މިނިވަން ކަމާ އެކު ޚާރިޖީ ގުޅުން ހިންގުމުގެ ބާރު ލިބުނުތާ 52 އަހަރުވީއިރު ރައީސް ޔާމިން އެބާރު ސައުދީ އަދި ޗައިނާއަށް ދޫކޮށްލައްވައިފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާ ގުޅިގެން ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ދިވެހިން އަލުން މިނިވަން ކަމުގެ ކާމިޔާބު ހޯދާނެ ކަމަށެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވެފައިވާއިރު ރާއްޖޭގައި ހިންގާ ބިޔަ ބޮޑެތި މަޝްރޫއުތަކުގައި ޗައިނާ އާއި ސައުދީ އަތް ގަދަކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ގުޅުމަށް ދަތިތަތަކާ ކުރިމަތިވެދާނެ ކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
Minivan kamāeku khariji gulhun hingumuge bāru libunutha 51aharu veeiru RY ebaaru Saudi-China ah dhōkolavaifi. Dhivehin alun kāmiyāb hoadhāne
— Mohamed Nasheed (@MohamedNasheed) July 26, 2017
މިސަރަހައްދުގެ ބާރު ޗާއިނާގެ އަތްދަށަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަވަށްޓެރި އިންޑިޔާ ސްރީލަންކާއިން ތުހުމަތު ކުރަމުންދާއިރު ރައީސް ޔާމިންގެ ސަރުކާރުން ގެންދަނީ ޗައިނާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަމުންނެވެ.
އެގޮތުން ޗައިނާގެ އެހީތެރިކަމާއި އެކު އަޅަމުން އަންނަ ބްރިޖަކީ ރައީސް ޔާމިންގެ ރިޔާސީ ވައުދުތެރޭގައި ހިމެނޭ ކަމަކަށްވާއިރު ނަސަންދުރާގެ 25 ބުރީގެ އިމާރަތަކީވެސް ޗައިނާގެ އެހީތެރިކަމާއި އެކު އިމާރާތްކުރަމުންދާ ތަނެކެވެ. މިކަމުގައި ވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުރި ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މީގެ އިތުރުން މެދު އިރުމަތީގެ އެންމެ ބާރުގަދަ އެއް ގައުމުގެ ގޮތުގައި އޮންނަ ސައުދީ އަރަބިއްޔާއަށް ފ.އަތޮޅު ވިއްކާލަން އުޅުނު މައްސަލައަކީ ރައްޔިތުން އެކަމާއި ނުހަނު ކަންބޮޑުވުން ފާޅުކުރި މައްސަލައެކެވެ. އަދި ފ. އަތޮޅު ވިއްކާލުމުގެ ކަންކަން މަޑު ޖެހި ބިޔަ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނި މިވިޔަފާރި ހުއްޓުމަކަށް އައުމާއި ގުޅިގެން ރައީސް ޔާމިން ވިދާޅުވެފައި ވަނީ ރާއްޖެއަށް އިންވެސްޓަރުން ނައުމުގެ ޒިންމާ ނަގަންޖެހޭނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.