ބުނާ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ 50 ދުވަހުގެ ވަރުގަދަ ކުރިމަތިލުންތަކުގައި އެތައް ހާސް ބަޔަކު މަރުވެ، އާބާދީ ބޮޑު އައްސޭރި ފަށު ސަރަޙައްދުގެ ބޮޑު ބައެއް ހަލާކުވެފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން މަސްކް އަދި އެއްވެސް ޖަވާބެއް ދެއްވާފައެއްނުވެ އެވެ. މަސްކް އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އޭނާގެ ކުންފުނިތަކާއި އިސްރާއީލުގެ ސްޓާޓްއަޕްތަކާ ދެމެދު ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. 

މަސްކް ޣައްޒާއަށް ވަޑައިގަތުމަށް ހަމާސްއިން ދައުވަތު ދީފައިވާއިރު، އިސްރާއީލުން ދެމުން ދާ ހަމަލާތަކުގެ ސަބަބުން ޚިދުމަތް ކެނޑިފައިވާ ޣައްޒާގެ މުވާޞަލާތީ ގުޅުންތައް މަސްކްގެ ސްޓާލިންކް އިންޓަނެޓް މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށް މީގެ ކުރިންވަނީ ވިދާޅުވެއެވެ. ނަމަވެސް އެފަދަ އެއްވެސް އަމަލީ މަސައްކަތެއް އަދި މިހާތަނަށް މަސްކްގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކުން ޣައްޒާގައި ނުކުރެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި މަސްކްގެ ސްޓާލިންކް ކުންފުނިން ޣައްޒާއަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުން އިސްރާއީލުން ވަނީ މަނާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް