ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 07:58
ރަހީނުން މިނިވަންކުރުމާގުޅޭ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ދޫކުރަނީ އަންހެނުންނާއި ކުޑަކުދިން
ރަހީނުން މިނިވަންކުރުމާގުޅޭ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ދޫކުރަނީ އަންހެނުންނާއި ކުޑަކުދިން
ރޮއިޓާސް
އިސްރާއީލުގެ ޖަލުތަކުގައި ތިބި ގައިދީން ދޫކުރުން
އިސްރާއީލުން ހުކުރު ދުވަހު މިނިވަންކުރި ފަލަސްތީނުގެ 39 ގައިދީންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިން
ދޫކޮށްލި މީހުންގެ ތެރެއިން 17 މީހުންނަކީ ކުޑަކުދިން ކަމަށްވާއިރު، ދެން ތިބީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި އަންހެނުން

ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ވެފައިވާ، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުން ހުކުރު ދުވަހު މިނިވަންކުރި ފަލަސްތީނުގެ 39 ގައިދީންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިން ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވާގޮތުގައި، ދޫކޮށްލި މީހުންގެ ތެރެއިން 17 މީހުންނަކީ ކުޑަކުދިން ކަމަށްވާއިރު، ދެން ތިބީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި އަންހެނުންނެވެ. އޭގެ ތެރޭގައި ވަޅި ގެންގުޅުމާއި، ހިލަ އުކުމާއި، މަނާ ޖަމާއަތްތަކާ ގުޅުން ބޭއްވުމާއި، ގަވައިދާ ޚިލާފަށް އިސްރާއީލަށް އެތެރެވާން އުޅުންފަދަ ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މީހުން ހިމެނެއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި އިސްރާއީލުގެ އަސްކަރީ ކޯޓުތަކުން ކޮށްފައިވާ މިފަދަ ހުކުމްތަކުގެ ސައްހަކަމާމެދު ފަލަސްތީނުގެ ގިނަ ބަޔަކު ދެބަސްވެއެވެ. ނަމަވެސް ބަންދުގައި ތިބި މީހުންނާ އެމީހުންގެ އާއިލާތަކުން ވަނީ، މި މީހުން ދޫކޮށްލުމުން މަރުހަބާ ކިޔާފައެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތުން އެއްބަސްވެފައިވާ، ހަތަރު ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުނުއިރު، މިއީ ބޯޑަރު ހުރަސްކޮށް މިހާތަނަށް ހިނގި އެންމެ ވަރުގަދަ ހަނގުރާމައެވެ. މި ހަނގުރާމައަށް ހަ ހަފުތާ ވެފައިވާއިރު، ފަލަސްތީނުގެ 14،000ށްވުރެ ގިނަ މީހުން ވަނީ އިސްރާއިލުގެ ހަމަލާތަކުގައި ޝަހީދުވެފައެވެ.

ސުލްހަ ބަލަހައްޓާ ޖަމާއަތްތަކުން އުންމީދުކުރަނީ ހަމަނުޖެހުންތައް ވަގުތީގޮތުން މެދުކަނޑާލުމުން، ދިގު މުއްދަތަކަށް ހަމަނުޖެހުންތައް ނިމުމަކަށް ގެނެވޭނެ މަޝްވަރާތަކަށް މަގުފަހިވެގެން ދާނެކަމަށެވެ. ނަމަވެސް މީގެ ކުރިން ވެފައިވާ މިފަދަ އެއްބަސްވުންތަކަށް އަމަލުކުރުމުގައި އިސްރާއީލުން މާ ގިނަ ދުވަހަކު ދެމިއެއްނޯވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް